އުއްތަމަ ފަނޑިޔާރުގެ މައްސަލަ ކުރިއަށް ގެންދަން ނިންމައިފި
އުއްތަމަ ފަނޑިޔާރުގެ މައްސަލަ ކުރިއަށް ގެންދަން ނިންމައިފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިރޭ އޮތީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރެއިން، ލިޔެކިޔުން ބަދަލު ކުރުމަށް ސަރުކާރުން ގާއިމު ކޮށްފައިވާ ނިޒާމު ހުއްޓުމަކަށް ގެނައުމަށް އެންގި ކަމަށް ބުނެ އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމެކެވެ.

މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ މި މައްސަލަ ބެލޭނެ ކަމަށް މަދަނީ މިންގަނޑުން ކަނޑައަޅުއްވައިފަ އެވެ. އަދި ދައުލަތުންނާއި ދިފާއީ ވަކީލުން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ކިހާ ދުވަހަކުން ހުށަހެޅޭނެތޯ ގާޒީ ސުވާލުކުރެއްވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި އެކަމަށް ހަފުތާއެއް ބޭނުންވެ އެވެ. އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް ވިދާޅުވީ އެކަމަށް 15 ދުވަސް ބޭނުންވާ ކަމަށެވެ.

އެކަމަކު ގާޒީ ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންނަށް ދެއްވީ ދެ ދުވަހުގެ މުއްދަތެކެވެ. އަދި އަންނަ ބުރާސްފަތި ދުވަހު އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެ ކަން ގާޒީ އިއުލާން ކުރެއްވި އެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ސިއްރު ތިން މީހެއްގެ ހެއްކަކާއި ސިއްރު ލިޔެކިޔުންތަކެއް ހުށަހަޅުއްވައިފަ އެވެ. އަދި ހެކިތައް ހާމަ ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ކްރިމިނަލް ކޯޓުގައި ވަނީ އެދިވަޑައިގެންފަ އެވެ. އަދި ގާޒީ ވަނީ ދައުލަތުން ބޭނުންވި ގޮތަށް ދައުލަތުން ހުށަހެޅި ހެކިތައް ސިއްރު ކުރަން ނިންމައި އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެއްވައިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، ހައްޔަރުކުރި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރާއިރު އެ މަނިކުފާނު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގަ އެވެ.

މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުން ބުނެފައި ވަނީ ވިލާ ކުންފުނިން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ މަންފާއެއް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް އެ މަނިކުފާނު މަސައްކަތް ކުރެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.