23 އެޕްރީލް 2018 - 00:36

ލަންޑަން (އޭޕްރީލް 22) - އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި މިރޭ ސައުތެމްޓަން އަތުން 2-0 އިން މޮޅުވެ މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކޮށް، ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ޗެލްސީ ވަނީ 2-1 އިން އާސެނަލް އަތުން ބަލިވެފަ އެވެ. މި ފަހަރުގެ ފައިނަލުގައި ޔުނައިޓެޑާއި ޗެލްސީ ކުޅޭ މެޗު އޮންނާނީ އަންނަ މަހު 19 ވަނަ ދުވަހު އެވެ. މި ސީޒަނަށް ފަހު ޗެލްސީން އެ ޓީމުގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކުރޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އެހެންވެއްޖެނަަމަ އެފްއޭ ކަޕް ފައިނަލަކީ ކޮންޓޭ ޗެލްސީ އަށް އިރުޝާދުދޭނެ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ.
މިރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޗެލްސީގެ އެޑެން ހަޒާޑް އާއި ވިލިއަން އަށް ލިބޭ ބޯޅަތަކުގައި ސައުތެމްޓަން އަށް ނުރައްކާ ކުރަމުންދިޔަ އެވެ. ޗެލްސީ އަށް ލީޑުނަގައިދިނީ މެޗުގެ ދެ ވަނަ ހާފުގެ ކުރީ ކޮޅުގައި އޮލިވިއޭ ޖިރޫޑް އެވެ. އޭރިއާ ތެރެއިން ހަޒާޑް ދިން ބޯޅައެއް ހިފައިގެން ގޮސް ޖިރޫޑް އެ ބޯޅަ ގޯލަށް ވައްދާލީ ސައުތެމްޓަން ތިން ކުޅުންތެރިންގެ ކައިރިން ދެމިގަތުމަށް ފަހު އެވެ.
ނަތީޖާ ހަމަހަމަ ކުރަން ސައުތެމްޓަންގެ ނޭތަން ރެޑްމަންޑް ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ވިލީ ކަބަޔޭރޯ ވަނީ މަތަކޮށްފަ އެވެ.
ޗެލްސީގެ ލީޑުފުޅާކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. މޮރާޓާ ކުޅެން ނުކުތްތާ ދެ މިނިޓް ތެރޭ މެޗުގެ 82 ވަަނަ މިނިޓްގައި އޭނާ މި ލަނޑު ޖެހީ ސެސާ އަޒްޕިލިކުއޭޓާ ނަގައިދިން ހުރަހަކުން ބޮލުންނެވެ.
އޭގެ މިނިޓެއް ފަހުން ސައުތެމްޓަންގެ ޗާލީ އޮސްޓިން އެ ޓީމަށް ލަނޑެއް ޖަހައިދިނުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން އޮސްޓިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ޗެލްސީ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން މޮރާޓާ އަށް ލިބުނު ތިން ފުރުސަތެއް އޭނާ އަށް ބޭނުމެއް ނުހިފުނެވެ. އޭގެ ތެރެއިން މޮރާޓާ ފޮނުވާލި އެއް ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ސައުތެމްޓަންގެ ޑިފެންޑަރު ވެސްލީ ހޮއެޑް އެވެ.
މި ފަަހަރުގެ ފައިނަލް ވެގެންދާނީ މިދިޔަ ޖެނުއަރީ މަހު އާސެނަލް ދޫކޮށްލި ދެ ކުޅުންތެރިން ކުރިމަތިލާނެ ފައިނަލެކެވެ. އެއީ ޔުނައިޓެޑާއި ގުޅުނު އަލެކްސިސް ސަންޗޭޒާއި ޗެލްސީގެ ޖިރޫޑް އެވެ. ޖިރޫޑް ވަނީ އާސެނަލާ އެކު ތިން ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި ސަންޗޭޒް ވަނީ ދެ ފަހަރު އާސެނަލާ އެކު އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
މިއީ 2007 އަށް ފަހު އެފްއޭ ކަޕް ފައިނަލުގައި ޔުނައިޓެޑާއި ޗެލްސީ ވާދަކުރި ފަހުން މި ދެ ޓީމު ފައިނަލުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެ ފަަހަރު ޔުނައިޓެޑް އަތުން 1-0 އިން މޮޅުވީ މިހާރު އެ ޓީމުގެ ކޯޗުކަމުގައި ހުރި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީ އެވެ.
ޗެލްސީ އާއި ޔުނައިޓެޑަށް މި ސީޒަނުގައި ކާމިޔާބު ކުރެވެން އޮތް ހަމައެކަނި މުބާރާތަކީ އެފްއޭ ކަަޕް ކަމަށްވާއިރު، މިއީ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ އާއި ޗެލްސީގެ ކޯޗު ކޮންޓޭ އަށް ސީޒަން ސަލާމަތްކުރަން ލިބޭ ފަހު ފުރުސަތެވެ.