ސައުދީ ގަނޑުވަރެއްގެ ކައިރިން ވައްޓާލީ ކުޅޭކުޅޭ ޑްރޯނެއް
ސައުދީ ގަނޑުވަރެއްގެ ކައިރިން ވައްޓާލީ ކުޅޭކުޅޭ ޑްރޯނެއް

ރިޔާޒް (އެޕްރީލް 22) - ވެރިރަށް ރިޔާޒުގެ ޝާހީ ގަނޑުވަރެއްގެ ކައިރިން ސައުދީ ސިފައިން ހަމަލާދީ ވައްޓާލީ ކުޅޭކުޅޭ ޑްރޯނެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސައުދީ ފުލުހުން ބުނީ ޚުޒައިމާ ސަރަހައްދުން ސަލާމަތީ ފަރާތްތަކުން ހަމަލާދިނީ "ހުއްދަ ނެތް" ކުޑަ ޑްރޯނެއް ވަދެ އުޅުމުން ކަމަށެވެ. އަދި އެއީ ކުޅޭކުޅޭ އެއްޗެއް ކަމަށް ބުނެފައިވެ އެވެ. ރަސްމީ ނޫސް އެޖެންސީން ބުނީ އެ ހާދިސާގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަށް ބުނެފައެއް ނުވެ އެވެ.

ސައުދީ ސަރުކާރުގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވެފައި ވަނީ ހަމަލާދީ ޑްރޯން ވައްޓާލި އިރު ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އެ ގަނޑުވަރުގައި ނޫޅުއްވާ ކަމަށެވެ.

ގަނޑުވަރު ހުރި ސަރަހައްދުން ބަޑީގެ އަޑުފައްގަނޑު އިވެން ފެށުމުން ބައެއް މީހުން ވަނީ އެއީ ސިޔާސީ ދެކޮޅު ވެރިކަމެއްގެ ގޮތުގައި ވެސް ސިފަކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ޖިއްދާގައި ހުންނަ ސައުދީގެ ގަނޑުވަރެއްގެ މައި ގޭޓު ކައިރި އަށް ހަތިޔާރު އަޅައިގެން ހުރި މީހަކު ދަތުރުކޮށް ހަމަލާދީ ދެ ގާޑުން މަރާލައިފަ އެވެ. އެ ފަހަރު ހަމަލާދިނީ އުމުރުން 28 އަހަރުގެ ސައުދީ ރައްޔިތެކެވެ.