ދެކުނު އޭޝިއާ މުބާރާތުގައި ދީމާ އާއި ރަފާ ވިދާލައިފި
ދެކުނު އޭޝިއާ މުބާރާތުގައި ދީމާ އާއި ރަފާ ވިދާލައިފި

ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ހޯޕްސް ކެޓަގަރީން ރާއްޖޭގެ ފާތިމަތު ދީމާ އަދި ކެޑޭޓް ކެޓަގަރީންނާއި ޖޫނިއާ ކެޓަގަރީން އައިޝަތު ރަފާ ނާޒިމް ލޯ މެޑަލް ހާސިލްކޮށްފި އެވެ.

ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގައި ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދާފައިވާ އުމުރުން 10 އަހަރުގެ ދީމާ 12 އަހަރަށް ދަށަށް ހާއްސަކޮށްފައިވާ ހޯޕްސް ކެޓަގަރީން ރިހި މެޑަލް ހޯދީ ސްރީ ލަންކާގެ ކުޅުންތެރިޔެއްގެ އަތުން ސީދާ 3-0 އިން މޮޅުވެގެންނެވެ. ދީމާ އަކީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދައިފާ ކުޅުންތެރިޔެކެވެ. މި އިވެންޓުން ރަން މެޑަލް ހޯދީ އިންޑިއާ އިންނެވެ.

ރާއްޖޭގެ މިދިޔަ ދެ އަހަރުގެ ގައުމީ ޗެމްޕިއަން އުމުރުން 14 އަހަރުގެ ރަފާ ވެސް ވަނީ މުބާރާތުގައި ހަތަރު ލޯ މެޑަލް ހާސިލްކޮށްފަ އެވެ. އެއީ 18 އަހަރުން ދަށަށް ހާއްސަކޮށްފައިވާ ޖޫނިއާ ކެޓަގަރީންނާއި 15 އަހަރުން ދަށަށް ހާއްސަކޮށްފައިވާ ކެޑޭޓް ކެޓަގަރީންނެވެ. މީގެ އިތުރުން އޭނާ އާއި ލައިސާ ފަތުހުﷲ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ރަފާ ހިމެނިގެން ރާއްޖޭގެ އަންހެން ޓީމުން ވަނީ ޖޫނިއާ ކެޓަގަރީންނާއި ކެޑޭޓް ކެޓަގަރީން ލޯ މެޑަލް ހޯދައިފަ އެވެ. އެ ޓީމުގައި ދެން ހިމެނެނީ ލައިސާ އާއި ދީމާ އާއި ލުބާ އަހުމަދު ރިޔާޒާއި އައިމިނަތު މަލީޝާ މުއާޒެވެ.

ރާއްޖޭން މި ފަހަރު ޖުމްލަ ހަ މެޑަލް ހޯދިއިރު މިއީ 2016 ވަނަ އަހަރުގެ މުބާރާތާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ.އެ ފަހަރު ރާއްޖޭން ހޯދީ ތިން މެޑަލެވެ. އެ ފަހަރު އަށާރަ އަހަރުން ދަށުގެ ކެޓަގަރީން ރިހި މެޑަލް އަދި 15 އަހަރުން ދަށުގެ ކެޓަގަރީން ލޯ މެޑަލް ހޯދިއިރު ޑަބަލްސް އިވެންޓުން ރަފާ އާއި ލައިސާގެ ޕެއާ ވަނީ ރިހި މެޑަލް ހޯދި އެވެ.