22 އެޕްރީލް 2018 - 11:38

މޮނާކޯ، ފްރާންސް (އޭޕްރީލް 22) - ފާއިތުވި 15 ވަރަކަށް އަހަރަށް ބަލާއިރު ކްލޭ ކޯޓުތަކުގައި ކުޅޭ ޓެނިސް މުބާރާތްތަކުގައި އެންމެ ބޮޑު ތަފާތެއް ދެއްކި ކުޅުންތެރިޔަކީ އުމުރުން 31 އަހަރުގެ ސްޕެއިން ކުޅުންތެރިޔާ ރަފައެލް ނަޑާލް އެވެ. ފާއިތުވި އަށް މަހަށް ބަލާއިރު ވެސް ނަޑާލް ވަނީ އެ ތަފާތު އަލުން ދައްކައިފަ އެވެ.
މިހާރު ކުރިޔަށްދާ މޮންޓެ ކާލޯ ޓެނިސް މުބާރާތުގެ ފައިނަލުން ނަޑާލް ފުރުސަތު ހޯދާފައިވާއިރު، އޭނާ ވަނީ ޖެހިޖެހިގެން 13 މެޗުން މޮޅުވެފަ އެވެ. އަދި އެ މެޗުތަކުގައި އޭނާ ވަނީ އިދިކޮޅަށް ނުކުތް ކުޅުންތެރިންނަށް ފުރުސަތެއް ނުދީ 34 ސެޓު ގެންގޮސްފަ އެވެ. މި މުބާރާތުގެ ސެމީ ފައިނަލުގައި ނަޑާލް ކުރި ހޯދީ ހަތަރު ވަނަ އަށް ސީޑުކޮށްފައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވްއާ ވާދަކޮށެވެ.
އެ މެޗަށް ފަހު ނޫސްވެރިއަކު ނަޑާލްއާ ސުވާލުކުރީ ކްލޭ ކޯޓުގައި ނަޑާލްގެ ކާމިޔާބީގެ ސިއްރަކީ ކޮބައިތޯ އެވެ. ޖަވާބުގައި ނަޑާލް ބުނީ އެއީ އޭނާ އަށް ވެސް ޖަވާބުދޭން އުނދަގޫ ސުވާލެއް ކަމަށެވެ.
"ތިއީ އަހަންނަށް ވެސް ވަރަށް އުނދަގޫ ސުވާލެއް. ޓެނިސް ކުޅެން ފެށީ ވެސް ކްލޭ ކޯޓުގައި ދެން ކުޅުމުގެ އެންމެ ޕީކް ދުވަސްވަރުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދުނީ ވެސް ކްލޭ ކޯޓުގައި. ކްލޭ ކޯޓުތަކުގައި އަބަދުވެސް އަހަންނަށް ފަސޭހަ،" ނަޑާލް ބުންޏެވެ.
މޮންޓެ ކާލޯ ފައިނަލުގައި ނަޑާލް ނުކުންނާނީ ޖަޕާނުގެ ކެއި ނިޝިކޯރީއާ ދެކޮޅަށެވެ. ޓެނިސް ރޭންކިންގެ އެއް ވަނައިގައި އޮތް ނަޑާލް މަގާމު ދިފާއު ކުރަން ބޭނުންނަމަ މި މުބާރާތް ކާމިޔާބު ކުރަން ޖެހެ އެވެ. އެއީ ރޭންކިން އެއް ވަނަ އަށް އަރަން ރޮޖާ ފެޑެރާ ފަހަތުގައި ވިއްދާފައި އޮތުމުންނެވެ.
ނަޑާލް އެންމެ ފަހުން ކްލޭ ކޯޓުގައި ކުޅުނު މެޗަކުން ބަލިވީ މިދިޔަ އަހަރު މެއި މަހު އެވެ. ރޯމް އޯޕަން ކުއާޓާ ފައިނަލުގައި ނަޑާލް ބަލިވީ ޑޮމިނިކް ތިއެމްއާ ވާދަކޮށެވެ.