22 އެޕްރީލް 2018 - 13:46

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ވޯޓާސް ލިސްޓު އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.

ވޯޓާސް ލިސްޓު އެކުވަލާވާލުމަށް އީސީން މިއަދު ވަނީ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ)އާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެ މުއައްސަސާ އާއި އީސީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީީ ވޯޓު ލާ މީހުންގެ ލިސްޓު އަންނަ މަހު ނެރޭނީ، މުއައްސަސާތަކާ ބައްދަލުކޮށް ލިސްޓު ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. ވޯޓު ލާ މީހުންގެ ލިސްޓު އެކުލަވައިލަމުން އަންނަނީ ޑީއެންއާރުގެ ޑޭޓާ ބޭސް އަސްލަކަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް އެކުލަވައިލި ވޯޓާސް ލިސްޓަކީ މައްސަލަތައް މަދު، މީހުންގެ އިތުބާރު އޮތް ލިސްޓެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނުން މި މަސައްކަތް ކުރަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ނެރުނު ވޯޓާސް ލިސްޓަށް ވުރެ ވެސް ފުރިހަމަ ލިސްޓެއް ރިޔާސީ އިންތިހާބަށް އާއްމުކުރަން،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކަމާ ގުޅޭ އެކި އިދާރާތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އެކު ވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. މި އަހަރު ކުރިއަށް ގެންދާނީ އިލެކްޓްރޯނިކް ވޯޓިން ކަމަށް ވާހަކަ ދެކެވުނަސް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ، މިހާތަނަށް ބޭއްވި އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް ވޯޓު ކަރުދާސް ބޭނުންކޮށްގެން ރިޔާސީ އިންތިޚާބުގައި ވޯޓު ލާށެވެ.
ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެ އެވެ. ރިޔާސީ އިންތިޚާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.
ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިޔާސީ ދައުރު ގުނަން ފަށަނީ ރިޔާސީ އިންތިޚާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ. އަދި ޕާޓީތަކުން އިންތިޚާބުގައި ވާދަކުރަނީ ވަކިވަކިންތޯ ނުވަތަ ނެރޭނީ ކޯލިޝަން ކެންޑިޑޭޓެއްތޯ ވެސް އަދި ނުނިންމަ އެވެ.