22 އެޕްރީލް 2018 - 11:31

އައްޑޫ ހިތަދޫގައި އިތުރު ދެ ކުއްޖަކާ އެކު އިއްޔެ މޫދަށް އެރި އުޅެނިކޮށް ބިޔަ ރާޅަކާ އެކު ދަމައިގަތް ނަމަވެސް، ސަލާމަތް ކުރެވުނު ރާއިފް އަލީ އަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހް ސައީދު ވިދާޅުވީ ހިތަދޫ ބުލޫގޭ، ރާއިފް ، 16، އަށް އިއްޔެ އިން ފެށިގެން އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، މިއަދު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"އޭނާގެ ހާލު މި ވަގުތު ސްޓޭބަލް. ހަށިގަނޑުގެ ބޭރުފުށުން ނެތް އަނެއްހެން މާ ބޮޑު ގެއްލުންތަކެއް ވެފައެއް. މޭމަތިން ހުރި ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްފައި،" އޭނާ ވިދާޅުވި އެވެ. "ހޮސްޕިޓަލްގައި ބާއްވާފައި އޮތީ ސައިކޮލޮޖިކަލީ އޭނާ އަށް އަސަރުކޮށްފައި އޮތީމަ އެކަން މޮނިޓަ ކުރުމުގެ ގޮތުން."
ރާއިފްއާ އެކު މޫދަށް އެރުނު ހިތަދޫ ޓޮޕާޒް މަޔާމީން އަލީ އާއި އެ އެ އަވަށު ޗަނބޭލީގޭ އަލީ ފަހުމީ ގެއްލިގެން އިއްޔެ އިން ފެށިގެން އަންނަނީ ހޯދަމުންނެވެ. އެ މީހުން އިއްޔެ މޫދަށް އެރުނީ ފުޓްބޯޅަ ޕްރެކްޓިހަކަށް ފަހު، ހޮސްޕިޓަލް ދިމާލު ފުއްޓަރު ފަރާތަށެވެ.
އެ ސަރައްހަދަކީ އާންމުކޮށް ބޮޑެތި ރާޅުތައް ނަގާ ސަރަހައްދެކެވެ. އަދި އިއްޔެ މޫސުން ވެސް ގޯސްވުމާ އެކު، ކަނޑު ގަދަވެ، އޮއިވަރު ވެސް ވަރަށް ގަދަ އެވެ. މަޔާމީން އާއި ފަހުމީ އަދި ރާއިފް މޫދަށް އެރި އުޅެނިކޮށް ބިޔަ ރާޅަކާ އެކު ދަމައިގަތުމުން، ރާއިފް ސަލާމަތް ކުރުމުގެ ފުރުސަތު އެ ވަގުތު އަތިރިމަތީގައި އުޅުނު ހިތަދޫ ބްލޫ ރޫމް ހަސަންދީދީ އަށް ލިބުނެވެ. ރާއިފް ސަލާމަތްކޮށްދިނީ އޭނާ އެވެ.
ނަމަވެސް މަޔާމީން އާއި ފަހުމީ އޮޔާ އެކު ބޭރަށް ދަމައިގަތުމުން ސަލާމަތް ކުރުމުގެ ފުރުސަތު އޭނާ އަށް ލިބޭ ގޮތެއް ނުވި އެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުން އަންނަ އިރު، އޭގެ ގެއްލުނު ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ޓީޝާޓް ކަމަށް ބެލެވޭ ޓީޝާޓެއް ރޭ ދަންވަރު ފެނިފައިވެ އެވެ.