22 އެޕްރީލް 2018 - 06:06

ބުދަ ދުވަހާ ގުޅޭ
"ތޭންކްސް." ޖޯޑުގައި ހިފަމުން އަހަރެން ބުނެލީމެވެ.
އަޔާން މަޑުމަޑުން ބޯޖަހާލައިފައި ހުސް ތަބައް ހިފައިގެން ގޮސް އިށީންދެލީ ކުރިމަތިވާ ގޮތަށް ހުރި ސޯފާގަ އެވެ. އޭނަގެ ނަޒަރު އަހަރެންގެ މޫނުން ވަކިކޮށްލީ ޒައިދުބެ ފެށި ވާހަކައަކަށް ސަމާލުކަން ދޭންވެގެންނެވެ. އެ ވަގުތު ލީނާ އިށީންދެލީ އަހަންނާ ޖެހިގެންނެވެ. އޭނަ ފޯނު ހިއްލާލައިފައި ސަބާ ވައިބާ ކޮށްފަ އިން ހެއްވާ ފޮޓޯއެއް ދައްކައިލި އެވެ. ހިނިގަނޑު ފަޅައިގެންދާން އުޅުމުން އަވަހަށް އަތުން އަނގަމަތި ނިވާކޮށްލެވުނެވެ.
އަހަންނަށް ދެން ބަލައިލެވުނުއިރު އަޔާން އަނެއްކާ ވެސް އިނީ ބަލާށެވެ. ކުޑަކުޑަ ބޮލުގެ އިޝާރާތަކާ އެކު ތެދުވެގެން ގޮސް ވަނީ ބަދިގެއަށެވެ. އަހަރެންގެ މެއަށް އުނދަގޫ ގޮތެއް ވި އެވެ. ތެދުވެގެން ދާން ދައްކާނެ ބަހަނާއެއް ހިތަކަށް ނައެވެ. އަހަރެން ކޮންމެ އެއްޗެއް ބުންޏަސް ލީނާ އަށް ފަޅާއަރާނެ ކަމުގައި ހިތް އިންޒާރުކުރި އެވެ.
"އަންނާނަން އެންމެނަށް ފެން ހިފައިގެން." ލީނާ ބުނާ އެއްޗަކަށް ނުބަލައި އަހަރެން ތެދުވެގެން ހިނގައިގަތީމެވެ.
ބަދިގެ އަށް ވަންތަނާ އަޔާން ނިކުތީ މޭޒު ކައިރީގައި ހުރެފަ އެވެ. އަހަންނަށް ލިބުނު ސިހުމާއެކު އަރިއަޅައިލަން އުޅުނުހެން ހީވި އެވެ. ބާރުބާރަށް ހިފަހައްޓައިލެވުނީ އަޔާންގެ ޓީޝާޓް މޭމަތީގަ އެވެ.
"ސޮރީ." ބިމުގައި ރަނގަޅަށް ފައި ހަރުލިކަން ޔަގީންވުމާ އެކު އަޔާންގެ ޓީޝާޓުން އަތް ދޫކޮށްލީމެވެ.
އަހަރެން ފަހަތަށް ފިޔަވަޅެއް އަޅައިލުމުން އަޔާން ޖެހިލީ ހައްތަހާ ކައިރިއަށެވެ.
"އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފަ؟" އަޔާން އަތް ހިއްލާލައިފައި އަހަރެންގެ ކޯތާފަތަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް ކަންފަތުގައި އަޅުވާލި އެވެ.
އަހަންނަށް ކުރެވުނު ކަމަކީ ބުމަ އަރުވައިލުމެވެ.
"މިތާކު ނޫން. އަހަރެން ބޭނުން އެކަނި ބައްދަލުކުރަން. ހިނގާ މިރޭ ޑިނާއަށް ދާން..." އަޔާން އެއްފަހަރާ އެތައް ވާހަކައެއް ބުނެލި އެވެ.
"މިރޭ ކަމެއް އޮވޭތަ؟" އަހަރެން ވިސްނާލަން މަޑުކުރުމުން އަޔާން އިތުރަށް އެހި އެވެ.
"ފަހުން ޖަވާބެއް ދިނަސް އޯކޭތަ؟ އަހަރެން މެސެޖް ކުރާނަން." ވަކި ގޮތެއް ނިންމަން އުނދަގޫވެގެން އަހަރެން ބުނީމެވެ.
އަޔާން އެއްބަސްވެ ބޯޖަހައިލި އެވެ. އޭނަ ނިކުމެގެން ދިއުމުން އަހަރެން ޖެހިލީ ފްރިޖް ކައިރިއަށެވެ. ފެންފުޅި އަތަށް ނަގައިގެން ނިކުތުމުގެ ކުރިން ނޭވާ ހަމައަކަށް އަޅުވައިލީމެވެ. ގޮސް އިށީނުމާ އެކު ލީނާ ބަލައިލީ އަހަރެންނަށް ފަރިތަ ބެލުމަކުންނެވެ. އޭނަ އަށް ޝައްކުވެއްޖެ އެވެ.
"ވަޓް؟" ލީނާ އިމްތިހާނު ކޮށްލަންވެގެން އަހަރެން ނޭނގޭ ކަމަށް ހެދުނީމެވެ.
ލީނާ ވެސް ދުލެއް ނުކުރެ އެވެ. އޭނަ ކޮނޑުއަރުވާލައިފައި ޕޮޕްކޯން ބޯތަށި އުނގަށް ނަގައިގެން ކާން ފެށި އެވެ.
ރޭގަނޑަށް ރާވާފައި އޮތް ޕްރޮގްރާމް ކެންސަލް ކުރުމުގެ މަސައްކަތް އަހަރެން ފެށީ ގެއަށް ގޮހެވެ. ސަބާ އަށް ގުޅާ ގުޅާ އޭނަ ފޯނެއް ނުނެގި އެވެ. އެތައް ދުވަހަކަށްފަހު ދެ މީހުން އެކުގައި ފިލްމެއް ބަލައިލަން ރާވައިފައި އޭނަ ކައިރީ ނުބުނެ ގެއިން ނިކުމެވޭކަށް ނެތެވެ. ސަބާ ނުރުހިއްޖެ ނަމަ އޭނަ ރުއްސަން އެތައް ދުވަހެއް ނަގާނެ އެވެ.
ރޯގާ ވައްތަރުވެފައި ހުރުމުން ކުޅިކޮށް ނޫޑްލްސް ސޫޕް ކައްކައިގެން ސޯފާގައި ކާން އިންދާ ފޯން ވައިބްރޭޓް ވާން ފެށި އެވެ.
"ކޮންތާކު ތިއުޅެނީ؟" ފޯނު ނެގިގޮތަށް އަހަރެން އެހީމެވެ.
"ކިހިނެކޭ ވީ؟" ސަބާ ވެސް ކޮށްލީ ސުވާލެކެވެ. އޭނަ ކޮންމެހެން އަހަންނަށް ޖަވާބުދޭކަށް ނޫޅެ އެވެ.
"އަމް... މިރޭ މޫވީ ނައިޓް ކެންސަލް ކުރަންވީއެއްނު. ވާރޭ ވެހެންޏާ އަންނަން ވެސް އުދަނގޫވާނެއެއްނު..." އަހަރެން ފެށީ ދުރުދުރުންނެވެ.
ސަބާ އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ އިނެވެ. ދެން ކުއްލިއަކަށް ފެށީ ނޭފަތް ދަމާށެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. ސަބާ އަށް ކަމެއްވީ ހެއްޔެވެ؟
އަހަރެން ސުވާލު ކުރަން ފެށުމުން ސަބާ ހަމައެކަނި ބުނެލީ އޭނަ މިރޭ އޭނަގެ އެކުވެރިޔާ އަށް ބޭނުންވާ ވާހަކަ އެވެ. އިތުރަށް އަހަރެން ދައްކަން އުޅުނު ހުރިހާ ވާހަކައެއް އެ ހިސާބުން ހުއްޓުނީ އެވެ. ސަބާގެ ދަތި ވަގުތުގައި އޭނަ ދޫކޮށްފައެއް ނުދެވޭނެ އެވެ. އަހަރެން ފޯނު ބާއްވާފައި މޭޒުމަތީ ހުރި ތަށި ނަގައި އުނގަށް ލީއިރު ހިތުގައި އޮތީ އަޔާން އެވެ. ވިސްނަން އިނދެފައި ދެވެން ނެތް ވާހަކަ މެސެޖް ކޮށްލީމެވެ.
އިރުކޮޅެއްނުވެ އަޔާން ގުޅި އެވެ.
"ހަމަ ނުދެވޭނެތަ؟" އަޔާންގެ އަޑުގައި އާދޭސްވި އެވެ.
"ސޮރީ އަޔާން. މިރެއަކު ނޫން. މާދަމާ ރޭ ޔަގީނުން ވެސް ދެވޭނެ. އިތުރު އެއްވެސް ކަމެއް ޕްލޭންއެއް ނުކުރާނަން." އަހަރެން ޔަގީންކަން ދިނީމެވެ.
އަޔާން އެއްބަސްވެގެން ފޯނު ކަނޑައިލި އެވެ.
ސަބާ އަންނަންވާއިރަށް އަހަރެން ނިދާ ހެދުން ލައިގެން ތައްޔާރުވީމެވެ. އޭނަ ނާންނާނެއޭ ހީވި ފަހުން ދޮރު ހުޅުވާ އަޑު އިވުނެވެ. ސަބާ އަތުގައި އަހަރެން ދިން ޑަބަލް ތަޅުދަނޑި އޮންނާނެ އެވެ. ދޭތެރެއަކުން އަހަރެން ހަނދާން ނެތިގެން ތަޅުދަނޑި އެތެރެއަށް ލައިފައި ތަޅުލެވުމުން ސަބާ ހުޅުވަދޭނެ އެވެ. އަބަދު އެކީގައި އުޅޭތީ އަހަންނަށް އެގޮތް ފަސޭހަ އެވެ.
އެތެރެއަށް ވަންއިރު ވެސް ސަބާ އައީ ނޭފަތް ދަމަމުންނެވެ. އަހަރެން ތެދުވެ އިށީންދެލީމެވެ. ސަބާ އައިސް އަތުގައި އޮތް ދަބަސް ދޫކޮށްލައިފައި އެނދަށް އަރައި ބޯއެޅި އަހަރެންގެ އުނގުގަ އެވެ. އަހަރެން ސުވާލު ކުރަން ފެށުމުން އޭނަ ފެށީ ރޯށެވެ. ވެގެންއުޅޭ ގޮތެއް ނުބުންޏެވެ. އަހަރެންގެ ހާސްކަން ވީ އިތުރެވެ. ސަބާ ކަހަލަ އުފާވެރި ކުއްޖަކާއި އެ މަންޒަރު ނުވެސް ގުޅެ އެވެ.
އަހަންނަށް ވިސްނުނީ ސަބާގެ އުދާސްގަނޑު ނިކުމެ ހަމަޖެހެންދެން ރޯނެ ފުރުސަތު ދޭން ދޫކޮށްލުމަށެވެ.
އޭނައާ ސުވާލު ކުރުން ދޫކޮށްލައިފައި އެއިން ގޮތަށް އިނދެގެން ޓީވީ އަޅުވައިލީމެވެ. ދިހަ ވަރަކަށް މިނިޓަށްވުރެ ގިނައިރު ފާއިތިވެ ދިޔަފަހުން އޭނަ އަހަރެންގެ އުނގުން ބޯހިއްލައިލި އެވެ. އަހަރެން ދެން ވެސް ސުވާލެއް ނުކުރަމެވެ. ފައިލާކޮޅުގައި ބާލީހެއް ބާއްވާފައި އޭގައި ބަނޑު އަޅާލައިގެން އޮށޯވެލުމުން ސަބާ ވެސް އޭގެ އަނެއްކޮޅުގައި ބަނޑު އަޅާލި އެވެ.
ދެ މީހުން އަނގައިން ނުބުނެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން ތިބީމެވެ. އެކަމަކު ދެ މީހުން ކުރެ އެކެއްގެ ސަމާލުކަން ވެސް އެއިން ފެންނަމުންދިޔަ މަންޒަރަކަށް ހުރިހެނެއް ހިއެއްނުވެ އެވެ. އަހަރެންގެ ސިކުނޑީގައި ޔަޤީނުން ވެސް ވީ ސުވާލުތަކެކެވެ.
"އަދުހަމް އިޒް ބެކް..." ސަބާ ބުނެލި އަޑު އިވުނެވެ.
އަހަރެންގެ މެއަށް ހީވީ ފިނި ފެންއެއްޗެއް އަޅައިލެވުނު ހެންނެވެ. އަދުހަމްއަކީ ސަބާ އެންމެ ފަހުން ގުޅުނު ޒުވާނާ އެވެ.
ސިއްސައިގެން ގޮސް ތެދުވެ އިށީންނަމުން ސަބާގެ މޫނަށް ބަލަން ފެށީމެވެ. ރީތިކޮށް ފެންނާނެހެން މޫނު އަނބުރާލައިފައި އޭނަ ބޯޖަހައިލި އެވެ.
"ކޮންއިރަކު އައީ؟ ސަބާއާ ދިމާވިތަ؟ ގޭ މީހުންނަށް އެނގޭތަ؟" އަހަރެންނަށް ނީނދެވިގެން ސުވާލުތައް އަމުނާލެވުނެވެ.
ސަބާ އިސް ޖަހާލައިފައި އަނގައިން ނުބުނެ އިރުކޮޅަކު އިނެވެ. އަހަރެންގެ ކެތްތެރިކަން ވީ ކުޑަ އެވެ. އޭނަ އަނގައިން ނުބުނުމުން މުލައްދަނޑީގައި ހިފާ ބާރުކޮށްލެވުނެވެ.
"އޭނަ ނިކުތްގޮތަށް އައީ އަހަންނާ ބައްދަލު ކުރަން. އެ ގަޑީގަ އަހަރެން އުޅުނީ ބޭރުގައި. އެކަކު ވެސް އަހަރެން ކައިރީ ނުބުނެ އުޅެނިކޮށް ފަހުން އަނެއްކާ އޭނަ އައީ ހަވީރު ގަޑީގައި. ސާޖީ ގަބޫލެއް ނުކުރާނެ އަހަރެން މިހެން ބުންޏަސް އެކަމަކު އޭނަ ވަރަށް ޗޭންޖް ވެފަ ހުރީ. އެކަމަކު އަހަރުން ގޭ މީހުން ބޭނުމެއް ނުވޭ އަދުހަމްއާ ވާހަކަ ދައްކާކަށް. ބައްޕަ ބުނީ އޭނައާ ވާހަކަ ދައްކަންޏާ ގެއިން ނިކުންނާށޭ." ސަބާގެ ވާހަކަ ނިމުނުއިރު އަނެއްކާ ކަރުނަ ފައިބަން ފަށައިފި އެވެ.
ނުނިމޭ