22 އެޕްރީލް 2018 - 06:08

އެންމެ މޮޅު އެއް ބޮކްސިން ތެޅުންތެރިޔާ އަދި 20 ވަނަ ގަރުނުގެ ކުޅިވަރު ޝަހުސިއްޔަތުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ އެމެރިކާގެ މުހައްމަދު އަލީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޓެޑް ސީރީޒެއް ގެނެސް ދޭން ނިންމައިފި އެވެ.
އުމުރުން 74 އަހަރުގައި 2016 ގައި މަރުވި އަލީގެ ސީރިޒް ގެނެސް ދެނީ "8 ފައިޓްސް: ދަ ލައިފް އޮފް މުހައްމަދު އަލީ" ގެ ގެ ނަމުގަ އެވެ. ޖުމްލަ 8 އެޕިސޯޑް އެކުލެވޭ ގޮތަށް ގެނެސްދޭ ސީރީޒް ގެ ވާހަކަ ބިނާ ކުރާނީ ދާދި ފަހުން ޖޮނަތަން އެއިގް ނެރުނު އަލީގެ ބައޮގްރަފީ "އަލީ: އަ ލައިފް" އަށެވެ.
މީގައި އަލީ ބޮކްސިން ރިންގްގައި ދެއްކި ހުނަރާއި އެ ހިސާބަށް ދަތުރުކުރަން ކުރި ބުރަ އަދި އާދަޔާހިލާފު މަސައްކަތް ދައްކުވައި ދޭނެ އެވެ.
"8 ފައިޓްސް: ދަ ލައިފް އޮފް މުހައްމަދު އަލީ" ގެނެސް ދެނީ ސީބީއެސް ޓެލެވިޝަން ސްޓޫޑިއޯސް އާއި މަޝްހޫރު އެކްޓަރު މޯގަން ފްރީމަންގެ ރެވެލޭޝަންސް އެންޓަޓައިންމަންޓް ގުޅިގެންނެވެ. ނަމަވެސް ބެލުންތެރިންނާ ހަމައަށް މި ސީރީޒް ގެނެސް ދޭން ފަށާނެ ދުވަހަކާއި މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމަމައެއް ނުކުރެ އެވެ.
އަލީގެ ހަޔާތުގެ މައްޗަށް "އަލީ" ގެ ނަމުގައި ވަނީ ވަރަށް ކާމިޔާބު ފީޗާ ފިލްމެއް ވެސް 2001 ވަނަ އަހަރު ގެނެސް ދީފަ އެވެ. އެ ފިލްމްގައި އަލީގެ ރޯލް ކުޅެގެން ވިލް ސުމިތު އޮސްކާގެ އެންމެ މޮޅު އެކްޓަރަށް ނޮމިނޭޓް ވެސް ވި އެވެ.