ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި
ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި

ދިވެހި ކުޅިވަރުގެ ބެލެނެވެރިޔާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ އަށް އެހެން އަހަރުތަކުގައި ދިވެހި ކުޅިވަރުގެ އިސްވެރިން ވަޑައިގަންނަވާނީ ކޯޓްފަޓްލޫނުގައި މާލޭގެ މަތީ ފެންވަރުގެ ހޮޓަލަކަށެވެ. އިވޭނީ އަޑުތަކެކެވެ. ނިންމަވާލައްވާފައި ވަޑައިގަންނަވާނީ ގެޔަށެވެ.

ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި
ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި

އެކަމަކު ބ. އަތޮޅު ގޮއިދޫގައި މިއަދު ބޭއްވި މި އަހަރުގެ ޖަލްސާގައި އެ ހުރިހާ ކަމެއް ތަފާތެވެ. މިއަދު މެމްބަރުންނަށް އެ ވަޑައިގެންނެވުނީ ކުޅިވަރުގެ ހަގީގީ މާހައުލަކަށެވެ. އޮލިމްޕިކުގެ ތެރެއިން އުފައްދައިދޭ އެކުވެރިކަން ރަމްޒުކޮށްދޭ ކުލަތަކުގެ ޓީޝާޓުގައި މިއަދު އެސޯސިއޭޝަންތަކުގެ ބޭފުޅުން ތިއްބެވިއިރު ވަށައިގެން ފެންނަނީ އެއްވެސް ބަޔެއްގެ މާބޮޑު އެހީތެރިކަމެއް ނެތި، އަދި ވަސީލަތްތަކެއް ނެތި ކުޅިވަރުގައި ކާމިޔާބީ ހޯދުމަށް ރައްޔިތުންތަކެއް ކުރަމުން އަންނަ ބުރަ މަސައްކަތެވެ. ނިންމަވާލައްވާފައި ވަޑައިގެންނެވީ އެ ރައްޔިތުންނާ އެކު ކުޅިވަރުތަކުގައި ބައިވެރިވެލައި އެ ރައްޔިތުންގެ އިހުސާސްތައް އަޑުއައްސަވާލައްވާށެވެ.

ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި
ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި

އޮލިމްޕިކް ކޮމިޓީން ފުރަތަމަ ފަހަރަށް މާލޭން ބޭރުގައި ބޭއްވި އަހަރީ އާއްމު ޖަލްސާގެ މަގުސަދު މިއަދު ވަރަށް ބޮޑަށް ހާސިލްވި އެވެ. ކުޅިވަރަށް މަސައްކަތްކުރާ ރަށްރަށުގެ އަގުވަޒަންކުރުމަށް އެވޯޑެއް ދިނުމަށް ކުރެވުނު މަޝްވަރާތަކެއްގެ ތެރެއިން އުފަންވި ހިޔާލު ހަގީގަތަކަށް ހަދައި ގޮއިދޫގައި ޖަލްސާ ބާއްވަން އެމްއޯސީން ނިންމި އިރު ވެސް ހަގީގަތުގައި މި ރަށުގައި ކުޅިވަރަށް އޮތް ލޯތްބާއި ކުޅިވަރުގައި ކުރިއަށް ދިއުމަށް ކުރާ މަސައްކަތް ވަޒަންކުރެވިފައެއް ނުވެ އެވެ. އެކަން އެ ބޭފުޅުންނަށް އިހުސާސްކުރެއްވުނީ ގޮއިދޫގެ ކައުންސިލުން މިއަދު ހުށަހެޅި ޕްރެޒެންޓޭޝަނުންނެވެ. ވަސީލަތްތައް ނެތުމުން އަމިއްލަ އަށް ގޮތްތައް އީޖާދުކޮށްގެން ކުޅިވަރުގައި ކުރިއަށް ދިއުމަށް ކުރާ މަސައްކަތާއި މުބާރާތްތަކުގައި ވާދަކުރުމަށް އުފުލަން ޖެހޭ ތަކުލީފާއި އަދި އެގޮތުގައި މަސައްކަތްކޮށްގެން ލިބޭ ކާމިޔާބީތަކުން ލިބޭ އުފާވެރިކަމެވެ.

ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި
ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި

"އެ ޕްރެޒެންޓޭޝަން ފެނުމާ އެކު މި އޭޖީއެމް މި ބޭއްވީ އެކަމަށް އެންމެ އެކަށޭނެ ރަށުގައިކަން ގަބޫލުކުރެވުނު،" އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވި އެވެ.

ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި
ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި

އޭނާ ވިދާޅުވީ މި ރަށުގައި ޖަލްސާ ބޭއްވި އެންމެ މުހިއްމު އެއް މަގުސަދަކީ އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި ރަށުގެ ޒުވާނުން އެއްކޮށް ބައްދަލުވެވި އެއްކޮށް ކުޅިވަރު ކުޅެ އިހުސާސްތައް ސީދާ ގޮތުން ހިއްސާކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި އެންމެންގެ މެދުގައި ވަރުގަދަ ގުޅުމެއް ގާއިމްވެވި ސީދާ ކުޅިވަރަށް މަޝްވަރާކުރުމުގެ ދޮރު މިއަދުގެ ބައްދަލުވުމާ އެކު ހުޅުވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި
ކުޅިވަރުގެ އިސްވެރިންގެ ޖަލްސާ ކުޅިވަރުގެ މާހައުލެއްގައި

މިފަދަ ކަންކަމުގެ ސަބަބުން ރަށަށް އެހީ ލިބުމުގެ މަގު ފަހިވެގެންދާނެކަން ވެސް ޝަވީދު ފާހަގަކުރެއްވި އެވެ. ކަންވީ ވެސް އެހެންނެވެ. އޮލިމްޕިކް ކޮމިޓީން ވަނީ އެ ރަށުގެ ސްކޭޓް ޕާކެއް އެޅުމަށް ފައިސާގެ އެހީ ދޭން ނިންމައި އަދި މިއަދު އެތަނުގެ ބިންގާ ވެސް އަޅައިފަ އެވެ. އަދި ޖަލްސާގައި ބައިވެރިވި ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަކުން ވަނީ އެ ރަށަށް ކުޅިވަރު ކުޅޭނެ ސާމާނާއި ކުޅިވަރުގެ ބައެއް ޓެކްނިކަލް ވަސީލަތްތައް ފޯރުކޮށްދީފަ އެވެ.

މި ފުރުސަތުތައް އޮތީ ހަމައެކަނި ގޮއިދުއަށް އެކަންޏެއް ނޫނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ނެޝަނަލް ގޭމްސް އަންނަ އަހަރު ބާއްވަން މަސައްކަތްކުރާއިރު އޭގެ ތެރެއިން ވީހާ ވެސް ގިނަ ރަށްރަށަށް ފުރުސަތު ފަހިވެގެންދާނެ އެވެ.

"މިހާރު ވެސް އަޅުގަނޑުމެންގެ ތެރޭގައި ހަމަ ކުރަމުން އަންނަ މަސައްކަތެއް (ނެޝަނަލް ގޭމްސްގެ) އެކި ކުޅިވަރުތައް ބެހިގެންދާނީ އެކި ރަށްތަކުގައި. އެހެންވީމާ އެ މަސައްކަތުގެ ތެރޭގައި ވެސް ހަމަ ވަރަށް ބޮޑަށް މިރަށްތައް ފާހަގަކުރެވިގެން މި މަސައްކަތްތައް ކުރެވިގެންދާނީ،" ޝަވީދު ވިދާޅުވި އެވެ.

ގޮއިދޫގެ ރައްޔިތުން ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއްގެ ކުރިމަތީގައި މިއަދު އެ ސާބިތުކޮށްދިނީ ހުރި ވަސީލަތްތަކެއް ބޭނުންކޮށްގެން ކާމިޔާބީ ހޯދިދާނެ ކަމެވެ. މިއަދުގެ ޖަލްސާގެ ޝަރަފްވެރި މެހެމާން ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޒާހިރު ހުސެއިން ވެސް ވަނީ ރާއްޖޭގައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ހާއްސަކޮށް ފެތުން ފަދަ މޫދު ކުޅިވަރުތަކުގައި ރާއްޖެ އަށް ކުރިއަށްދެވިދާނެކަން ފާހަގަކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކުޅިވަރެއްގެ ގޮތުގައި ފެތުން ނަގަނީ ސްކޫލްތަކުގައި އެކަނި ކަމަށާއި އެއީ ވެސް ނިސްބަތުން މަދު އަދަދެއްގެ ކުދިންތަކެއް ކަމަށެވެ. އަދި މޫދު ކުޅިވަރުތައް ރާއްޖޭގައި އާލާވެފައި ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިއަދުގެ އަހަރީ އާއްމު ޖަލްސާގައި ކުރިއަށް ދިޔަ ރަސްމީ ޕްރޮގްރާމުގައި ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މި އަހަރުގެ ބަޖެޓް ފާސްކޮށް އަދި ކުޅިވަރު ގޭމްސްތަކުގައި ޗެފް ޑި މިޝަނަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށްފަ އެވެ.

މީގެ އިތުރުން އޮލިމްޕިކް ކޮމިޓީތަކުން ކުޅިވަރުގެ އިދާރީ މީހުން އުފެއްދުމަށް ހިންގާ އެޑްވާންސް ކޯސްތަކުގައި ކިޔަވައިދިނުމުގެ ސަނަދު ތިން ފަރާތަކަށް ވަނީ ދީފަ އެވެ. އެއީ ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފާއި ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު އަދި ވިކްޓަރީގެ ކުރީގެ އިސް އޮފިޝަލް ފާއިޒް އަލީ (ފަޔާ) އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސް އަށް ތަމްރީންވުމަށް ދުވުންތެރިޔާ މުހައްމަދު ނާއިލް އާއި ދެ ފެތުންތެރިން ކަމަށްވާ މުބާލް އައްޒާމް އަދި އައިޝަތު ސާޖިނާ އަށް ސްކޮލަޝިޕް ދޭން ނިންމައި އެކަމުގެ ލިޔުން ހަވާލުކުރުން އޮތެވެ.

މިއަދު ފާސްކުރި ބަޖެޓުގައި މި އަހަރު ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 48.8 މިލިއަން ރުފިޔާ އެވެ. އޮލިމްޕިކް ކޮމިޓީގެ ހަރަދުތަކުގެ ގޮތުގައި ޖަހާފައިވަނީ 46.1 މިލިއަން ރުފިޔާ އެވެ. އެހެންވެ މިއީ 2.7 މިލިއަން ރުފިޔާގެ އަރަނި ބަޖެޓެކެވެ.

މި އަހަރު އެ ކޮމިޓީއަށް ލިބޭ ފައިސާގެ ތެރޭގައި އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލްގެ އޮލިމްޕިކް ސޮލިޑާރިޓީގެ ދަށުން ލިބޭ 17 މިލިއަން ރުފިޔާ އާއި އޮލިމްޕިކް ކައުންސިލުން ދޭ 1.3 މިލިއަން ރުފިޔާ އަދި ސަރުކާރުންދޭ އެހީ ހިމެނެ އެވެ. ސަރުކާރުން ވަނީ އިދާރީ ކަންކަމަށް 501،150 ރުފިޔާ، ގޭމްސްތަކަށް 9.8 މިލިއަން ރުފިޔާ، ތަމްރީންތަކަށް 13 މިލިއަން ރުފިޔާ އަދި އެތުލީޓުންގެ ތައުލީމަށް 678،480 ދޭން ނިންމައިފަ އެވެ.

ފާއިތުވި އަހަރުތަކުގައި އޮލިމްޕިކް ކޮމިޓީން ވަނީ އޮލިމްޕިކް ހައުސްއެއް އެޅުމަށް ބަޖެޓްކޮށް އެކަމަށް މަސައްކަތްތަކެއްކޮށްފަ އެވެ. މި ފަހަރުގަ ބަޖެޓުގައި އެ ވާހަކަ ހިމަނާފައި ނެތްއިރު ދާދި ފަހުން ވަނީ ކޮމިޓީގެ މިހާރުގެ އޮފީސް ތަރައްގީކޮށްފަ އެވެ. އެކަމާ ބެހޭގޮތުން އެތުލެޓިކްސް އެސޯސިއޭޝާނުން ސުވާލުކުމުން ކޮމިޓީގެ ރައީސް ޝަވީދު ވިދާޅުވީ ހައުސް އެޅުމަށް ފަހުން މާލޭން ހަމަޖެހުނު ބިން ލިބުނީ އާއްމުން ދިރިއުޅޭ ސަރަހައްދަކުން ކަމަށްވެފައި އެތަނުގައި ބޭނުންވާ ފެންވަރަށް ހައުސް އެޅެން ނެތް ކަމަށެވެ. އަދި ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖް އަޅަމުން އަންނާތީއާ އެކު މަސައްކަތްކުރަނީ ހުޅުމާލޭން ބިމެއް ހަމަޖެހި އެތަނުގައި ކުޅިވަރުގެ ބައެއް ވަސީލަތްތަކާ އެކު އޮލިމްޕިކް ހައުސްއެއް އެޅުމަށް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވަނީ ދާދި ފަހުން ނިޔާވި ރާއްޖޭގެ ކުރީގެ ކުޅިވަރު ތަރި ސައްޔިދު ހަސަންގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ. އެތަކެއް ކުޅިވަރުތަކުގައި ވާދަކޮށްފައިވާ ކުޅިވަރުގެ ލެޖެންޑާ ބެހޭ ވީޑިއޯ ރިޕޯޓެއް ވެސް ދައްކާލުން އޮތެވެ.

މިއަދުގެ ޖަލްސާއަށް ފަހު އޮލިމްޕިކް ކޮމިޓީ އާއި އެސޯސިއޭޝަންތަކުގެ އިސްވެރިން ވަނީ ގޮއިދޫ ރައްޔިތުންނާ އެކު ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން ފުޓްބޯޅަ، ވޮލީބޯޅަ، ފެތުން، ބައިސިކަލް ދުއްވުން ފަދަ ކުޅިވަރުތަކުގެ އެކިއެކި އިވެންޓްތަކުގައި ބައިވެރިވެ އެ ބޭފުޅުން ފޯރި ނެންގެވި އެވެ.