ރުމޭނިއާ އެމްބަސީ ވެސް ގުދުސް އަށް ބަދަލު ކުރަނީ
ރުމޭނިއާ އެމްބަސީ ވެސް ގުދުސް އަށް ބަދަލު ކުރަނީ

ބުކަރެސްޓް (އެޕްރީީލް 21) - ތެލް އަވީވުގައި ހުންނަ ރުމޭނިއާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާ ކމަށް އެ ގައުމުގައި ވެރިކަން ކުރާ ސޯޝަލް ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު ލިވިއު ޑްރެގްނިއާ ވިދާޅުވެއްޖެ އެވެ.

މިއީ އެމެރިކާ އަށް ފަހު ގުދުސް އަށް އެމްބަސީ ބަދަލު ކުރާ ފުރަތަމަ ގައުމަށް ވާނެ އެވެ. އެމެރިކާ އިން ވަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަނެ އެމެރިކާ އެމްބަސީ އަންނަ މަހު 14 ގައި ގުދުސް އަށް ބަދަލު ކުރަން ނިންމައިފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕުގެ މި ނިންމެވުމުގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ރުމޭނިއާ ސަރުކާރުން އެ ގޮތަށް ނިންމި ނަމަވެސް އެކަމާ ގުޅޭ ގޮތުން ފަހު ބަސް ވިދާޅުވާނެ ފަރާތަކީ ރައީސް ކްލައުސް އިއޮހަނިސް އެވެ. ރުމޭނިއާގެ ރައީސް ވިދާޅުވެފައި ވަނީ ގުދުސް އަށް އެމްބަސީ ބަދަލު ކުރުމާ ގުޅޭ ގޮތުން އޭނާއާ އަދި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. ރައީސް އިއޮހަނިސް ވަނީ ގައުމުގެ ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ބޮޑު ކަމެއް ނިންމާ އިރު ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުވުމަށް އެދިވަޑައިގެންފަ އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ ވަރަށް ގިނަ ގައުމުތަކުން އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ބޭނުންވާ ކަމަށެވެ.