ޒިމްބާބުވޭގެ ޕާލަމެންޓަށް މުގާބޭ ހާޒިރުކުރަނީ
ޒިމްބާބުވޭގެ ޕާލަމެންޓަށް މުގާބޭ ހާޒިރުކުރަނީ

ހަރާރޭ (އެޕްރީލް 21) - ޑައިމަންޑުގެ ވިޔަފާރިން ގައުމަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުންވެފައިވާ ކަމަށް ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަން އެ ގައުމުގެ ޕާލަމެންޓުގެ ކޮމިޓީއަކަށް އޭނާ ހާޒިރުވާން އަންގައިފި އެވެ.

ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ނެގުމާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވި މުގާބޭ 2016 ވަނަ އަހަރު ގައުމީ ޓީވީ އަށް ވިދާޅުވެފައި ވަނީ ޒިމްބާބުވޭގެ އިރުމަތީގެ ހިސާބުތަކުން 15 ބިލިއަން ޑޮލަރުގެ ޖަވާހިރު ލޫޓުވާލާފައިވާ ކަމަށެވެ.

ޒިމްބާބުވޭގައި 37 އަހަރު ވެރިކަން ކުރެއްވި 94 އަހަރުގެ މުގާބޭ މެއި 9 ވަނަ ދުވަހު ހާޒިރުވާން އަންގާފައި ވަނީ ޕާލަމެންޓުގެ މައިންސް އެންޑް އެނާޖީ ކޮމިޓީއަށެވެ. ޕާލަމެންޓުގެ ކޮމިޓީ އަށް ހާޒިރުވާން މުގާބޭ އެއްބަސްވެވަޑައިގެންނެވި ކަމެއް އަދި ނޭނގެ އެވެ.

މުގާބޭގެ ވެރިކަމުގެ ފަހު 10 އަހަރު ވަނީ ވަރަށް ގިނަ ކުންފުނިތަކަށް ޑައިމަންޑް ނެގުމުގެ ހުއްދަ ދީފަ އެވެ. އޭގެ ތެރޭގައި ޗައިނާގެ ކުންފުނިތަކުގެ އިތުރުން ސިފައިންނާއި ފުލުހުންނަށް ވެސް ހުއްދަ ދީފައިވެ އެވެ. ނަމަވެސް ޒިމްބާބުވޭ ސަރުކާރުން 2016 ވަނަ އަހަރު ވަނީ ޑައިމަންޑް ނެގުމުގެ ހުރިހާ ލައިސަންސެއް ބާތިލްކޮށްފަ އެވެ. އޭގެ ފަހުން ހުއްދަ ދީފައި ވަނީ ސަރުކާރު ކުންފުނިތަކަށް އެކަންޏެވެ.