ޖަލުގައި މީހުން މަރާ ކަމަށް ބުނެގެން މަހުލޫފަށް ކުރާ ދައުވާގެ އަޑު އެހުން ހޯމަ ދުވަހަށް ތާލުކޮށްފި
ޖަލުގައި މީހުން މަރާ ކަމަށް ބުނެގެން މަހުލޫފަށް ކުރާ ދައުވާގެ އަޑު އެހުން ހޯމަ ދުވަހަށް ތާލުކޮށްފި

މާފުށި ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އަންނަ ހޯމަ ދުވަހު ފަށަން ތާވަލްކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ސްރީ ލަންކާގައި ހުންނަވައިގެން ކުރި ޓްވީޓާ ގުޅިގެން އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ތާވަލުކޮށް އޭނާ އަށް ވަނީ ޗިޓް ވެސް ފޮނުވައިފަ އެވެ. މަހުލޫފް މިހާރު ހުންނެވީ ގޭބަންދުގަ އެވެ.

ޓްވީޓްގެ މައްސަލާގައި މަހްލޫފްގެ މައްޗަށް އުފުލާފައި ވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ.

ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވަނީ ޖަލުގައި ގައިދީން ޖަލުގައި މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ބޭސް ފަރުވާ ނުދީ ސީދާ މަރަނީ ކަމަށެވެ. އެހެންވެ މިކަމުގެ ޒިންމާ ކަރެކްޝަނަލް ސާވިސްގެ ވެރިން އުފުލަން ޖެހޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވެފައިވެ އެވެ. އަދި އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރެއްވިއިރު ޖަލުގެ ހާލަތާ ގުޅޭ ގޮތުން ޝަކުވާ ކުރެވުނު އަދަދު ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

މަހުލޫފްގެ މައްޗަށް މިހާރު ވެސް ވަނީ އިތުރު ދައުވާތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އާއި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ހިމެނެ އެވެ.