21 އެޕްރީލް 2018 - 14:00

ވެރިކަމުގެ ދަހިވެތި ކަމުގައި ޣައިރު ގާނޫނީ އަމަލުތައް ހިންގާ ފަރާތްތަކުގެ ކިބައިން، ސިފައިން ގައުމު ސަލާމަތްކުރަން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ދެއްވި ހިތާބުގައި ވިދާޅުވީ ސިފައިންނަށް ދައުލަތް ދިފާއުކުރަން ޖެހިފައި ވަނީ ހަމައެކަނި ބޭރުގެ ދުޝްމަނުންނާއި ބޭރުގެ އަދާވާތްތެރިންގެ ކިބައިން ނޫން ކަމަށެވެ. އެކަމަކު ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަމާއި އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތި ކަމުގައި ޣައިރު ގާނޫނީ އަމަލުތައް ހިންގާ ފަރާތްތަކުގެ ކިބައިން ވެސް ގައުމު ދިފާއުކޮށް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިދިޔަ ފެބްރުއަރީ 1 ގައި، ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތުން ނުވަ މީހަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގައުމަށް ކުރިމަތިވި ނުރައްކާތެރި ހަމަލާއެކެވެ. އަދި އެ ދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރަށް ރައީސް ޔާމީން ވަނީ ތައުރީފު ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދައުލަތުގެ މުހިއްމު ބާރުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ދައުލަތާ ދެކޮޅަށް ތެދުވާ ތެދުވުންތައް އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ. އަދި އެ ކަންކަމުގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ ޝަރަފުވެރި މަގާމުގައި ތިއްބެވި އިއްޒަތްތެރިން ޝާމިލްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމަށް ނިސްބަތްވާ ގޮތަށް، ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ވެރިންނާއި އިއްޒަތްތެރިން އަމިއްލަ އެދުމާއި މާއްދިއްޔަތަށްޓަކައި ގެންދަވަނީ ޝަހުސިއްޔަތު ގުރުބާން ކުރައްވަމުންނެވެ. އެގޮތުން ރައީސްގެ މަގާމު އަދާކުރައްވާފައިވާ ބައެއް ބޭފުޅުން ދިވެހި ދައުލަތާ ދެކޮޅަށް ނުކުމެވަޑައިގެން ބޭރުގެ އަސްކަރީ ބާރުތައް ރާއްޖެ އަށް އެރުމަށް ތަކުރާރުކޮށް ގޮވާލައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކުގެ ކުރިމަތީގައި ރާއްޖެ އާއި ދިވެހިން ފަޟީހަތްކޮށް އިސްލާމް ދީން ނޫން އެހެން ދީންތައް މި ގައުމުގައި އޮންނަން ޖެހޭ ކަމަށް ވަކާލާތުކުރާ ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރާ މަސައްކަތަކީ ދީނަށް ދެވޭ ވަރުގަދަ ހަމަލާތަކެއް ކަމުގައި ވެސް ރައީސް ވިދާޅުވި ކަމަށެވެ.