ނޯތު ކޮރެއާގެ މިސައިލް ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓާލައިފި
ނޯތު ކޮރެއާގެ މިސައިލް ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓާލައިފި

ޕިއޮންޔޮން (އެޕްރީލް 21) - ނޯތު ކޮރެއާ އިން މިސައިލް ޓެސްޓް ކުރުން ހުއްޓާލާ ނިއުކްލިއާ ސައިޓް ވަގުތީ ގޮތުން ބަންދުކޮށްފައި ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން އިއުލާން ކުރައްވައިފި އެވެ.

"ނޯތު ކޮރެއާ އިން ވަނީ މިއަދުން ފެށިގެން ނިއުކްލިއާ ޓެސްޓް ކުރުމާއި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ފޮނުވާލުން ވަގުތީ ގޮތުން ހުއްޓާލާފައި،" އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން ބުނެފައިވެ އެވެ.

ކިމް ވިދާޅުވީ ނިއުކްލިއާ ޓެސްޓް ކުރުން މިހާރު އެހާ ބޭނުންތެރި ނޫން ކަމަށާއި އެ ގައުމަށް ނިއުކްލިއާ ގާބިލްކަން މިހާރު ލިބިފައިވާ ކަމަށެވެ. ނޯތު ކޮރެއާގެ މިސައިލް ޓެސްޓްތަކާއި ނިއުކްލިއާ މަޝްރޫއު މަޑުޖައްސާލަން ނިންމާފައި ވަނީ ވެރިކަން ކުރާ ޕާޓީގެ ސެންޓްރަލް ކޮމިޓީން ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

ނޯތު ކޮރެއާ އިން މި ކުއްލި ނިންމުން އިއުލާންކޮށްފައި މި ވަނީ އެ ގައުމުން ސައުތު ކޮރެއާ އާއި އެމެރިކާއާ އެކު މަޝްވަރާތައް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންއާ ކިމް އަންނަ ހަފުތާގައި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އަންނަ ޖޫން މަހު ތެރޭ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިމްއާ އެކު ބާއްވާ ބައްދަލުވުމުގެ ކުރިން އެމެރިކާ އާއި ސައުތު ކޮރެއާ އިން ދިޔައީ ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ބާރު އަޅަމުންނެވެ.

"މިއީ ނޯތު ކޮރެއާ އާއި ދުނިޔެ އަށް ވެސް ބޮޑު ޚަބަރެއް،" ޓްރަމްޕް ޓްވީޓް ކުރެއްވި އެވެ.

ސީއައިއޭގެ ޑިރެކްޓަރު ދާދި ފަހުން ވަނީ ނޯތު ކޮރެއާ އަށް ވަޑައިގެން ކިމްއާ ބައްދަލު ކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ބައްދަލުވުމުން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ނޯތު ކޮރެއާ އިން ވަނީ ފަހަކަށް އައިސް ނިއުކްލިއާ ހަ ޓެސްޓް ކޮށްފަ އެވެ.