22 އެޕްރީލް 2018 - 06:10

ޖިސްމާނީ ގޮތުން ހަށިގަނޑު ވަރުގަދަކޮށް ތިބޭ ފިރިހެނުންގެ ސިކުނޑީގެ ދުޅަހެޔޮކަން ބޮޑު ކަމަށް ދިރާސާއެއެއްގައި ބުނެފި އެވެ.
އޮސްޓްރޭލިއާގެ ވެސްޓަން ސިޑްނީ ޔުނިވަސިޓީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ކޮމްޕްލިމެންޓްރީ މެޑިސިން (އެންއައިސީއެމް) އިން ހެދި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ހަށިގަނޑުން ވަރުގަދަވުމަކީ ފިރިހެނުންގެ ނަފުސާނީ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭ ކަމެކެވެ.
އުމުރުން 55 އަހަރުން ދަށާއި 55 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އެއްކޮށްގެން ހެދި ދިރާސާގައި، ހަށިިގަނޑު ވަރުގަދަކޮށް ތިބޭ ފިރިހެނުންގެ ވިސްނުމާއި ފިކުރު ވެސް އެ ނޫން މީހުންނާއި ތަފާތުވެފައި ކަންކަމާ ދޭތެރޭ އެފަދަ މީހުން، ގިނަ ފަހަރަށް ދެކެނީ ޕޮޒިޓިވް ނަޒަރިއްޔާތަކުންކަން ހާމަވެފައިވެ އެވެ.
އެގޮތުން ޖިސްމާނީ ގޮތުން ވަރުގަދަކޮށް ތިބޭ މީހުން ކަންކަމުގައި ގޮތް ނިންމުމާއި ކަންކަން ކުރުން އަވަސްވާކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
"މީހާގެ ޖިންސާއި ބަރުދަނާއި ހަށިގަނޑުގެ ވަރުގަދަކަމާއި ސިކުނޑީގެ ދުޅަހެޔޮކަމާ ގުޅުމެއްވާ ކަމަށް އެބަ ޖެހޭ ގަބޫލު ކުރަން،" ދިރާސާ ޓީމްގައި ހިމެނުނު ޖޯސެފް ފާތު ވިދާޅުވި އެވެ. "މިއިން ދައްކުވައި ދެނީ ވަރުގަދަކޮށް ތިބޭ މީހުންގެ ސިކުނޑީގެ ހިނގުމުގެ ބާރު ގަދަކަން."
ނަމަވެސް ދިރާސާ ޓީމުން ބުނި ގޮތުގައި މިކަމާ ގުޅޭ ގޮތުން އަދި އިތުރު ހޯދުންތަކެއް ހޯދަން ޖެހެ އެވެ. ހާއްސަކޮށް ކަސްރަތުކޮށްގެން ހަށިގަނޑު ވަރުގަދަ ކުރާ މީހުންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް އަންނަނީ ކޮންކޮން ބަދަލުތަކެއްތޯ އިތުރަށް ހޯދަން ޖެހޭ ކަމަށް ބުންޏެވެ.
"މި ދިރާސާ އިން ސާބިތުކޮށް ދިން އެއް ކަމަކީ ކަސްރަތަކީ ވަރަށް މުހިއްމު ކަމެއްކަން،" ޖޯސެފް ވިދާޅުވި އެވެ.