21 އެޕްރީލް 2018 - 13:36

"މާ ސާފު މާލެ" ނަމުގައި މިއަދު ބޭއްވި ސާފުކުރުމުގެ ހަރަކާތުން ތިން ގަޑިއިރުގެ ތެރޭގައި މާލެއިން އެކަނި ވެސް 70 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުނެފި އެވެ.
ސާފުކުރުމުގެ މަސައްކަތް ނިންމުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެންވަަޔަރްމަންމަންޓް މިނިސްޓަރުގެ ނައިބު އަލީ އާމިރު ވިދާޅުވީ ހެނދުނު 6:00 ގައި ފެށި އެ ހަރަކާތުގައި އެކި މުއައްސަސާތަކާއި ދަރިވަރުންނާއެކު 4،500 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ އެކު ބޭއްވި އެ ހަރަކާތުގައި ވިލިމާލެ ވެސް ސާފުކޮށްފައި ވެ އެވެ.
މާދަމާއިން ފެށިގެން މާލެ ސާފުކުރުމުގެ މަސައްކަތާ ވެމްކޯ ހަވާލުވާނެ އެވެ. މިއަދު މާލެތެރެ ސާފުކުރަން ނިކުތުގެ ބޮޑު ބޭނުމަކީ ވެސް ވެމްކޯ އަށް އެހީތެރިވުން ކަމަށް އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސާފުކުރުމުގެ ހަރަކާތެއް ބާއްވާތީ ބައެއް މީހުން އެކަމުގެ ނާޖައިޒް ފައިދާ ނަގާފައިވާ ކަމަށެވެ. އެގޮތުން ބައެއް މަގުތަކުގައި ވަރަށް ގިނަ އަދަދަކަށް ކުނި ބަަހައްޓާފައިވާ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ކުޑަކުދިން ފެށިގެން ބޮޑެތި މީހުންނާ ހަމައަށް ބައިވެރިވި. އެ ހަރަކާތަށް ވަރަށް ބޮޑު އެއްބާރުލުމަކާއި ތަރުހީބެއް ލިބުނު ރަނގަޅު ހަރަކާތެއް އެއީ.. މާލެއިން އެކަނި ވެސް 70 ޓަނުގެ ކުނި ނެގިފައި އެބަހުރި،" އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެެވެ.
އާމިރު ވިދާޅުވީ މާލެ ސާފުކުރުމުގެ ހަރަކާތްތައް އެކި ފަރާތްތަކުން ދޭތެރެ ދޭތެރެއިން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދެ ތިން ދުވަހެއް ފަހުން އެ ތަން އަނެއްކާ ވެސް ހަޑިވެފައި ހުންނާތީ ސާފުކުރުމުގެ ނަތީޖާއެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.