22 އެޕްރީލް 2018 - 06:07

ބޮލީވުޑްގެ ޒުވާން ބަތަލާގެ އާލިއާއަށް މިހާރު ވެސް ވަރަށް ޝައުގުވެރި ފިލްމްތަކެއް ލިބިފައި އެބަ ހުއްޓެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 11 ގައި ރިލީޒްކުރާ، މެގްނާ ގުލްޒާރްގެ "ރާޒީ" އިންނެވެ.

އާލިއާގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒް ކުރާ އަޔާން މުކަރްޖީގެ ފެންޓަސީ އެޑްވެންޗަ ފިލްމް "ބްރައްމަސްތުރާ" އާއި އަބިޝެކް ވަރްމަންގެ ޕީރިއަޑް ޑްރާމާ "ކަލަންކް" ހިމެނެ އެވެ. މީގެ އިތުރުން އޭނާގެ އާއިލީ ފިލްމް ކުންފުނި ވިޝޭޝް އިން ހަދާ "ސަޅަކް 2" އާއި "އާޝިގީ 3" އިން ވެސް އޭނާ ފެނުމުގެ ފުރުސަތު ބޮޑެވެ.
މި ފިލްމްތަކާ އެކު ދެން ވެސް އޮތީ ބޮޑު ޕްރޮޖެކްޓެއްގެ ވާހަކަ އެވެ. އެއީ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސް ކުރާ ބައޮޕިކެކެވެ. އިންޑިިއާގެ ކުރީގެ މަޝްހޫރު ޅެންވެރިޔާ ސާހިރް ލޫދިއަންވީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމްގައި ސާހިރުގެ ލޯބިވެރިޔާ އަމްރިތާ ޕްރިތަމްގެ ރޯލް ކުޅެން އާލިއާ އަށް މިހާރު ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ބަންސާލީ ވެސް އަދި އާލިއާ ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ބަންސާލީގެ ފިލްމެއް ކުޅެން އާލިއާ އަށް ލިބުމަކީ ބަބުޅަމުން އަންނަ މި ކާމިޔާބު ބަތަލާގެ ކެރިއަރުގެ ކުލަ އަދި މާ ބޮޑަށް ވެސް ގަދަކޮށްލާނެ ކަމެކެވެ. ބަންސާލީގެ ފިލްމެއް ކުޅެން ލިބުމަކީ ބޮލީވުޑްގެ ކޮންމެ ބަތަލާއެއްގެ ވެސް ބޮޑު ހުވަފެނެކެވެ.
އަނެއްކޮޅުން ކެރިއަރުގެ އެހާ ކުރީކޮޅު ބަންސާލީއާ އެކު މަސައްކަތް ކުރަން ލިބުމަކީ ކޮންމެ ކޮންމެ ބަތަލާއަކަށް އެހާ ފަސޭހަ އިން ލިބޭނެ ކަހަލަ ފުރުސަތެއް ވެސް ނޫނެވެ.
"މޭ ޕަލް ދޯ ޕަލް ކާ ޝާޔަރް ހޫ" އާއި "ކަބީ ކަބީ މެރެ ދިލް މޭ" ފަދަ އަސަރު ގަދަ އެތައް ލަވައެއްގެ ޅެން ހަދާފައިވާ ސާހިރުގެ ބައޮޕިކް ކުރިން ހުށަހެޅީ އިރްފާން ހާނާއި ޕްރިޔަންކާ ޗޯޕްޅާއަށެވެ. އަދި ފަހުން ދީޕިކާ ޕަދްކޯނާއި ޕަރިނީތީ ޗޯޕްޅާ އަށް ވެސް ފިލްމް ހުށަހެޅި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު އިރްފާންގެ ބަދަލުގައި މިހާރު ސާހިރުގެ ރޯލް އަބިޝެކް ބައްޗަން އަށް ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަބިޝެކްގެ ކުރިއަށް އޮތް ފިލްމަކީ "މަންމަރްޒިޔާން" އެވެ.
މި ފިލްމް ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޖަސްމީތު ރީން އެވެ.