21 އެޕްރީލް 2018 - 09:20

"އަހަރެން އާސެނަލްގައި ކުރި މަސައްކަތުގެ ވާހަކަ ދައްކާލަން ވަރަށް ފަސޭހަ. ފުރަތަމަ 10 އަހަރު އިވުނީ ތައުރީފްގެ އަޑުތައް. އޭގެ ފަހުން އަހަންނަށް މުޅިން ފެނުނީ ފާޑުކިޔުން،" މިިދިޔަ ސީޒަނުގައި އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް ފަހު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފައިވެެ އެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން އާސެނަލުން ވެންގާ އަށް ދެ އަހަރުގެ އެއްބަސްވުމެއްދީފައިވަނިކޮށް އޭނާ ވަނީ މި އަހަރު ނިމުމުން ޓީމު ދޫކޮށްލާނެ ކަމަށް އިއްޔެ ބުނެފަ އެވެ. މިއީ އާސެނަލާ ހަވާލުވިތާ މި ހޭދަވީ 22 އަހަރު ތެރޭގައި ވެންގާ ނިންމި އެންމެ ތަފާތު ނިންމުމެވެ. މި ނިންމުމާ އެކު ސޯޝަލް މީޑިއާގައި އެންމެ ގިނަ ބަޔަކު ހިޔާލު ފާޅުކުރި އެއް ކަމަކީ މި އެވެ.

ފްރާންސުގެ ނޭންސީގެ ކޯޗުކަމުން 1984 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ވެންގާ 1996 ވަނަ އަހަރު އާސެނަލާ ހަވާލުވީ ފްރާންސްގެ މޮނާކޯ އާއި ޖަޕާނުގެ ނަގޯޔާ ގްރެމްޕަސް އަށް ކޯޗުކޮށްދިނުމަށް ފަހު އެވެ. އާސެނަލާ ހަވާލުވިއިރު އޭނާ އެންމެ ބޮޑަށް ޝަރުތުކުރީ އޭނާ މަސައްކަތްކުރާ އުސޫލާއި ވައްޓަފާޅި ދަމަހައްޓަން ފުރިހަމަ އިހުތިޔާރު ދިނުމެވެ. އެކަން އާސެނަލުން އޭނާ އަށް ކޮށްދިނެވެ.

އާސެނަލާ ހަވާލުވުމަށް ފަހު ވެންގާ ފުރަތަމަ ފެށީ ޓީމެއް ބިނާކުރުމުގެ މަސައްކަތެވެ. ދެ އަހަރު ތެރޭ ޓީމެއް ބިނާކޮށް ވެންގާ ވަނީ 1998 ވަނަ އަހަރު އިނގިރޭސި ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އަދި މިހާރު ކުޅިވަރު އެނަލިސްޓް ގެރީ ނެވިލް ބުނީ އޭރު އާސެނަލްގައި އޮތް ޓީމަކީ އޭނާގެ ކުޅުމުގެ ކެރިއަރުގައި ދުށް އެންމެ މޮޅު އެއް ޓީމު ކަމަށެވެ.
ވެންގާ އާސެނަލްގައި ކުރި އެންމެ ބުރަ އެއް މަސައްކަތަކީ ދުނިޔޭގެ ފެންވަރު ކުޅުންތެރިން އުފެއްދުމެވެ. އޭނާގެ ފިލޯސަފީގެ ތެރެއިން ނުކުތް ގިނަ ކުޅުންތެރިން ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ފިޔަޖަހައިފަ އެވެ. އިނގިރޭސި ފުޓްބޯޅަ ދެހާހުގެ ކުރީ ކޮޅުގައި ބަދަލުވުމުގައި އެންމެ އިސް ދައުރެއް އަދާކުރީ މެންޗެސްޓާ ޔުނައިޓެޑުގެ އޭރުގެ ކޯޗު އެލެކްސް ފާގަސަން އާއި ވެންގާ އެވެ. މި ދެ ކޯޗުންގެ ވާދަވެރިކަމުގެ ތެރޭގައި ގިނަ ކުޅުންތެރިންތަކެއް ވަނީ ކުޅުމަށް ބަލާއިރު އެހެން ލެވެލަކަށް ގޮސްފަ އެވެ.
ވެންގާ ކޯޗިން ކެރިއަރުގައި އެންމެ ހާއްސަވާނެ އެއް ކަމަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ހެދި ބަލިނުވުމުގެ ރެކޯޑެވެ. އެ ޓީމުން ވަނީ ބަލިނުވެ 49 މެޗު ހަމަކޮށްފަ އެވެ. އަދި މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގު ފެށިފަހުން މެޗަކުން ބަލިނުވެ، ލީގު ޗެމްޕިއަންކަން ހޯދި ހަމައެކަނި ޓީމަކީ އާސެނަލް އެވެ. މިއީ ކޯޗިން ކެރިއަރުގައި ވެސް ވެންގާގެ އެންމެ ބޮޑު ކާމިޔާބީ އެވެ. އަދި އާސެނަލްގެ ތާރީހުގައި ވެސް ރަން އަކުރުން ފަވާލެވިފައިވާ ކާމިޔާބެކެވެ.
ވެންގާ ތަފާތު ދެއްކި އަނެއް ކަމަކީ ކުޑަ ބަޖެޓަކުން ކުޅުންތެރިން ގެނެސްގެން އެ ކުޅުންތެރިން މޮޅުކޮށް ޓީމަށް ފައިދާ ހޯދައިދިނުމެވެ. ފުޓްބޯޅަ ދިރާސާ ކުރާ ފަރާތަކުން 2015 ވަނަ އަހަރު ހެދި ދިރާސާއެއްގައި ދައްކާގޮތުން 2003-2015 އާ ހަމައަށް ކުޅުންތެރިން ވިއްކައިގެން އެންމެ ބޮޑު ފައިދާއެއް ކުރި އެއް ކްލަބަކީ އާސެނަލް އެވެ. އާސެނަލްގެ ކުރީގެ ސްޓޭޑިއަމް ހައިބަރީ ދޫކޮށްލުމަށް ފަހު މިހާރުގެ ދަނޑު އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވުމަކީ ވެންގާގެ އިސްނެގުމާ އެކު އާސެނަލްގެ ވެރިން ފެށި ޕްރޮޖެކްޓެކެވެ.
ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު މުޅި ދުނިޔޭގެ އެތަން މިތަނުން ފެނުނު އެއް ބެނާ އަކީ "ވެންގާ އައުޓް" މި ބެނާ އެވެ. ކުޅިވަރާ ނުބައްދަލު މާހައުލުތަކުން އެ ބެނާތަށް ފެނުނު އަދަދުވެސް މަދެއް ނޫނެވެ. މި ސީޒަން ފެށުމުގެ ކުރިން ސްކައިސްޕޯޓްސްގެ ޝޯއެއްގައި ވާހަކަ ދައްކަމުން ވެންގާ ބުނީ އޭނާ އަށް އެކަން ފާހަގަވާން ފެށީ 2006ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބާސެލޯނާ އަތުން ބަލިވި ފަހުން ކަމަށެވެ.
"އަހަރެމެން މެޗަކުން ބަލިނުވެ ޕްރިމިއާ ލީގު ހޯދީމަ ކްލަބްގެ ސަޕޯޓަރުން ދެން ބޭނުންވީ ޗެމްޕިއަންސް ލީގު ހޯދަން. އެކަމަކު އެ މަސައްކަތް ކާމިޔާބުނުވީ އޭރު. އޭގެ ފަހުން އަހަންނަށް އެކި ފަހަރު މަތިން ފެނޭ އަހަރެންގެ އިސްތިއުފާ އަށް ގޮވާތަން. ދެން އައީ އަހަރަކަށް ފަހު އަހަރެއް އިތުރުވަމުން. ތެދަށް ބުނަަންޏާ އޭގެ ގޯސް އަސަރު ކޮށްފައިހުރެދާނެ،" ވެންގާ ބުންޏެވެ.
އެ އަހަރަށް ފަހު އާސެނަލަށް އަމާޒުވާ ފާޑުކިޔުންތައް ދިޔައީ އިތުރުވަމުންނެވެ. އަސެނަލަކީ ތަށި ހޯދުމަށް ވުރެ ލީގުގެ ގަދަ ހަތަރަކަށް އަމާޒުހިފާ ޓީމެއްގެ ގޮތުގައި ދިޔައީ ލޭބަލް ވަމުންނެވެ. އަނެއްކޮޅުން ޗެލްސީ އާއި މެންޗެސްޓާ ސިޓީން ބޮޑު ހަރަދުކޮށް ކުޅުންތެރިން ގަންނަމުންދިޔައިރު، ވެންގާ ހުރީ އޭނާގެ އުސޫލުމަތީގަ އެވެ. އެއީ ކުޅުންތެރިންގެ ކުޅުމާ ނުބައްދަލު އަގެއް ނުދިނުމަށެވެ. ވެންގާ އަށް އެ ގޮތް ކަމުދިޔަ ނަމަވެސް އެއީ ކްލަބުގެ ސަޕޯޓަރުން އެންމެ ރުހޭގޮތަށް ނުވި އެވެ.
އާސެނަލްގައި ވެންގާގެ ހޭދަކުރި ދުވަސްތަކުގައި އޭނާ ހަނދާނުން ނުނެތޭނެ ދެ މެޗެއް ދިޔަ އެވެ. އެއީ 2011-2012 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ސީޒަނުގައި 8-2 އިން މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި މެޗާއި 2013-2014 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީ އަތުން 6-0 އިން ބަލިވި މެޗެވެ. މި ދެ މެޗަށް ފަހު ވެންގާ އަށް އަމާޒުވި ފާޑުކިޔުންތަކުގެ އަޑު އެތަކެއް ދުވަހެއް ވަންދެން އޮތެވެ.
މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ކަޓައި 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އާސެނަލަށް ވަނީ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިފަ އެވެ. މި ސީޒަނުގައި ވެސް ގަދަ ހަތަރެއްގެ ފުރުސަތު ނެތެވެ. އެ ޓީމަށް އޮތް ހަމައެކަނި ފުރުސަތަކީ ޔޫރޮޕާ ލީގު ނަަގައިގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމެވެ.
މި ފަހަރު ގަދަ ހަތަރެއްގައި ނިންމާލުމުގެ ފުރުސަތު އާސެނަލަށް ބަންދުވެފައިވާއިރު، އެ ޓީމު ވަނީ ލީގު ކަޕު ފައިނަލުގައި ސިޓީ އަތުން ބަލިވެފަ އެވެ. މި އަހަރު ފެށި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ރަަށުންބޭރުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާއިރު، އޮތް ހަމައެކަނި ހިތްހަމަ ޖެހުމަކީ ޔޫރޮޕާ ލީގުގެ ނަތީޖާ ރަނގަޅުވުމެވެ.
އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ ވެންގާ ކްލަބް ދޫކޮށްލަން ރަނގަޅު ވަގުތެކެވެ. އެއީ އެ ކްލަބްގެ ސަޕޯޓަރުން ވެސް މާޔޫސްވެފައި ހުރި ދަނޑިވަޅެއްގައި އާ ހިތްވަރަކާ އެކު އެނބުރި އަންނަން ލިބޭ ފުރުސަތަކަށްވާތީ އެވެ. ފަަހަކަށް އައިސް އާސެނަލް ދަނޑުގައި ކުޅޭ މެޗުތަކުގައި ދަނޑުގެ ބައެއް ދިމަ ދިމާ ހުސްކޮށް އޮންނައިރު، އެއީ ވެންގާއާ މެދު ހިތްހަމަ ނުޖެހިގެން ސަޕޯޓަރުން ނާންނަނީ ކަމަށް ރިޕޯޓްތަކުގައިވެ އެވެ. މި ހާލަތުގައި ވެންގާގެ މި ނިންމުމުގެ ސަބަބުން އެ ސަޕޯޓަރުން އެނބުރި އަންނާނެ ކަމަށް ބެލެވެ އެވެ.
އާސެނަލުން ވަނީ މިދިޔަ ދެ އަހަރު ތެރޭގައި ބޮޑު ހަރަދުތަކެއް ކުޅުންތެރިންނަށް ކޮށްފަ އެވެ. މިހާރު އެ ޓީމުގައި އޮތީ ނިސްބަތުން ރަނގަޅު ސްކޮޑެކެވެ. އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގު އާސެނަލުން ކާމިޔާބު ކޮށްފިނަމަ އެއީ ކްލަބް ދޫކޮށްދާއިރު ވެންގާ އަށް އެ ޓީމު އަލުން ކޮޅަށް ޖަހަން އަޅައިދެވޭނެ ރަނގަޅު ބިންގަލެކެވެ.
އެލެކްސް ފާގަސަން ނެގުމަށް ފަހު ވެންގާގެ އެންމެ ބޮޑު ވާދަވެރިއެއްގެ ގޮތުގައި ފެނުނީ ޗެލްސީ އަށް ކުރިން އިރުޝާދުދިން ޔުނައިޓެޑްގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. މޮރީނިއޯ ވަނީ ފާއިތުވި އަހަރުތަކުގައި ވެންގާއާ ގިނަ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. އެގޮތުން މޮރީނިއޯ ވަނީ 2014 ވަނަ އަހަރު ފެބްރުއަރީ މަހު އާސެނަލާ ދެކޮޅަށް ކުޅުނު މެޗެއްގެ ކުރިން ވާހަކަ ދައްކަމުން ވެންގާ އަކީ "ސްޕެޝަލިސްޓް އިން ފެއިލިއާ" އެއް ކަމަށް ބުނެފަ އެވެ. އެކަމު މޮރީނިއޯ އިއްޔެ ބުނީ ވެންގާ އާސެނަލް ދޫކޮށްދިއުމަށް ފަހު ވެސް ފުޓްބޯޅަ އަށް ހިދުމަތް ކޮށްދިނުމުގައި ދެމިހުންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
"އެންމެނަކަށް ކޯޗަކަށް ވުމުގައި އެ ހުންނަ ކަންތައްތަކެއް ނޭނގިދާނެ. ޖަޒުބާތުގައި ޖެހިގެން ފަހަރުގައި އަހަރެމެންނަށް ހުންނާނެ ބުނަން ނުޖެހޭ އެއްޗެހި ބުނެވިފައި ވެސް. އެކަމަކު އަހަރެމެން އެކެއް އަނެކަކަށް ކުރާ އިހުތިރާމް އަބަދުވެސް އޮންނާނެ. އަހަރެންގެ އުއްމީދަކީ ފުޓްބޯޅައިން ވެންގާ އަދި ފެނުން،" އިއްޔެ ނޫސްވެރިއަކު ވެންގާއާ ގުޅޭގޮތުން ކުރި ސުވާލަކަށް މޮރީނިއޯ ޖަވާބު ދިނެވެ.
އެލެކްސް ފާގަސަން ބުނީ ވެންގާ އަކީ ފުޓްބޯޅަ ތާރީހުގައި ވެސް ހާއްސަ ކޯޗެއް ކަމަށާއި އޭނާ އާސެނަލްގައި ކުރި މަސައްކަތުގެ އަގު އެއްވެސް މީހަކަށް ނުދެއްކޭނެ ކަމަށެވެ.
އާސެނަލްގައި އުމުރުން 68 އަހަރުގެ ވެންގާ ކޯޗުކޮށްދިން ގިނަ ކުޅުންތެރިން ވަނީ އިއްޔެ ސޯޝަލް މީޑިއާގައި އެ ކުޅުންތެރިންގެ ޝުއޫރުފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ތިއަރީ އޮންރީ، ރޮބިން ވެން ޕާސީ، ސެސްކް ފަބްރެގަސް އަދި އިއާން ރައިޓްސް ފަދަ ކުޅުންތެރިން ހިމެނެ އެވެ. މީގެ އިތުރުން މަޝްހޫރު ކޯޗުންނާއި ކުޅުންތެރިން ވެސް ވަނީ ވެންގާ އަށް ޝުކުރުއަދާކޮށްފަ އެވެ.
އާސެނަލް ކޯޗުކަމުގައި ވެންގާ ހުއްޓައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ވަނީ 195 ކޯޗުން ގެނެސްފަ އެވެ. ވެންގާ އާސެނަލް ދޫކޮށްލަން ނިންމިިއިރު އޭނާ ވަނީ އެ ޓީމާ އެކު ތިން ޕްރިމިއާ ލީގާއި ހަތް އެފްއޭ ކަޕް ހޯދައިފަ އެވެ.
ވެންގާގެ ބަދަލުގައި އެ ކްލަބާ ހަވާލުވެދާނެ ކޯޗުންގެ ނަންތައް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އޭގެ ތެރޭގައި 2004 ވަނަ އަހަރު ލީގު ހޯދައިދިން ކެޕްޓަން ޕެޓްރިކް ވިއެރާ އާއި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ ނަން ހިމެނެ އެވެ. މީގެ އިތުރުން ކާލޯ އަންޗެލޮޓީ އާއި ތޯމަސް ޓުޗެލް އަކީ ވެސް އާސެނަލާ ހަވާލުވެދާނެ ކަމަށް ބެލެވޭ ކޯޗުންގެ ތެރޭގައި ހިމެނޭ ދެ ނަމެވެ.