21 އެޕްރީލް 2018 - 06:57

މަންދު ކޮލެޖުން ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށް ކިޔެވި 324 ދަރިވަރަކު ރޭ ދަސްވެނިވެއްޖެ އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ގައުމުގެ އިގުތިސޯދުގެ އެންމެ ބޮޑު ތަޅުދަނޑި އަކީ ތައުލީމު ކަމަށެެވެ. އެގޮތުން ގައުމުގެ އިގުތިސޯދު ކުރިއަރައި ތަރައްގީވުމުގެ ފަހަތުގައި ވަނީ ވެސް ތައުލީމުގެ ތެރެއިން ދަސްވި ކަންތައް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2030 ވަނަ އަހަރުގެ ދުނިޔޭގެ ތައުލީމީ އެޖެންޑާއާ އެކު، ހުރިހާ ފަރާތްތަކުން އަމާޒު ހިފާފައިވަނީ ގައުމުތަކުގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށެވެ. އެގޮތުން ރާއްޖޭގައި ވެސް ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަނީ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ކަމަށާއި މުހިއްމު ދާއިރާތަކަށް ބަލައިލުމުން އެކަން ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ރާއްޖޭގައި ތަފާތު ދާއިރާތަކުން ދިރާސާތައް ހަދައި އެކި އުފެއްދުންތައް ނެރުމަކީ މިހާރު ކުރަންޖެހިފައިވާ މުހިއްމު ކަމެއް ކަމަށެވެ.
"ރާއްޖޭގައި ވެސް އެކި ދާއިރާތައް ތަރައްގީވަމުން އަންނައިރު، އެ ދާއިރާތަކުން އިންސާނީ ވަސީލަތް ތަރައްގީކޮށް ފުޅާކުރުމަކީ މި ރާއްޖޭގެ ކުރިމަގަށް ކުރެވޭނެ އިންވެސްޓްމަންޓަކަށް ނޫނީ ނުވާނެ. އެގޮތުން ރާއްޖޭގެ މަތީ ތައުލީމް ތަރައްގީކޮށް ފުުޅާކޮށް އަދި އެ ތަންތަނުން ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ، މި ދެންނެވި އިންވެސްޓްމަންޓުތައް، ކުރިމަގުގައި ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް ކުރެވެން ހުރި އެންމެ މުހިއްމު މަސައްކަތްކަން ސަރުކާރުން ދެކޭ،" ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވަނީ ކިޔެވުމުގެ ތެރެއިން ދަސްވި ކަންތައްތަކުގެ ބޭނުން ހިފައި މުޖުތަމައުއަށް އިހުލާސްތެރިކަމާއެކު ހިދުމަތްކުރުމުގައި ދެމިތިބުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ މަންދު ކޮލެޖުގެ ކޯސްތަކުން ރަނގަޅު ވަނަަތައް ހޯދި ދަރިވަރުންނަށް ތިން އެވޯޑެއް ވެސް ދީފަ އެވެ.