24 މެއި 2016 - 18:46

ހަތަރު މީހުންނާއެކު ތ. މަޑިފުށިން ފުރައިގެން އެ އަތޮޅު ވޭމަންޑު އަށް ދަތުުރުުކުރި ލޯންޗެއް ބަންޑުން ޖަހާލާފައި ވަނިކޮށް އެ އިން ދަތުރު ކުރި އެންމެން ފުލުހުން ގޮސް ސަލާމަތްކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެ ލޯންޗު ބަންޑުން ޖަހައިލީ ވޭމަންޑޫ ކައިރީގައި އޮންނަ ކަނިމީދޫ ނަމަކަށް ކިޔާ ފަޅުރަށް ކައިރިއަށެވެ. އަދި އެ ލޯންޗު ބަންޑުން ޖަހައިލުމާ އެކު އޭގައި ތިބި ހަތަރު މީހުން ވަނީ ފަތާފައި ކަނިމީދޫ ތޮށިމައްޗަށް އަރައިފަ އެވެ.
އެ ހަތަރު މީހުންނަށް ވެސް ތަފާތު އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ސީރިއަސް ޒަހަމެއް ލިބިފައިނުވާ ކަމަށް ތ. އަތޮޅުގެ ފުލުހުންގެ ކޮމާންޑަރު ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަލީ ޝުޖާއާ ހަވާލަދެއްވައި ވެބްސައިޓުގައި ބުނެފައި ވެ އެވެ.
ބަންޑުން ޖަހާލި ލޯންޗު މިހާރު އޮތީ ކަނިމީދުއާ ދިމާ ބޭރުގައި ކަމަށާއި އެ ލޯންޗު ނެގުމުގެ މަސައްކަތް ފުލުހުންނާއި އާއްމުން ގުޅިގެން ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.