20 އެޕްރީލް 2018 - 22:28

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕޫތު ދެވަނަ ދަރިިއަކަށް ބަލިވެއިން ވާހަކަ މީޑިއާތަކުން މީގެ ދުވަސްކޮޅެއް ކުރިން ދައްކަމުން އަންނަނިކޮށް އެކަން އެ މީހުން ކަށަވަރުކޮށްދީފި އެވެ.
ޝާހިދާއި މީރާގެ އިސްޓަގްރާމްގައި އެކަން ރަސްމީކޮށް އިއުލާން ކުރީ ތަފާތު ގޮތަކަށެވެ. ދެ މީހުންގެ އަލަތު ދަރިފުޅު އެއް އަހަރުގެ މީޝާ ކަޕޫރްގެ ފޮޓޯއަކާ އެކު ފުއްޕާހަންތަކެއް ކުރަހާފައި އިން ފޮޓޯއެއްގައި ލިޔެފައި އޮތީ "ބިގް ސިސްޓާ" އެވެ. މާނައަކީ މީޝާ އަށް ދައްތަ ކިޔާނެ ކުއްޖަކު އަންނަނީއޭ އެވެ.
މީރާ ބަލިވެއިންކަން ކަށަވަރުކޮށް ދިން ނަމަވެސް، ބަނޑަށް މިހާރު ކިތައް މަސްކަމާއި ލިބެނީ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއް ނޭނގެ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ވެސް ވަރަށް މަޝްހޫރު މީޝާގެ ފުރަތަމަ އުފަން ދުވަސް ފާހަގަކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26 ގަ އެވެ.
ޝާހިދު، 37، އާއި މީރާ، 22، ކައިވެނި ކުރީ 2015 ގަ އެވެ. ކުރިން ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްޅާ، ވިދިޔާ ބާލަން އަދި ސޮނާކްޝީ ސިންހާއާ ލޯބީގެ ގުޅުންތަކެއް ބޭއްވި ޝާހިދު އޭނާ އަށް ވުރެ މާ ހަގު އަންހެން ކުއްޖަކާ އިނުމުން ބައެއް މީހުން އެކަމަށް ފާޑު ވެސް ކިޔާފައިވެ އެވެ.
އެކަމަކު ޝާހިދާއި މީރާ ސާބިތުކޮށް ދެމުން އަންނަނީ އުމުރުގައި ބޮޑު ތަފާތެއް ހުރުމަކީ މައްސަލައެއް ނޫން ކަމެވެ. އަދި މީރާއަކީ ބޮލީވުޑްގެ ބަތަލާއަކަށް ނުވިޔަސް، ޝާހިދާ ކައިވެނިކޮށް އޭނާ އުޅެމުން އަންނަ ސޯޝަލް ލައިފްގެ ސަބަބުން ގިނަ ބައެއްގެ ތައުރީފާއި ލޯބި އޮހެމުން އަންނަކަން ފާހަގަ ކުރެވެ އެވެ.
މީރާއަކީ މީޑިއާތަކާ ވެސް ވަރަށް ރައްޓެހި މީހެކެވެ. ވަރަށް ގިނައިން ދަރިފުޅު މީރާ އުރަށް ޖަހާލައިގެން ބޭރު ތެރޭގައި ވެސް އޭނާ އުޅޭ މަންޒަރު ނޫސްތަކަށް އަރަ އެވެ.
ދާދި ފަހުން ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ފިލްމް "ޕަދްމާވަތު" އަށް ފަހު، ޝާހިދު މިހާރު އަންނަނީ "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" ގެނެސް ދިން ޑައިރެކްޓަރު ޝްރީ ނާރަޔަން ސިންގްގެ "ބައްޓީ ގުލް މީޓަރު ޗާލޫ" ގެ މަސައްކަތް ކުރަމުންނެވެ.
"ޕަދްމާވަތު" ގައި ޝާހިދު ކުޅުނު ރޯލުން މި އަހަރުގެ ދާދާސާހެބް ޕާލްކޭ އެކްސެލެންސް އެވޯޑް ވެސް އޭނާ އަށް ދޭން ވަނީ ނިންމައިފަ އެވެ.