21 އެޕްރީލް 2018 - 06:43

ކައިވެނި ރޫޅުމުން މީގެ 40 އަހަރު ކުރިން، އުފަން އަވަށާއި އާއިލާ ދޫކޮށް ދިޔަ އިންޑިއާ މީހަކު އާދަޔާހިލާފު ގޮތަކަށް އަލުން އާއިލާއާ ބައްދަލުވެއްޖެ އެވެ.
މިހާރު އުމުރުން 66 އަހަރުގެ ކޮމްދުރާމް ގަމްބީރް ސިންގް އާއިލާ ދޫކޮށް ދިޔައީ 1978 ގަ އެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވެ އެވެ. އެހެންވެ އާއިލާގެ މީހުން ތިބީ ކޮންމެވެސް ދުވަހަކު އޭނާގެ ހަބަރެއް ވާނެކަމުގެ އުންމީދުގަ އެވެ. އެ އުންމީދުގައި ތިއްބައި ކޮމްދުރާމް އަށް އާއިލާއާ ބައްދަލުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އާއިލާގެ މީހުން އޭނާ އަށް މަރުހަބާކީ މަލުގެ ހާރުތަކުންނެވެ. މިކަމާ އުލަފުން ފެންކަޅިވެފައި ހުރެ ކޮމްދުރާމް ކިޔައި ދިން ގޮތުގައި އާއިލާ ކައިރި އަށް އަލުން ދެވޭތޯ އޭނާ ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު އެކަމަކު އެކަން ކާމިޔާބު ނުވީ އެވެ.
"އަހަރެން ލައްކަ މަސައްކަތް ކުރިން އެނބުރި އަންނަން. އެކަމަކު ތަގުދީރު ނިޔާކުރި ގޮތުން އެ ފުރުސަތު ފަހި ނުވީ،" ކޮމްދުރާމް އޭއެފްޕީ އަށް ބުންޏެވެ.
ނަމަވެސް ނަސީބަކީ ކޮންމެ ފަދަ ގޮތަކަށް ވެސް ބައްދަލުކޮށްފާނެ އެއްޗެކެވެ. ކޮމްދުރާމް އަލުން އާއިލާއާ ބައްދަލުވެވުނީ މުމްބާއީގެ މަގުމަތީގައި ލަވަ ކިޔަނިކޮށް ބަޔަކު ނަގާފައިވާ ވީޑިއޯއެއް ޔޫޓިއުބްގައި ދައުރުވާން ފެށުމުންނެވެ.
އެ ވީޑިއޯގައި ފެންނަނީ މޫނުގައި ވަރަށް ބޮޑަށް ރޫ ޖެހި، ބޮލާއި ތުނބުޅި ނުރަވެ، ވަރަށް ނިކަމެތި ހަށިގަނޑެއް ހުރި ކޮމްދުރާމް ހިންދީ ލަވަ ކިޔާ ތަނެވެ. މި ވީޑިއޯ ދައުރުވުމުގެ ތެރޭގައި އެއީ އިމްފާލްގެ މީހެއް ކަމަށް ބެލެވިގެން އެ އަވަށުގެ ޖަމިއްޔާއެއްގެ ބަޔަކަށް، މީހަކު ވީޑިއޯ ދެއްކި އެވެ. ކޮމްދުރާމްގެ އާއިލާއާ ހަމައަށް ވީޑިއޯ ދިޔައީ އެ ޖަމިއްޔާ މެދުވެރިކޮށެވެ. އެ ހިސާބުން، ވީޑިއޯގައި ފެންނަނީ ކޮމްދުރާމްކަން އާއިލާގެ މީހުންނަށް ކަށަވަރުވެ، އޭނާ ގެނައުމުގެ މަސައްކަތް ފެށި އެވެ.
މިކަމަށް އެންމެ ބޮޑު އެހީތެރި ކަމެއް ފޯރުކޮށް ދިނީ މުމްބާއީގެ ފުލުހުންނެވެ. ފުލުހުން ވަނީ މި އުފާވެރި ހާދިސާގެ ބައެއް ފޮޓޯތައް ޓްވީޓްކޮށް، އާއިލާ އަށް ތަހުނިޔާ ވެސް ކިޔައިފަ އެވެ.
އާއިލާގެ މީހުންނާ ބައްދަލުވުމުން ކޮމްދުރާމް ހުރީ ބޯ ވެސް ތުނިކޮށް ކޮށާލައި، ކުރީގެ ދިގު ތުނބުޅި އާއި މަތިމަސް ވެސް މިހާރު ބާލައިފަ އެވެ.
އާއިލާއާ ބައްދަލުވުމުން އާ ހަޔާތެއް ލިބުނުކަމުގެ އިހުސާސް ކުރެވޭ ކަމަށް ކޮމްދުރާމް ބުންޏެވެ. އަދި ކޮމްދާރް އާއި އާއި އޭނާގެ އާއިލާ އިން ވަނީ މުމްބާއީގެ ފުލުހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
ކޮމްދުރާމްގެ ފިރިހެން ކޮއްކޮ ކުލަޗަންދަރަ ސިންގް ބުނި ގޮތުގައި އެތައް އަހަރެއް ފަހުން، ބޭބެއާ ބައްދަލުވުމަކީ ބޮޑު ހުވަފެނެއް ހަގީގަތަކަށްވުން ވުމެވެ. ބޮޑު އުފަލެކެވެ.