20 އެޕްރީލް 2018 - 18:37

ކްލަބް ވެލެންސިއާ އަތުން 5-0 އިން މޮޅުވެ ކްލަބް ގްރީންސްޓްރީޓްސް އިން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަޔަކަށް އެރުމަށް ކުރާ މަސައްކަތުގައި ހަމަނޭވާއެއްލީ އިރު ވެލެންސިއާ އަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި މެޗާ އެކު ގްރީންސްޓްރީޓްސް އަށް ފުރަތަމަ ބުރު ނިމިފައިވާއިރު އެ ޓީމު އޮތީ އަށް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ވެލެންސިއާ އަށް މި ބުރުގައި ބާކީ އެއް މެޗު އޮތްއިރު، އެ ޓީމު މިވަގުތު އޮތީ އެންމެ ޕޮއިންޓަކާ އެކު އަށް ވަނައިގަ އެވެ. ބާކީ ދެން އޮތީ ނިއު ރޭޑިއަންޓް މެޗެވެ.
މިއަދުގެ މެޗުގައި ގްރީންސްޓްރީޓްސްގެ ޔޫކްރޭން ފޯވާޑް ރޮލޭންޑް ރަސެލް ދެ ގޯލް ޖެހިއިރު އަނެއް ތިން ލަނޑު ޖެހީ އާދަމް އިމްރާނާއި ސަމްދޫހު މުހައްމަދު އަދި އިބްރާހިމް ރިޒްހާން (ރިޒްކޯ) އެވެ.
ގްރީންސްޓްރީޓްސް އިން ވަނީ މެޗު ފަށައިގެން ރަނގަޅަށް ހަމަޔަކަށް ނޭޅެނީސް ހަ ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. އޭރިއާ ތެރެއިން އާދަމް އިމްރާނަށް ލިބުނު ބޯޅަ އޭނާ އެނބުރިލާފައި ކައިރީގައި ހުރި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށް ފަހު މަޑުންމަޑުން ފޮނުވާލުމުން ގޯލަށް ވަނީ ވެލެންސިއާގެ ގޯލްކީޕަރު ޖުން ކުޗީގެ އަތްޖެހޭ ނުޖެހޭ ހިސާބުންނެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސްގެ މުހައްމަދު ރިސްވާން (ފުކޭ) ވަނީ އެ ޓީމުގެ ޔޫކްރޭން މިޑްފީލްޑަރު ސޮބުލް އިލިއާ އަށް ރަނގަޅު ބޯޅައެއް ތަނަވަސްކޮށްދީފަ އެވެ. އެކަމަކު އޭނާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ތިރީ ކަނާ ދިމާލުން ބޭރަށެވެ.
ގްރީންސްޓްރީޓްސް އިން ވަނީ ވެލެންސިއާ އަށް ރަނގަޅު ހަމަލައެއް ނުއުފެއްދެނީސް ދެ ވަނަ ގޯލް ޖަހައިފަ އެވެ. ފަހަތަށް ދިޔަ ބޯޅައެއް ވެލެންސިއާގެ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އާއި ކީޕަރު ކުޗީގެ ދެ ކުޅުންތެރިން ދެ ކުޅުންތެރިންނަށް ދޫކޮށްގެން ތިއްބާ އެ ބޯޅަ އަށް ރަސެލް އަރައި ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީންސްޓްރީޓްސް އިން ވަނީ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. ރަސެލް އަށް ހުހަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކޮށް ފޮނުވާލުމުން ދެ ވަނަ ފަހަރަށް އިލިއާ ޖެހުމުން ވެސް ކީޕަރު ސަލާމަތްކުރި އެވެ. އެ ބޯޅަ ދެން ލިބުނީ ޑިފެންޑަރު ސަމްދޫހަށެވެ. އޭނާ ވަނީ ބާރު ޝޮޓަކުން އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.
ފުރަތަމަ ހާފުގައި ވެލެންސިއާގެ އަހުމަދު ތޮލާލާއި ވަލޭރީ ގޯލަށް ފޮނުވާލި ދެ ބޯޅަ ފިޔަވައި ނުރައްކަލެއް ނުކުރެވުނެވެ. އެ ދެ ބޯޅަ ވެސް ގްރީންސްޓްރީޓްސްގެ ގޯލްކީޕަރު އުނދަގުލެއް ނެތި ސަލާމަތްކުރި އެވެ.
ދެ ވަނަ ހާފުގައި ގްރީންސްޓްރީޓްސްގެ ރަސެލް އާއި ފުކޭ އަދި އިލިއާ އަށް ގޯލް ޖަހާނެ ހުސް ތިން ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެ ޓީމުގެ ހަތަރު ވަނަ ގޯލް 78 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ރިޒްކޯ ޖެހީ ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލި ރަސެލް ދިން ބޯޅައަކުންނެވެ. އަދި 83 ވަނަ މިނެޓުގައި ރަސެލް ވަނީ އެ ޓީމަށް ފަސް ވަނަ ގޯލް ޖަހައިދީފަ އެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އޭރިއާ ތެރެއިން ވެލެންސިއާގެ އަންސަރު އިބްރާހިމް (އަންކޮ) ބޮލުން ފޮނުވާލި ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވިއިރު މިއީ މުޅި މެޗުގައި ވެސް އެ ޓީމުން ފޮނުވާލި އެންމެ ނުރައްކާތެރި ބޯޅަ އެވެ.
ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މި ލިބުނީ ހަމަނޭވާއެއް ލުމުގެ ފުރުސަތު ކަމަށާއި ފުރަތަމަ ބުރު ނިމުނުއިރު ގަދަ ހަ ޓީމުގެ ތެރޭގައި އޮތުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ބުނީ ނިއު ރޭޑިއަންޓް މެޗުގައި ބައިކޮޅަށް ވަން ގޯލްތައް މި މެޗުގައި ރިކަވާކުރެވި ތިން ޕޮއިންޓް ލިބުމަކީ ބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ވެލެންސިއާގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ ފެށުން ދިޔައީ ވަރަށް ދަށްކޮށް ކަމަށާއި ގޭމުގެ ތެރެއަށް ރަނގަޅަށް ނުވަދެވެނީސް ގްރީންސްޓްރީޓްސް އިން ލީޑު ނެގުމުން އެހިސާބުން ޓީމަށް އަސަރުކުރި ކަމަށެވެ.
"ބޭސިކް މިސްޓޭކްސްތަކެއް މި ފެނިގެން ދިޔައީ. ފަހަތުން ވެސް އެވަރަށް ކޮމިޓްމަންޓް ނެތީ. އަޅުގަނޑަށް އިރުޝާދު ދެވޭނީ. އަދި މެޗުގެ ކުރިން ގޭމް ޕްލޭން ހަދާފައި މަސައްކަތްކުރެވޭނީ. މިއީ ކުޅުންތެރިން ބޮލަށް ކަނޑާލަކީނީ ނޫން. އެކަމަކު މީގައި ކުޅުންތެރިން ވެސް އެބަޖެހޭ މަސައްކަތްތަކެއް ކުރަން. ގްރީންސްޓްރީޓްސް އިން ވެސް މާ ބޮޑަށް ޕުޝްކޮށްގެން ކުޅުނީކީ ނޫން. އާދައިގެ ގޯލްތަކެއް ވަދެފައި މިހިރީ،" ސޮބާ ބުންޏެވެ.
އޭނާ ބުނީ މި މެޗާ އެކު ހާލަތު އަނެއްކާ ވެސް ގޯސްވީ ކަމަށާއި އެކަމަކު އަދިވެސް މެޗުތަކެއް އޮތުމާ އެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ.