20 އެޕްރީލް 2018 - 19:26

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު އަނެއްކާ ވެސް އެސިސްޓެންޓް ކޮމިނަޝަނަރުގެ ރޭންކަށް ޕްރޮމޯޓް ކޮށް، ފުލުހުންގެ އެހެން ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ދީފި އެވެ.
އޭސީޕީގެ ރޭންކުގައި ކުރިން ވެސް ހުންނެވި ޖަމްޝީދު ސުޕްރިންޓެންޑެންޓަކަށް ރޭންކް ދަށްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އޭނާ އައްޑު އަށް ފޮނުވާ ގޮތަށް ވެސް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އޭރު ނިންމި އެވެ. އެކަމަކު އެ ނިންމުމާ މެދު ޖަމްޝީދު ހިތްހަމަޖެހިވަޑައިނުގެން އައްޑު އަށް ވަޑައެއް ނުގަންނަވަ އެވެ.
އެނގިފައިވާ ގޮތުގައި އޭސީޕީގެ ރޭންކަށް ޖަމްޝީދު އަނެއްކާ ވެސް ޕްރޮމޯޓް ކުރީ އިއްޔެ އެވެ. އޭނާ އަކީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގެ އިސްވެރިޔާ ވެސް މެ އެވެ.
ޖަމްޝީދުގެ އިތުރުން ފުލުހުންގެ އިސް ބައެެއް އެހެން އޮފިސަރުންނަށް ވެސް ޕްރޮމޯޝަން ދީފައިވާ ކަމަށް ވެ އެވެ.
އެގޮތުން އިންޓެލިޖެންސް ޑިޕާޓްމެންޓުގެ ކުރީގެ ޑެޕިއުޓީ ހެޑް އަހުމަދު އަބްދުއްރަހުމާން ވެސް ވަނީ އޭސީޕީގެ ރޭންކަށް ބަދަލުކޮށްފަ އެވެ. އަދި ސުޕްރިންޓެންޑެންޓު ކަމުން ޗީފް ސުޕްރިންޓެންޑެންޓުގެ ރޭންކަށް ހަތް ފުލުހަކު ވަނީ ޕްރޮމޯޓް ކޮށްފަ އެވެ. އެއީ ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން، މުހައްމަދު ދާއޫދު، އަހުމަދު ޝަމީމް، އަހުމަދު އާސިމް، މުހައްމަދު ރަޝީދު، މޫސާ އަލީ އަދި ހުސެއިން ރަޝީދެވެ.
ފުލުހުންގެ އިސް މަގާމުތަކަށް މިފަހުން ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެ އެވެ. އެގޮތުން، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަހުމަދު އަރީފް ވަކިކުރައްވައި އެ މުއައްސަސާ ހިންގުން ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީއާ ހަވާލުކުރެއްވި އެވެ. ނަމަވެސް ފަހުން ސައުދީ ވެސް ވަނީ އެ މަގާމުން ވަކިކުރައްވައިފަ އެވެ.
އޭގެ އިތުރުން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް ދީދީ (ޑީޑީ) ވެސް ފުލުހުންގެ ވަޒީފާ އިން ވަނީ މިިދިޔަ ހަފުތާގައި ވަކިކޮށްފަ އެވެ.
ފުލުހުންގެ މުއައްސަސާ ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއާ އެވެ.