20 އެޕްރީލް 2018 - 15:39

ޖަމިއްޔާތަކަށް ފަންޑު ހޯދައި ދިނުމަށްޓަކައި ޖޫނިއާ ޗެމްބާ އިންޓަނޭޝަން (ޖޭސީއައި) ގެ ރާއްޖޭގެ ގޮފިން ހަރަކާތްތަކެއް ފަށަން ނިންމައިފި އެވެ.
އެ ގޮފިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، މުޖުތަމައުގެ މައްސަލަތަކަށް އާއްމުން ހޭލުންތެރި ކުރުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެންވެ ތަފާތު ގޮތަކަށް އެ ކަން ކުރުމަށް، "ޖޭމް ބޮންޑް"ގެ ނަމުގައި ކޮންމެ މަހަކު މިއުޒިކް ޝޯއަކާ އެކު އާއްމުން ހޭލުންތެރި ކުރުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން މިހާރު ފާހަގަކުރެވޭ އިޖުތިމާއީ ބޮޑެތި މައްސަލަތަކާއި އެ ކަން ހައްލު ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މިއުޒިކް ޝޯ ގެ ތެރެއިން ވާހަކަ ދައްކާނެ އެވެ. މިއީ މިއުޒިޝަނުން މެދުވެރިކޮށް، މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ހޯދުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ޖޭސީއައި އިން ބުނެ އެވެ.
މި ހަރަކާތުގެ ފުރަތަމަ ޝޯ އަންނަ އާދިއްތަ ދުވަހުގެ ރޭ 8:00-10:30 އަށް މެރާކީގައި ބާއްވާއިރު، އާއްމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޑިޓިއުން ބޭންޑުގެ ރީތި ލަވަތައް ހުށަހަޅައިދޭނެ އެވެ.
"ސިލްސިލާ މިއުޒިކް ޝޯ ގެ ފުރަތަމަ ހުށަހެޅުން މެރާކީގައި ބާއްވަނީ ކެއާ ސޮސައިޓީ އަށް އެހީވުމަށް. އެ ތަނުގައި [މެރާކީ] ފަންޑު ފޮއްޓެއްގެ އިތުރުން އޮންލައިން ކޮށް ވެސް ކެއާ ސޮސައިޓީގެ އެކައުންޓަށް ފައިސާ ފޮނުވޭނެ،" ޖޭސީއައި މޯލްޑިވްސްގެ އޮފިޝަލް ވިދާޅުވި އެވެ.
ކެއާ ސޮސައިޓީގެ އިތުރުން، ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އެހެން ޖަމިއްޔާތަކަށް ވެސް ކޮންމެ މަހަކު ބާއްވާ މިއުޒިކް ޝޯ އިން އެހީ ދޭނެ އެވެ. އެ ހަރަކާތްތަކުން ޖޭސީއައި މޯލްޑިވްސް އަށް އެއްވެސް ފައިސާއެއް ނުނަގާނެ އެވެ.
މީގެ 10 އަހަރު ކުރިން އުފެއްދި ޖޭސީއައި މޯލްޑިވްސް އިން ވަނީ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށާއި ޒުވާނުންނާ ގުޅޭ ގިނަ ފޯރަމްތަކެއް ބާއްވައިފަ އެވެ.