އާސެނަލް ދޫކޮށްލަން ވެންގާ ނިންމައިފި
އާސެނަލް ދޫކޮށްލަން ވެންގާ ނިންމައިފި

ލަންޑަން (އޭޕްރިލް 20) – އާސެނަލަށް އެތަކެއް ކާމިޔާބީތަކެއް ހޯދައިދީފައިވާ އެކަމަކު ފަހަކަށް އައިސް ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވާ އެ ޓީމުގެ ކޯޗު އާސެން ވެންގާ 22 އަހަރަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.

އާސެނަލާ 1996 ވަނަ އަހަރު ހަވާލުވި ވެންގާ ވަނީ އެ ކްލަބަށް ޕްރިމިއާ ލީގު ތިން ފަހަރު އަދި އެފްއޭ ކަޕް ހަތް ފަހަރު ހޯދައިދީފަ އެވެ. މީގެ ތެރެއިން 2004 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނީ މެޗަކުން ބަލިނުވެ އެވެ.

ވެންގާ އަށް އާސެނަލާ އެކު ނުހޯދޭ ބޮޑު ކާމިޔާބަކީ ޔޫރަޕުގައި ތަށްޓެކެވެ. އާސެނަލް ގޮވައިގެން 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެންގާ ދިޔަ ނަމަވެސް ބާސެލޯނާ އަތުން ބަލިވީ އެވެ. އެކަމަކު ފަހު ސީޒަނުގައި ޔުރޮޕާ ލީގު ހޯދުމުގެ ފުރުސަތު މިވަނީ ތަނަވަސްވެފަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ އެވެ.

"އަބަދުވެސް ހަނދާނުގައި ހުންނާނެ ފަދަ އެތައް އަހަރެއްގައި މި ކްލަބަށް ހިދުމަތްކޮށްދިނުމުގެ ޝަރަފްވެރި ފުރުސަތު ލިބުނީތީ އަހަރެން ޝުކުރުވެރިވަން. އަހަރެން މި ކްލަބަށް ކޯޗުކޮށްދިނީ އަހަރެންގެ ކިބައިގައި ހުރި ހުރިހާ ހިތްވަރާ އެކު އަދި ރަނގަޅު ގޮތުގައި،" ވެންގާ ބުންޏެވެ.

އާސެނަލްގެ މެޖޯރިޓީ ހިއްސާދާރު ސްޓަން ކްރޮއެންކާ ވިދާޅުވީ މިއީ ކުޅިވަރުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން އެންމެ އުނދަގޫ އެއް ދުވަސް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އާސެނަލާ ގުޅުނު އެއް ސަބަބަކީ ވެސް ދަނޑުމަތީގައި އަދި ދަނޑުބޭރުން ވެންގާ އެ ކްލަބަށް ގެނެސްދީފައިވާ ކަންކަން ކަމަށެވެ.

ފްރާންސުގެ ނޭންސީގެ ކޯޗުކަމުން 1984 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ވެންގާ 1996 ވަނަ އަހަރު އާސެނަލާ ހަވާލުވީ ފްރާންސްގެ މޮނާކޯ އާއި ޖަޕާނުގެ ނަގޯޔާ ގްރެމްޕަސް އަށް ކޯޗުކޮށްދިނުމަށް ފަހު އެވެ. އޭނާ ހަވާލުވެ ބަދަލުކުރީ ހަމައެކަނި އާސެނަލްގެ ކުޅުމުގެ ސްޓައިލެއް ނޫނެވެ. އެ ކްލަބުން ވަރުގަދަ ސްޓޭޑިއަމެއް ބިނާކޮށް، މާލީ ގޮތުން ވެސް ޔޫރަޕުގެ އެންމެ ވަރުގަދަ ކްލަބަށް ވުމުގައި ވެންގާގެ ދައުރު ބޮޑެވެ.

އެކަމަކު ފަހަކަށް އައިސް ވެންގާ އަށް ކްލަބަށް އެކަށީގެންވާ ކާމިޔާބެއް ހޯދައިނުދެވޭތީ ސަޕޯޓަރުންގެ ނުރުހުން އަމާޒުވާން ފެށި އެވެ. އެ ކްލަބަށް 2004 ގެ ފަހުން ލީގު ނުހޯދި ކޮންމެ ސީޒަނެއްގައި ކަހަލަ ގޮތަކަށް ގަދަ ހަތަރެއް ކަށަވަރުކުރާ ޓީމެއްގެ ގޮތުގައި ބަދަލުވާން ފެށުމުން ހާއްސަކޮށް ޒުވާން ސަޕޯޓަރުންގެ ކެތްތެރިކަންކޮޅުންލި އެވެ. އަދި އަމުދުން މިދިޔަ ސީޒަނުގައި ގަދަ ހަތަރަކުން ކަޓައި ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުމުންނެވެ. މި ސީޒަނުގައި ވެސް ގަދަ ހަތަރެއްގެ ފުރުސަތު ނެތެވެ.

ވެންގާގެ ބަދަލުގައި އެ ކްލަބާ ހަވާލުވެދާނެ ކޯޗުންގެ ނަންތައް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އޭގެ ތެރޭގައި 2004 ވަނަ އަހަރު ލީގު ހޯދައިދިން ކެޕްޓަން ޕެޓްރިކް ވިއެރާ އާއި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ ނަން ހިމެނެ އެވެ. މީގެ އިތުރުން ކާލޯ އަންޗެލޮޓީ އަކީ ވެސް އާސެނަލާ ހަވާލުވެދާނެ ކަމަށް ބެލެވޭ ކޯޗެކެވެ.