21 އެޕްރީލް 2018 - 06:42

މިހާރު ވެސް ގިނަ ބަޔަކު ލަފާކުރާ ގޮތުގައި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތަރަކީ ބޮލީވުޑްގެ އުންމީދީ އެކްޓަރަށް ވާނެ އެވެ. އޭނާގެ ފުރަތަމަ ފިލްމް "ބިޔޯންޑް ދަ ކްލައުޑްސް" ހުކުރު ދުވަހު ސިނަމާތަކަށް އައިސްފައިވާ އިރު، މިއީ އިރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ފިލްމްގައި އިޝާން ދައްކުވައި ދީފައިވާ އެކްޓިން އަށް، ފިލްމް ބެލި މީހުންނާއި ކްރިޓިކުން ވެސް ތައުރީފު އޮއްސަމުން އަންނަ އިރު، ގިނަ ބަޔަކު ބުނަނީ އިޝާންއަކީ ޝާހިދަށް ދޫނުކުރާ ވަރުގެ އެކްޓަރަކަށް ވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
"ބިޔޯންޑް ދަ ކްލައުޑްސް" އަކީ އިޝާންގެ ފުރަތަމަ ފިލްމް ކަމަށް ވިޔަސް، ބޮލީވުޑަށް އޭނާ ތައާރަފްކުރާ ފިލްމުގެ ގޮތުގައި ސިފަކުރަނީ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރާ އެކު ފެނިގެންދާ "ދަޅަކް" އެވެ. ޖުލައި 20 ގައި ރިލީޒްކުރާ މި ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަޝަންކް ކައިތާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އިޝާންގެ ފިލްމީ ދަތުރު ފެށިގެން އަންނަ އިރު، އޭނާ ހުރީ ބޭބެ ޝާހިދާ އެކު ވެސް ފިލްމެއް ކުޅެން ލިބޭނެ ކަމަށް އުންމީދުކޮށްގެންނެވެ.
"ވަރަށް ބޭނުން ބޭބެއާ އެކުގައި ސްކްރީން ހިއްސާކޮށްލަން. އެކަމަކު އެ ރޯލް ވާން ޖެހޭނެ އަހަރެމެން ދެ މީހުންގެ ކެރެކްޓާ އަށް ބެލެންސްވާ ކަހަލަ ވަރުގަދަ ސްކްރިޓްޕަކަށް،" އޭނާ ބުންޏެވެ. "އެކަހަލަ ފުރުސަތެއް ލިބޭ ދުވަހަކީ އަހަންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް."
ވަރަށް ގިނަ ބަޔަކު މިހާރު އިޝާން އާއި ޝާހިދު އަޅާކިޔާތީ އެއީ އިންސާފެއް ނޫން ކަމަށް 22 އަހަރުގެ އެކްޓަރު ބުންޏެވެ.
"ބޭބެ މި ދާއިރާގައި އުޅޭތާ މިހާރު ފަނަރަކަށް އަހަރުވެއްޖެ. އޭނަގެ ތަޖުރިބާ އާއި މަސައްކަތުގެ ކޮލިޓީއަކީ އަބަދު ވެސް އަހަރެން ވަރަށް ބަލައި ގަންނާނެ ކަމެއް. އެކަމަކު އޭނައާ އަހަރެން އަޅާކިޔުމަކީ އެއްގޮތަކަށް ވެސް ފެއާ ކަމަކަށް ނުވާނެ،" އޭނާ ބުންޏެވެ. "އެކަމަކު ވަރަށް އުފާވޭ މިހާރު އަހަރެމެން ދެ މީހުންގެ ވާހަކަ ދައްކާތީ."