މާޒިޔާގެ ޔޫތު ޓީމުގެ ޓްރަޔަލް މިއަދު ބާއްވަނީ
މާޒިޔާގެ ޔޫތު ޓީމުގެ ޓްރަޔަލް މިއަދު ބާއްވަނީ

އެފްއޭއެމުން ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ މާޒިޔާގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުމުގެ ފުރުސަތު ހުޅުވާލައި، އެކަމަށް ހާއްސަ ޓްރަޔަލެއް މިއަދު ބާއްވަން އެ ކްލަބުން ނިންމައިފި އެވެ.

މާޒިޔާގެ ޔޫތު ޓީމުގެ ކޯޗު މުހައްމަދު ސުވެއިދު (ސުވޭޓޯ) ބުނީ މިއަދު ހަވީރު ޓާފް ދަނޑުގައި އޮންނަ ޕްރެކްޓިހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ހުނަރުވެރި ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދޭނެ ކަމަށެވެ.

މާޒިޔާގެ ޔޫތު ޓީމުގައި، އެ ޓީމުގެ ސީނިއާ ޓީމުގެ 8 ކުޅުންތެރިޔަކު ހިމެނެ އެވެ. އޭގެ ތެރޭގައި ސީނިއާ ޓީމުގެ ޓްރަޔަލް އިން ފާސްވެ، މި ސީޒަނުގައި ސީނިއާ ޓީމުން ފުރުސަތު ލިބުނު ކުޅުންތެރިން ހިމެނެ އެވެ. މީގެ އިތުރުން ރަށްރަށުން ފާހަގަވެފައިވާ ހުނަރުވެރި ކުޅުންތެރިން ވެސް ގެންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"ރަނގަޅު ސްކޮޑެއް އޮތީ ޓީމުގައި. ތަށްޓާ ވާދަކުރެވޭ ވަރުގެ ސްކޮޑެއް މިއީ. ސީނިއާ ޓީމުގެ ކުޅުންތެރިން ގުޅުމަކީ ލިބޭ ހިތްހަމަޖެހުމެއް،" ޔޫތު ޗެމްޕިއަންޝިޕް ބޭއްވި ފުރަތަމަ އަހަރު، މާޒިޔާ އަށް މުބާރާތް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

އޮގަސްޓް ފަހުކޮޅު ފަށާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެނީ ފުރަތަމަ ޑިވިޝަނުގެ 8 ޓީމަށެވެ. އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްފައިވާ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ސީނިއާ ސްކޮޑުގައި ތިބި 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް މުބާރާތުގައި ކުޅެވޭނެ އެވެ. އެކަމަށް ޔޫތު ޓީމާ ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ސީނިއާ ޓީމަށް ނުކުޅެވޭނެ އެވެ.

އެފްއޭއެމުން 2011 ވަނަ އަހަރު ބާއްވަން ފެށި މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި ކްލަބް އީގަލްސް އެވެ.

މި މުބާރާތާ އެކު، ޒުވާން ގިނަ ކުޅުންތެރިންތަކެއް ވަނީ އުފެދިފަ އެވެ. އޭގެ ތެރޭގައި އީގަލްސްގެ މިހާރުގެ ފޯވާޑް އިބްރާހިމް މުބީން (މުއްކި) އާއި އަންސަރު އިބްރާހިމް އަދި މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އާއި އަމްދާން އަލީ (އެންޑީ) ހިމެނެ އެވެ.