60 އަހަރަށް ފަހު ކިއުބާގެ ރައީސްގެ ނަމުން ކާސްޓްރޯ ކެނޑިއްޖެ
60 އަހަރަށް ފަހު ކިއުބާގެ ރައީސްގެ ނަމުން ކާސްޓްރޯ ކެނޑިއްޖެ

ހަވާނާ (އެޕްރީލް 20) - ކިއުބާގެ އާ ރައީސްގެ ހުވާ މިގުއެލް ޑިއާޒް-ކަނެލް ރޭ ކުރެއްވުމާ އެކު ވޭތުވެދިޔަ 60 ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް މި ވަނީ އެ ގައުމުގެ ރައީސްގެ ނަމުން "ކާސްޓްރޯ" ކަނޑާލެވިފަ އެވެ.

ބޭބޭފުޅު ފިޑެލް ކާސްޓްރޯގެ ބަދަލުގައި 2006 ވަނަ އަހަރު ވެރިކަން ލިބިވަޑައިގެންނެވި ރައުލް ކާސްޓްރޯ އަށް ފަހު ވެރިކަމަށް އިޚްތިޔާރު ކުރެއްވި ބޭފުޅަކީ ޑިއާޒް-ކަނެލް އެވެ. ނޭޝަނަލް އެސެމްބްލީގައި ހިމެނޭ 605 މެންބަރުން ވަނީ ޑިއާޒް-ކަނެލް އަށް ރުހުން ދީފަ އެވެ. ވޭތުވެދިޔަ ފަސް އަހަރު ކިއުބާގެ ނައިބް ރައީސްގެ މަގާމު ޑިއާޒް-ކަނެލް ވަނީ އަދާ ކުރައްވައިފަ އެވެ. ކިއުބާގެ 1959 ވަނަ އަހަރުގެ އިންގިލާބަށް ފަހު ވެރިކަން ކުރަމުން އައީ ކާސްޓްރޯގެ އާއިލާ އިންނެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޑިއާޒް-ކަނެލް ވަނީ ކެޕިޓަލިޒަމަށް ކިއުބާގައި ދެން ޖާގަ ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކިއުބާގެ ޚާރިޖީ ސިޔާސަތު އޮންނާނީ ކުރިން ވެސް އޮތް ގޮތަށް ކަމަށާއި ބަދަލެއް ގެނެވޭނީ ކިއުބާގެ ރައްޔިތުންނަށް ކަމަށެވެ.