20 އެޕްރީލް 2018 - 12:28

ލޮބަމްބާ (އެޕްރީލް 20) - ގައުމެއްގެ ނަން ބަދަލު ކުރެވޭނީ ވަރަށް މަދު މީހަކަށެވެ. އެކަމަކު ސްވާޒިލެންޑުގެ ރަސްގެފާން ސްވާތީ އަކީ އެފަދަ މަދު ބޭފުޅުންގެ ތެރޭން ބޭފުޅެކެވެ.
ސްވާޒިލެންޑުގެ ރަސްގެފާން ސްވާތީ 3 މިހާރު ވަނީ ގައުމުގެ ނަން ބަދަލުކޮށްފަ އެވެ. އާ ނަމަކީ "ކިންގްޑަމް އޮފް އީސްވާޓިނީ" އެވެ. ގައުމުގެ ނަން ބަދަލުވިކަން ރަސްގެފާން އިއުލާން ކުރައްވާފައި މި ވަނީ ސްވާޒިލެންޑުގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބޭއްްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތާ އެކު ވަނީ ރަސްގެފާނުގެ 50 ވަނަ އުފަން ދުވަސް ވެސް ފާހަގަކޮށްފަ އެވެ.
ސްވާޒިލެންޑުގެ އާ ނަމުގެ މާނައަކީ "ސްވާޒީ މީހުންގެ ބިން" އެވެ. ސްވާޒިލެންޑަށް އީސްވާޓިނީ، ރަސްގެފާން ސްވާޓި ކިޔާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި ރަސްގެފާން މިދިޔަ އަހަރު ތަގްރީރު ކުރެއްވި އިރު ވެސް ބޭނުން ކުރެއްވީ އެ ނަމެވެ. އަދި އެ ގައުމުގެ ޕާލަމެންޓް ހުޅުވަން 2014 ވަނަ އަހަރު ދެއްވި ބަޔާނުގައި ވެސް ބޭނުން ކުރެއްވީ އެ ނަމެވެ.
ރަސްގެފާން ސްވާޓީ 15 އަނބިން ގެންގުޅުއްވާ ކަމަށް އޭނާގެ ބަޔޮގްރަފީގައިވެ އެވެ. އޭނާގެ ބައްޕާފުޅު އަދި ސްވާޒިލެންޑުގައި 82 އަހަރު ރަސްކަން ކުރެއްވި ސޮބޫޒާ 2، ވަނީ 125 އަނބިން ގެންގުޅުއްވައިފަ އެވެ.