ރައީސް އަސަދަށް ދިން ފްރާންސްގެ އެންމެ މަތީ ޝަރަފް އަނބުރާ ހަވާލުކޮށްފި
ރައީސް އަސަދަށް ދިން ފްރާންސްގެ އެންމެ މަތީ ޝަރަފް އަނބުރާ ހަވާލުކޮށްފި

ދިމިޝްގު (އެޕްރީލް 20) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް އެރުވި ފްރާންސްގެ އެންމެ މަތީ ޝަރަފް އެ ގައުމަށް އަނބުރާ ހަވާލުކޮށްފި އެވެ.

ސީރިއާ އިން ބުނެފައި ވަނީ އެމެރިކާގެ "އަޅެއްގެ" މެޑަލެއް އެ ގައުމުގެ ރައީސްގެ ކަރުފުޅުގައި ނާޅުވާނެ ކަމަށެވެ.

ފްރާންސްގެ އެންމެ މަތީ ޝަރަފް ކަމަށްވާ ލީޖަންސް އޮފް އޮނާ ރައީސް އަސަދަށް 2001 ވަނަ އަހަރު އެރުވީ ކުރީގެ ރައީސް ޗެކް ޝިރާކެވެ. އެއީ ބައްޕާފުޅު ހާފިޒް އަލް އަސަދު އަވަހާރަވުމުން ބައްޝާރުލް އަސަދަށް ސީރިއާގެ ވެރިކަން ލިބިވަޑައިގެންނެވިތާ ކުރީކޮޅެވެ.

އަސަދަށް އެރުވި ޝަރަފް އަނބުރާ ހަވާލުކޮށްފައި މި ވަނީ އެ ޝަރަފް އަތުލުމާ ބެހޭ ގޮތުން ފްރާންސް ސަރުކާރުން މަޝްވަރާ ކުރަމުން ދަނިކޮށެވެ. ރައީސް އެމަނުއެލް މެކްރޮންގެ އޮފީހުން ހޯމަ ދުވަހު ބުނެފައި ވަނީ އަސަދަށް އެރުބިވި ފްރާންސްގެ އެންމެ މަތީ ޝަރަފް އަނބުރާ ނެގުމާ ގުޅޭ ޑިސިޕްލިނަރީ ފިޔަވަޅުތައް ކުރިއަށްދާ ކަމަށެވެ.

ސީރިއާ އިން ބުނެފައި ވަނީ އެވޯޑް އަނބުރާ ހަވާލުކުރީ އެ ގައުމަށް ހަމަލާ ދިނުމުގައި ފްރާންސުން ބައިވެރިވެފައިވާތީ ކަމަށެވެ. އެވޯޑް ފްރާންސަށް ހަވާލުކޮށްފައި ވަނީ ދިމިޝްގުގައި ހުންނަ ރުމޭނިއާގެ އެމްބަސީ މެދުވެރިކޮށެވެ.

ފްރާންސްގެ އެންމެ މަތީ ޝަރަފް އަހަރަކު 3،000 މީހުންނަށް ދެ އެވެ. އޭގެ ތެރޭގައި ބޭރުގެ 400 މީހުން ވެސް ހިމެނެ އެވެ.