ސައުދީގައި ބޭއްވި ފަރިތަކުރުންތަކެއްގައި ގަތަރު ސިފައިން ބައިވެރިވެއްޖެ
ސައުދީގައި ބޭއްވި ފަރިތަކުރުންތަކެއްގައި ގަތަރު ސިފައިން ބައިވެރިވެއްޖެ

ދޯހާ (އެޕްރީލް 19) - "ޖޮއިންޓް ގަލްފް ޝީލްޑް1"ގެ ނަމުގައި ސައުދީ އަރަބިއާގައި ބޭއްވި އަސްކަރީ ފަރިތަކުރުންތަކެއްގައި ގަތަރުން ބައިވެރިވެފައިވާ ކަމަށް ގަތަރު ނިއުސް އެޖެންސީން ބުނެފި އެވެ.

ތަމްރީނުތައް ބާއްވާފައި ވަނީ ސައުދީގެ އިރުމަތީގެ ޖުބައިލް ސިޓީގެ އުތުރުން އޮންނަ ރަސް އަލް ޚައިރުގަ އެވެ. އެ ތަމްރީނުތަކުގައި 25 ގައުމަކުން ބައިވެރިވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ތަމްރީނުތަކުގައި ބައިވެރިވި ގަތަރު ލަޝްކަރުގެ ވެރިއަކީ ބްރިގޭޑިއާ ޖެނެރަލް ޚާމިސް މުހައްމަދު ދެބްލަން ކަމަށް ވެސް ނިއުސް އެޖެންސީން ބުނެފައިވެ އެވެ. ތަމްރީނުތައް ނިންމުމުގެ ރަސްމިއްޔާތުގައި ގަތަރު ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް ޣާނިމް ބިން ޝާހީން އަލް ޣާނިމް ބައިވެރިވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އަދި އޭނާ ބައިވެރިވެފައި ވަނީ ސައުދީ ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ފައްޔާދު ބިން ހަމަދު އަލް ރުވޭލީގެ ދައުވަތަކަށް ކަމަށް ގަތަރުން ބުނެ އެވެ.

ސައުދީގައި ބޭއްވި ތަމްރީނުތަކެއްގައި ގަތަރުން ބައިވެރިވެފައި މި ވަނީ އެ ގައުމު މިދިޔަ އަހަރު ވަރަށް ބޮޑަށް އެކަހެރިކޮށްލުމަށް ފަހު އެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީގެ އިތުރުން ޔޫއޭއީ، މިސްރު އަދި ބަހުރޭނުން ވަނީ މިދިޔަ ޖޫން މަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. އޭގެ ފަހުން ވަނީ ގަތަރާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.