އެކްޓަރު އަލީ ޒަފަރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި
އެކްޓަރު އަލީ ޒަފަރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި

ބޮލީވުޑްގެ ބައެއް ފިލްމްތައް ވެސް ކުޅެފައިވާ ޕާކިސްތާންގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ އަލީ ޒަފަރުގެ މައްޗަށް، އެ ގައުމުގެ އަންހެން ލަވަކިޔުންތެރިޔާ މީޝާ ޝާފީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.

އޭނާ ކުރި ޓްވީޓެއްގައި ބުނީ އަލީއަކީ ވަރަށް ކުރިއްސުރެ ވެސް ދަންނަ އިތުބާރު ކުރެވުނު މީހެއް ކަމަށެވެ. އެކަމަކު ކައިވެންޏެއްކޮށް، ދަރިއަކު ވެސް ލިބިފައި ވަނިކޮށް އަލީގެ ފަރާތުން ޖިންސީ ފުރައްސާރައާ އެކި ފަހަރުމަތިން ކުރިމަތިލާން ޖެހުނު ކަމަށް މީޝާ ބުންޏެވެ.

ނަމަވެސް އޭނާގެ ޓްވީޓްގައި އަލީގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނީ ކިހިނެއް ކަމާއި ކޮން އިރަކު ކަމެއް ނުބުނެ އެވެ. ޓްވީޓްގައި ބޮޑަށް ފާހަގަކޮށްފައި ހުރީ އަންހެނުންނަށް އެކި ކަހަލަ ގޯނާތައް ލިބެމުންދާ ވާހަކަތަކާއި އެކަންކަމާ ދެކޮޅަށް އަޑު އުފުލުމުގެ މުހިއްމުކަމާ ބެހޭ ގޮތުންނެވެ.

މީޝާ ބުނި ގޮތުގައި އޭނާ އަށް ތަޖުރިބާކުރަން ޖެހުނު ކަންކަމުގެ ވާހަކަ ހިއްސާ ކުރީ، ފުރައްސާރަތަކުގެ ޝިކާރައަކަށްވެފައި ތިބި އެތަކެއް އަންހެނުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ޕާކިސްތާންގެ ގިޓަރިސްޓް މަހްމޫދް ރަހްމާނާ ކައިވެނިކޮށް، 7 އަހަރުގެ އަންހެން ކުއްޖަކު ހުރި 36 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އަންހެނުންނަށް ލިބެމުންދާ އަނިޔާތައް ސިއްރު ނުކޮށް، އެ ވާހަކަ ދައްކައި އަޑު އުފުލަން ޖެހޭ ކަމަށެވެ.

އަދި އަލީގެ ވާހަކަ ހިއްސާ ކުރީ ހިތްވަރު ހުރެގެން ކަމަށާއި އޭނާ ހުރީ އެކަނި ނޫންކަން ގަބޫލު ކުރާ ކަމަށް މީޝާ ބުންޏެވެ.

ކައިވެންޏެއްކޮށް ދެ ދަރިން ތިބި އަލީ ވަނީ، މީޝާ އޭނާގެ މައްޗަށް ކުރި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަލީ ބުނީ، މީޝާ ދައްކަނީ ތެދު ވާހަކަތަކެއް ނަމަ، ގާނޫނީ ގޮތުން އޭނާއާ ދޭތެރޭ އެޅެން އޮތް ފިޔަވަޅެއް އަޅަން ކޯޓަށް ވެސް ދާން އެދޭ ކަމަށެވެ.

"އަހަންނަކީ އަންހެނުންނަށް ކުރާ ގޯނާތަކާ އަބަދު ވެސް ވަރަށް ދެކޮޅު މީހެއް. އަހަންނަކީ މީހެއްގެ ދަރިިއެއް. ފިރިއެއް އަދި ދެ ދަރިންގެ ބައްޕައެއް. އެހެންވީމާ އަހަންނަކީ އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި އަބަދު ވެސް ސާބިތުވެ ހުންނާނެ މީހެއް. އަހަންނާ ބެހޭ ގޮތުން މީޝާ ފަތުރާފައި ވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް،" 37 އަހަރުގެ އެކްޓަރު ބުންޏެވެ.

"ތެރެ ބިން ލާދިން" ފަދަ ހިންދީ ފިލްމްތައް ކުޅެފައިވާ އަލީ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2016 ގައި ރިލީޒް ކުރި އާލިއާ ބަޓް އާއި ޝާހްރުކް ހާންގެ "ޑިއާ ޒިންދަގީ" އެވެ. އޭނާގެ އިތުރު ފިލްމްތަކުގެ ތެރޭގައި "ކިލް ދިލް"، "ޓޯޓަލް ސިޔާޕާ"، "ޗަޝްމެ ބައްދޫރް"، "މޭރީ ބްރަދާ ކީ ދުލްހަން" އަދި "ލަންޑަން ޕެރިސް ނިއުޔޯކް" ހިމެނެ އެވެ.