21 ޖުލައި 2016 - 12:52

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހަތަރު ވަނަ ބްރާންޗް ހދ. ކުޅުދުއްފުށީގައި މިއަދު ހުޅުވައިފި އެވެ.
ރާއްޖޭގައި ހުންނަ ހަމައެކަނި އިސްލާމިކް ބޭންކުގެ އޮފިޝަލަކު ވިދާޅުވީ އަލަށް ހުޅުވި ބްރާންޗުން ވެސް އެ ބޭންކުން ދެމުން އަންނަ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ. އަދި އެ ބޭންކުގައި ވެސް އޭޓީއެމްގެ ހިދުމަތް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބްރާންޗުން ވެސް އިސްލާމީ ޝަރީއާއާ އެއްގޮތްވާ ގޮތުގެމަތިން ވިޔަފާރިތަކަށާއި ފަރުދުންނަށް ވެސް ހުރިހާ ހިދުމަތެއް ދޭނެ. އެގޮތުން ކަރަންޓް އަދި ސޭވިން އަދި އިންވެސްޓްމަންޓް އެކައުންޓްގެ ހިދުމަތާއި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނޭ،" އޮފިޝަލް ވިދާޅުވި އެވެ.
މިއީ އިސްލާމިކް ބޭންކުން އުތުރުގައި ހުޅުވި ފުރަތަމަ ބްރާންޗެވެ. މި އަހަރުގެ ތެރޭގައި އެ ބޭންކުން ވަނީ އާ ދެ ބްރާންޗެއް ހުޅުވައިފަ އެވެ. އެގޮތުން އެ ބޭންކުގެ ބްރާންޗެއް މި އަހަރުގެ ކުރީކޮޅު ގދ. ތިނަދޫ އަދި ހުޅުމާލޭގައި ވެސް ވަނީ ހުޅުވައިފަ އެވެ.
އެ ބޭންކުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް މާލެ އާއި އަތޮޅުތަކުގައި ހަތް އޭޓީއެމް ބަހައްޓާފައިވެ އެވެ.