ފުލުހުން ދަމަހައްޓަން ޖެހޭނީ ގާނޫނު، ސަރުކާރެއް ނޫން: އިދިކޮޅު
ފުލުހުން ދަމަހައްޓަން ޖެހޭނީ ގާނޫނު، ސަރުކާރެއް ނޫން: އިދިކޮޅު

ފުލުހުންނަކީ ސަރުކާރު ދަމަހައްޓަން ތިބި ބައެއް ނޫން ކަމަށާއި ފުލުހުންގެ ޒިންމާއަކީ ގާނޫނުތައް ނެގެހެއްޓުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ވެރިކަމަށް އަންނަނީ ކޮން ބައެއްތޯ ފުލުހުން ބަލަން ނުޖެހޭނެ ކަމަށާއި ފުުލުހުން ވިސްނަން ޖެހޭނީ އެއިރެއްގައި އޮންނަ ސަރުކާރެއް ދަމަހައްޓަން ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅަށް ރައްދު ދީ، އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ސަރުކާރު ދެމެހެއްޓުމަކީ އެއިރަކު ހުންނަވާ ރައީސަކު އަމިއްލަފުޅަށް ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެއީ ފުލުހުންގެ ޒިންމާއެއް ނޫން ކަމަށާއި ފުލުހުން ކުރަންޖެހޭ ކަމަކީ ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތްތައް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ވެސް އެވަނީ. ދިވެހި ރައްޔިތުންގެ ތާއީދު ހޯދުމަކީ އެއީ އެ ބޭފުޅެއްގެ އަމިއްލަ މަސްއޫލިއްޔަތެއް. ދިވެހި ރައްޔިތުންގެ ތާއީދު ނެތް ކަމަށް ވަންޏާ އެ ވެރިކަމެއް ނުދެމެހެއްޓޭނެ، ގާނޫނު ތަންފީޒު ކުރަން ހުރި އިދާރާތަކުގެ ބާރު އެ ބޭފުޅެއްގެ އަތްމައްޗަށް ނަންގަވައިގެނެއް،" އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވި ގޮތުގައި ރައީސްގެ ވާހަކަފުޅަކީ އިންތިޚާބުތަކުގައި ފުލުހުންނަށް ވޯޓު ނުލެވޭ ގޮތް ހެދުމަށް ނުވަތަ ވޯޓު ނުލުމަށް ހިތްވަރު ދެއްވައި ދެއްކެވި ޑިމޮކްރަސީއާ ބީރަށްޓެހި ވާހަކަފުޅެކެވެ. އެކަމުން ވެސް އެނގިގެން ސަރުކާރު ދަމަހައްޓަން އެމަނިކުފާނު ބޭނުންފުޅުވާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުންގެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވިޔަސް، ފުލުހުންގެ ގާނޫނު އޮތްގޮތުން ފުލުހުންގެ އިސްވެރިޔަކީ ޕޮލިސް ކޮމިޝަނަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރަކީ ފުލުހުންގެ އެންމެ އިސް ފަރާތްކަން ފާހަގަކުރައްވައި އަނަސް ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން މަސައްކަތް ކުރެއްވުމުން އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި އިތުރު ފުލުހުންތަކެއް ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ކަމަށެވެ. އެކަމަކު ގާނޫނާ އެއްގޮތަށް ކަންކަން ކޮށްގެން ދައުވާއެއް އުފުލި ނުވަތަ ބަންދު ކުރެވުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ މި ދެންނެވި މާއްދާގެ ދަށުން އެ ބޭފުޅުންނަށް ހިމާޔަތް ލިބެން ޖެހޭނެ. އެ ބޭފުޅުން ތިބެން ޖެހޭނީ ބަންދެއްގައެއް ނޫން. އެ ބޭފުޅުންގެ މައްޗަށް ދައުވާއެއް ވެސް ކުރެވިގެން ނުވާނެ.،" އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވި ގޮތުގައި ގާނޫނާ އެއްގޮތަށް ޒިންމާ އަދާކުރަން ބޭނުންވާ ފުލުހުންތަކެއް އެ މުއައްސަސާގައި އެބަތިއްބެވެ. އެހެންކަމުން ފަސްނުޖެހި ގާނޫނީ ޒިންމާ އަދާކުރައްވަން އޭނާ އިލްތިމާސްކުރެއްވި އެވެ.