މުޖުތަމައުގައި އިހުސާންތެރިކަމުގެ ގުޅުން ދެމެހެއްޓުން
މުޖުތަމައުގައި އިހުސާންތެރިކަމުގެ ގުޅުން ދެމެހެއްޓުން

އިންސާނުން އެކަކު އަނެކަކާ ނުވަތަ އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު އޮންނަން ޖެހޭ ގުޅުމަކީ އަދުލުވެރިކަމާއި އިހުސާންތެރިކަމުގެ ގުޅުމެކެވެ. ކީރިތި ޤުރުއާނުގެ އައްނަޙްލު ސޫރަތުގެ 90 ވަނަ އާޔަތުގައި، އަދުލުވެރި ވުމަށާއި އިހުސާންތެރި ވުމަށް ﷲ އަމުރު ކުރައްވާ ކަން ބަޔާން ކުރައްވާފައި ވެއެވެ.

މި ގުޅުމަކީ ހަގީގަތުގައި އިންސާނާއާއި ﷲ އާ ދެމެދު އޮންނަން ޖެހޭ ގުޅުން ކަމުގައިވާ އިންސާނާ ﷲ އަށް އަޅުވެތިވުން އަމަލީ ގޮތުން ދައްކައިދޭ ގުޅުމެކެވެ. އެހެނީ ﷲ އަށް އަޅުވެތިވުން ފެންނަން ޖެހޭ ހައިސިއްޔަތު ތަކުގެ ތެރޭގައި އިޖުތިމާއީ ގުޅުންތައްވެސް ހިމެނޭތީ އެވެ. އެހެންކަމުން މި ގުޅުން ދަމަހައްޓާނެ ގޮތް އިންސާނާ ދެނެގަންނަން ޖެހެއެވެ.

މިގޮތުން މި ގުޅުމުގެ ތެރޭ ހިމެނޭ މައިގަނޑު ފުރަތަމަ ކަންތައް ކަމުގައިވާ އަދުލުވެރިކަމުގެ ގުޅުމަށް ކުރީގެ ލިޔުމެއްގައި ވާނީ ބަލައިލެވިފަ އެވެ. މި ލިޔުމުގައި މި ބަލައިލަނީ އެ ގުޅުމުގެ ތެރޭ ހިމެނޭ މައިގަނޑު ދެވަނަ ކަންތައް ކަމުގައިވާ އިހުސާންތެރިކަމުގެ ގުޅުމަށެވެ.

އިހުސާންތެރިކަމުގެ ގުޅުމަކީ އިންސާނާއާ އަނެއް އިންސާނާއާ ދެމެދު އޮންނަން ޖެހޭ ތަބީއީ ނުވަތަ ފިތުރީ ގުޅުމެކެވެ. އެހެނީ މި ގުޅުމުގެ އަސާސަކީ އެންމެ ރިވެތި ސޫރަ (އަޙްސަން ތަޤްވީމު) ގައި ﷲ އިންސާނާ ހައްދަވާފައި ވުމެވެ. (އައްތީން 4). މި އާޔަތުގައިވާ ރިވެތި ސޫރަ އަކީ ހަމައެކަނި ހަށިގަނޑާއި ހަށިގަނޑުގެ ވަޒީފާތަކުގެ ރިވެތިކަން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އަހުލާގުގެ ރިވެތިކަން ވެސް އެ ތަބީއަތުގެ ތެރޭގައި ހިމެނޭނެ އެވެ.

މިކަން އެނގެނީ ޖެހިގެން އޮންނަ އާޔަތުގައި "ދެން ތިމަން ރަސްކަލާނގެ އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިޔަށް ރައްދު ކުރެއްވީމޭ" އޮތުމާއި އޭގެ ފަހުގެ އާޔަތުގައި، އީމާންވެ ސާލިހު އަމަލުތައް ކުޅަ މީހުންނަށް ކެނޑިގެން ނުދާނޭ ދަރުމަ ހުރިކަން ބަޔާން ކުރައްވާފައި ވުމެވެ.

ވީމާ "އަޙްސަން ތަޤްވީމު" ގެ ތެރޭގައި ރިވެތި ސުލޫކުގެ އެންމެ ރިވެތި ސިފަތައް ހިމެނޭނެ އެވެ. އެހެން ނަމަވެސް އިންސާނާގެ ކިބައިގައިވާ ބުއްދީގެ ބާރާއި ރުޅީގެ ބާރާއި ޝަހުވަތުގެ ބާރު ތަކުގައި ވަޒަން ނުހިފެހެއްޓި ހައްދުފަހަނަ އަޅައި ދިއުމުގެ ސަބަބުން "އަސްފަލަ ސާފިލީން" ގެ ދަރަޖަ އަށް ގޮސް އެހެން އިންސާނުންނާ ދެމެދު އޮންނަ ގުޅުން ހައިވާނުންގެ އާލަމުގައި އޮންނަ ފަދަ ގުޅުމަށް ވުރެ ވެސް ދަށް ވަނީ އެވެ.

މިކަމުން އިންސާނާ އަށް ސަލާމަތް ވެވެން އޮތީ "އަޙްސަން ތަޤްވީމު" ގެ ތަބީއަތަށް ރުޖޫއަ ވެގެންނެވެ. މިކަމުގެ ވަސީލަތަކީ އީމާންކަމާއި ސާލިހު އަމަލެވެ. ސާލިހު އަމަލު ފުރިހަމަ ވުމުގައި އިންސާނުން އެހެން އިންސާނުންނާ ދެމެދު އޮންނަން ޖެހޭ ގުޅުން ފުރިހަމަވުން ވެސް ހިމެނޭނެ އެވެ. މި ދެންނެވި ގުޅުމުގެ މައިގަނޑު އެއް ބަޔަކީ އިހުސާންތެރިކަމުގެ ގުޅުން ކަމުގައި ވާހިނދު "އަޙްސަން ތަޤްވީމް" އަށް ރުޖޫއަވުމަށްޓަކައި އިހުސާންތެރިކަމުގެ ގުޅުން ފުރިހަމަ ކުރަން ޖެހެއެވެ.

ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި އިހުސާންތެރި ކަމަށް ސީދާސީދާކޮށް ގޮވާލުމުގެ އިތުރުން އިހުސާންތެރިކަމުގެ ތެރޭ ހިމެނޭ ވަރަށް ގިނަ ރިވެތި އަހުލާގީ ސިފަތައް ދެމެހެއްޓުމަށް ވެސް ގޮވާލާފައި ވެއެވެ. މިގޮތުން ހެޔޮ ކަންތަކަށް އަމުރު ކުރެއްވުމަށާއި އަފޫ ކުރެއްވުމަށާއި ޖާހިލުންނާ އެއްކިބާ ވުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް އަމުރުފުޅު އައިސްފައި ވެއެވެ. (އަލްއަޢުރާފް 169)

އަދި އެންމެ ހެޔޮ ރިވެތި ގޮތުން ނުބައިކަންތައް ދުރު ކުރައްވަން ވެސް ކީރިތި ރަސޫލާ އަށް އަމުރުފުޅު އައިސްފައި ވެއެވެ. (އަލްމުއުމިނޫން 96). ހަމަ މިކަމުގެ އަމުރުފުޅު ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތުގައި ވެސް ގެންނަވާފައި ވެއެވެ. އަދި އެއާ އެ އަމުރުފުޅާ ވިދިގެން ދެން ﷲ ބަޔާން ކުރައްވަނީ "އެހާރުން ތިބާއާ އޭނާއާ ދެމެދުގައި އަދާވާތްތެރި ކަމެއްވާ މީހާ، ގާތް ރަހުމަތްތެރިޔަކު ފަދައިން ވެދާނެ" ކަމަށެވެ.

އަދުލުވެރިކަމުގެ ގުޅުމެކޭ އެއްފަދައިން އިހުސާންތެރި ކަމުގެ ގުޅުމުގައި ވެސް ދާއިރާ ތަކެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ދާއިރާ އަކީ، އަމިއްލަ ނަފްސާ މެދު އިހުސާންތެރި ވުމެވެ. އަލްއިސްރާއު ސޫރަތުގެ 7 ވަނަ އާޔަތުން އެނގޭ ގޮތުގައި އިހުސާންތެރި މުއާމަލާތަކީ ހަމަ އަމިއްލަ ނަފްސަށް ވެވޭ އިހުސާންތެރި ކަމެކެވެ. ދެވަނަ ދާއިރާ އަކީ، މައިންބަފައިންނާއި ދަރިންނާއި އަނބިފިރިންނާ މެދު އިހުސާންތެރި ވުމެވެ. މިގޮތުން މައިންބަފައިންނަށް އިހުސާންތެރިވާން ޤުރުއާނުގައި ފަސް ފަހަރު ތަކުރާރު ކުރައްވާފައި ވެއެވެ. މީސްތަކުންކުރެ އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަނބިމީހާ އަށް ހެޔޮކޮށް ހިތާ މީހާ ކަމުގައި ކީރިތި ރަސޫލާ ބަޔާން ކުރައްވަ އެވެ.

ތިންވަނަ ދާއިރާ އަކީ، ގާތްތިމާގެ މީހުންނާ މެދު އިހުސާންތެރިވުމެވެ. ހަތަރުވަނަ ދާއިރާ އަކީ، ޔަތީމުންނާއި މިސްކީނުންނާ މެދު އިހުސާންތެރިވުމެވެ. މި ފަރާތްތަކާ މެދު އިހުސާންތެރި ވުމަށް އަލްބަޤަރާ ސޫރަތުގެ 83 ވަނަ އާޔަތުގައި އަންގަވާފައި ވެއެވެ. ފަސްވަނަ ދާއިރާ އަކީ، އާންމުކޮށް އެންމެހާ އިންސާނުންނާ މެދު އިހުސާންތެރިވުމެވެ. މިއިން ކޮންމެ ދާއިރާއެއްގައި ވެސް އިހުސާންތެރި ވުމުގައި އަދުލުވެރިވުމެކޭ އެއްފަދައިން ހަމަ ހުރިހާ ހާލަތްތައް ވެސް ހިމަނަން ޖެހެއެވެ. ރުހޭ ހާލަތްތަކާއި ނުރުހޭ ހާލަތްތަކާއި އެކުވެރިކަން އޮންނަ ހާލަތްތަކާއި ރުޅިވެރިކަން އޮންނަ ހާލަތްތަކެވެ.

މިގޮތުން ޤިޞާޞް ހިފަން ޖެހޭ ހާލަތްތަކުގައި ވެސް މައްޔިތާގެ އާއިލާގެ ފަރާތުން އަފޫ ކޮށްފިނަމަ މަރުގެ ދިޔަ ދިނުމުގައި އިހުސާންތެރިވާން އަންގަވާފައި ވެއެވެ. (އަލްބަޤަރާ 178). ކެތްތެރިވާން ޖެހޭ ތަންތަނުގައި ރިވެތި ގޮތުގައި ކެތްތެރި ވުމަކީ އިހުސާންތެރިންގެ ތެރޭ ތިމާ ހިމެނި ހެޔޮ ދަރުމަ ލިބޭ ކަމެކެވެ. (ހޫދު 115)

ހަނގުރާމަ ތަކުގަޔާއި ހެޔޮ އަމަލުތައް ކުރުމުގައި އަމިއްލަ ނަފްސާ ޖިހާދު ކުރުމުގައި ދެމިހުރުމަކީ ވެސް އިހުސާންތެރިންގެ ތެރޭ ހިމެނޭ ކަމެކެވެ. އަދި ﷲ ގެ މަދަދު އެފަދަ މީހުންނަށް ލިބެއެވެ. (އަލްޢަންކަބޫތު 69). ވާހަކަދެއްކުން ނުވަތަ ބަސްބުނެ އުޅުމުގައި ވެސް އިހުސާންތެރިވާން ޤުރުއާނުގައި އަމުރު ކުރައްވާފައި ވެއެވެ. (އަލްއިސްރާއު 53)

ކައިވެނި ރޫޅިގެންދާ ހިނދުގައި ރުޖޫއަ ކުރުމުގައި ވެސް ނުވަތަ އެއްކޮށް ދޫކޮށް ލުމުގައި ވެސް އިހުސާންތެރި ވާން ޖެހެއެވެ. (އަލްބަޤަރާ 229). އަދާވާތްތެރިންނާ އެކު ވެސް އިހުސާންތެރިވާން ޖެހެއެވެ. މީގެ ދަލީލަކަށް ކުރިން ވާނީ އިޝާރާތް ކުރެވިފަ އެވެ. އަދި އަގީދާގެ މައްސަލަ ތަކުގައި ޖަދަލު ކުރާ އިރުވެސް އެންމެ ހެޔޮ ރިވެތި ގޮތް ބޭނުން ކުރަން ޖެހެއެވެ. (އަލްޢަންކަބޫތު 46). ޔަތީމުންގެ މުދަލާ ގާތްވާ ހިނދު އަދި ޖުމްލަ ކޮށް ޔަތީމުންނާ މުއާމަލާތު ކުރުމުގައި އިހުސާންތެރި ވާން ޖެހެއެވެ. (އަލްއިސްރާއު 17)

މިހެންގޮސް ހުރިހާ ބާވަތެއްގެ ގުޅުންތަކާއި މުއާމަލާތު ތަކުގައި އިހުސާންތެރިވާން ޖެހެއެވެ. އެހެނީ އެއީ ﷲ އިންސާނުންނަށް ދެއްވި އެންމެހާ ނިއުމަތްތަކާ މެދު އޭނާ ހެޔޮ ގޮތުގައި އަމަލު ކުރާކަން ބަލާ މިންގަޑު ކަމުގައި ވާތީ އެވެ. އަލްކަހުފު ސޫރަތުގެ 7 ވަނަ އާޔަތުގައި ﷲ އަންގަވަނީ ބިމުގައިވާހާ ތަކެއްޗެއް ޒީނަތެއް ކަމުގައި ލެއްވީ އެބައިމީހުން ކުރެ ހެޔޮކޮށް ކަންތައް ކުރަނީ ކާކުތޯ ބަލައި އިމްތިހާނު ކުރުމަށް ކަމަށެވެ.

އެހެންކަމުން އިހުސާންތެރި ވެއްޖެ ނަމަ އޭގެ މޭވާ ވެސް މަތިވެރި ވެގެން ވެއެވެ. ﷲ ގެ ލޯބި ލިބުމާއި ބިމުގައި ތަމްކީނު ކޮށްދެއްވުމާއި ހިކުމަތާއި އިލްމު ލިބުމާއި ސަލާމަތާއި އަމާންކަން ލިބުމާއި ފާފަ ފުއްސެވުން ލިބުމަށްޓަކައި އިހުސާންތެރިކަން މުހިންމެވެ.

މިހުރިހާ ސަބަބު ތަކަށްޓަކައި އިންސާނުން އެހެން އިންސާނުންނާ އޮންނަ ގުޅުންތަކުގައި އިހުސާންތެރި ކަމުގެ ގުޅުން ދެމެހެއްޓުމަށް ފަރުދީ ގޮތުންނާއި ޖަމާއީ ގޮތުން މަސައްކަތް ކުރަން ޖެހޭނެ އެވެ. ވަކިން ހާއްސަކޮށް ތަރުބިޔަތުގެ ދާއިރާއިން މިކަމަށް ވަރަށް ބޮޑު އިނާޔަތެއް ދޭން ޖެހޭނެ އެވެ. މިގޮތުން އިގުތިސާދީ އިދާރީ ސިޔާސީ އިޖުތިމާއީ އިލްމީ އަދި އެނޫންވެސް އެހެން ހުރިހާ ދާއިރާ އެއްގެ ތެރޭ ހިމެނޭ ގުޅުންތަކުގައި ރިވެތި އަހުލާގާއި އަގުތައް ދަމަހައްޓަން ދަރިވަރުން ތަރުބިޔަތު ކުރަން ޖެހޭނެ އެވެ.