19 އެޕްރީލް 2018 - 14:46

ނިއު ދިއްލީ (އެޕްރީލް 19) - ރޭޕްކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ބާރު އެޅުމުގެ ގޮތުން ދިއްލީގެ ވިމެންސް ކޮމިޝަން (ޑީސީޑަބްލިއު) ގެ ޗެއާޕާސަން މުއްދަތެއް ނެތް ގޮތަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.
ދިއްލީގެ ވިމެންސް ކޮމިޝަނާ ސްވާތީ މަލިވާލް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށާފައި މި ވަނީ އިންޑިއާގައި ކުޑަ ކުދިންތަކެއް ރޭޕްކުރި ސިލްސިލާ ހާދިސާތަކަށް ފަހު އެވެ. ހައިހޫނުކަމުގެ ހަޅުތާލު އޭނާ ފަށައިފައި ވަނީ ދިއްލީގެ އިރުއުތުރުގައިވާ ރަޖްގާތުގެ އައުޓްޑޯ ސްޓޭޖެއްގަ އެވެ. އެއީ އިނގިރޭސިންގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް މަހާތަމާ ގާނދީ ވެސް ހަޅުތާލު ފެއްޓެވި ސަރަހައްދެވެ. ހޫނުމިން 37 ޑިގްރީ ސެލްސިއަސްގައި ހުރި އިރު ފެން ނޫން އެއްޗެއް މަލިވާލް ނުބޮ އެވެ. އޭނާގެ ހާލު ބަލަން ކައިރީގައި މީހުން އަބަދުވެސް ތިބެ އެވެ.
މަލިވާލް ހަޅުތާލުގައި އޮތް ސްޓޭޖު ކައިރީ އެހެން އެކްޓިވިސްޓުން ވެސް ދަނީ ރޭޕްކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އަޑު އުފުލަމުންނެވެ. އޭގެ ތެރޭގައި މަރުގެ އަދަބު ދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ. ބައެއް އެކްޓިވިސްޓުން ބުނި ގޮތުގައި އިންޑިއާގައި އަންހެނުންނަށް ރައްކާތެރި ކަމެއް ނެތެވެ. އުމުރުން 27 އަހަރުގެ އެކްޓިވިސްޓަކު ބުނީ ރޭގަނޑު 9.30 ގެ ފަހުން ބޭރަށް ނުކުންނަން އޭނާ ވެސް ބިރު ގަންނަ ކަމަށެވެ.
މަލިވާލް ހަޅުތާލު ފަށާފައި ވަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވުމަށް ފަހު އެވެ. އެ ސިޓީގައި އޭނާ ވަނީ ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެދިފަ އެވެ. މަލިވާލް ބުނެފައި ވަނީ ރޭޕްކުރާ މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެންދެން އޭނާގެ ހައިހޫނުކަމުގެ ހަޅުތާލު ކުރިއަށް ގެންދާނެ ކަމަށެވެ.