އިންޖީނު ގޮވި ބޯޓު ސަލާމަތުން ޖެއްސުމުން ޕައިލެޓަށް ތައުރީފް
އިންޖީނު ގޮވި ބޯޓު ސަލާމަތުން ޖެއްސުމުން ޕައިލެޓަށް ތައުރީފް

ވޮޝިންޓަން (އޭޕްރީލް 19) - އިންޖީނު ގޮވި ސައުތުވެސްޓް އެއާލައިންސްގެ ޕަސިންޖާ މަތިންދާ ބޯޓު ސަލާމަތުން ޖައްސާފައިވާތީ އެ ބޯޓުގެ ޕައިލެޓަށް ގިނަ ބަޔަކު ތައުރީފް ކޮށްފި އެވެ.

އިންޖީނު ގޮވި ބޯޓު ސަލާމަތުން ޖެއްސުމުން ޕައިލެޓަށް ތައުރީފް
އިންޖީނު ގޮވި ބޯޓު ސަލާމަތުން ޖެއްސުމުން ޕައިލެޓަށް ތައުރީފް

ބޯޓުގެ ވާތް ފަރާތު އިންޖީނުގެ ބުރަފައްޗަކުން ފިޔަގަނޑެއް ނެއްޓި ޖެހުމުން ބޯޓުގެ ކުޑަ ދޮރެއް ވަނީ ފަޅައިގެން ގޮސް ބޯޓުގެ ތެރޭގައި ޕްރެޝަރު ދަށްވެފަ އެވެ. އަދި ފަޅައިގެން ދިޔަ ކުޑަ ދޮރާ ދިމާލަށް ދަމައިގަތް ޕަސިންޖަރަކުން ވަނީ މަރުވެފަ އެވެ.

ނިއު ޔޯކުން ޓެކްސަސް އަށް ދަތުރުކުރި ސައުތުވެސްޓް އެއާލައިންގެ ފްލައިޓް 1380 އަށް މި ހާދިސާ ދިމާވުމުން ކުއްލި ހާލަތުގައި ފިލަޑެލްފިއާ އެއާޕޯޓަށް ބޯޓު ޖެއްސި ޕައިލެޓަކީ އެމެރިކާ ސިފައިންގެ ތެރޭގައި ކުރިން އުޅެފައިވާ ޓެމީ ޖޯ ޝަލްޓްސް އެވެ. އެ ބޯޓުން 149 ޕަސިންޖަރުން ދަތުރުކުރި އެވެ.

ބޯޓުން ދަތުރުކުރި ބައެއް މީހުން ބުނި ގޮތުގައި ޕައިލެޓް ޝަލްޓްސް އަކީ ބަތަލާއެކެވެ.

ބޯޓުގެ އިންޖީނުން ބައެއް ނެއްޓުނު ސަބަބެއް އަދި ނޭނގެ އެވެ. ޔޫއެސް ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ) އިން މިހާރު ގެންދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

ނިއު މެކްސިކޯ ސްޓޭޓަށް އުފަން ޝަލްޓްސް ވަނީ ބައޮލޮޖީން ޑިގްރީ ނަގައިފަ އެވެ. އޭގެ ފަހުން ވަނީ އެމެރިކާ ސިފައިންގެ ތެރޭގައި އޭނާ ޚިދުމަތްކޮށްފަ އެވެ. ސިފައިންގެ ތެރޭގައި 10 އަހަރު ޚިދުމަތް ކުރުމަށް ފަހު 1993 ވަނަ އަހަރު ވަކިވި އިރު ހުރީ ލެފްޓިނެންޓް ކޮމާންޑަރެއްގެ މަގާމުގަ އެވެ. އޭނާ ވަނީ އެމެރިކާ ސިފައިންގެ ތެރޭގައި އުޅުނު އިރު ހަނގުރާމަ މަތީ ބޯޓުތައް ވެސް ދުއްވައިފަ އެވެ. އޭނާގެ ފިރިމީހާ ޑީން ޝަލްޓްސް އަކީ ވެސް ސައުތުވެސްޓް އެއާލައިންސްގެ ޕައިލެޓެކެވެ.

ބައެއް ޕަސިންޖަރުން ބުނި ގޮތުގައި ބޯޓު ޖެއްސުމާ އެކު ޕައިލެޓް ޝަލްޓްސް ވަނީ ޕސިންޖަރުންނާ ވަކިވަކިން ބައްދަލުކޮށްފަ އެވެ. އެއް ބަޔަކު ވަނީ ޕައިލެޓުގެ ކުޅަދާނަ ކަމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

ކުޑަ ދޮރު ފަޅައިގެން ދިއުމުން ބޯޓުގެ ތެރޭގައި ޕްރެޝަރު ދަށްވި ވަގުތު ވަނީ އޮކްސިޖަން މާސްކް ބޭނުން ކުރަން ޖެހިފަ އެވެ. އެ ވަގުތު ވަނީ ބޯޓު ކުއްލި އަކަށް ވަރަށް ބޮޑަށް ތިރިވެފަ އެވެ.