19 އެޕްރީލް 2018 - 13:06

ގަލޮޅު ދަނޑުގައި 23 އަހަރު ފުޓްބޯޅަ ކުޅުނުއިރު އަދި މިއަދު ވެސް ދަނޑުގެ ވިނަގަނޑުގެ ހާލަތަށް ބަދަލު ނާންނަ ކަމަށާއި ނިއު ރޭޑިއަންޓުގެ ގޭމް ޕްލޭނަށް ވެސް އޭގެ ސަބަބުން ހުރަސްތަކެއް އެޅޭ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފި އެވެ.
ނިއުގެ ކޯޗުކަމާ ސްޕެއިނުގެ އޮސްކާ ބްރުޒޮން މިދިޔަ އަހަރު ހަވާލުވެ އެ ޓީމު ލައްވާ އަންނަނީ ޕާސިން ގިނަ، ޑޮމިނޭޓިން ގޭމެއް ކުޅުމެއް ކުޅުވަމުންނެވެ. ސަމްޕަތު ބުނީ އޭއެފްސީ ކަޕުގައި އިންޑިއާގެ ބެންގަލޫރު އަތުން އެ ގައުމުގައި 1-0 އިން ނިއު ބަލިވި މެޗުގައި ނިއު ދެއްކި މޮޅު ކުޅުމުގެ ސިއްރަކީ ބެންގަލޫރުގެ ދަނޑުގެ ހާލަތު ކަމަށެވެ.
"އޮސްކާ އާއި ކޯޗިން ސްޓާފުންނާ މިހާރު ތިބި ކުޅުންތެރިން ގަބޫލުކުރޭ އަޅުގަނޑުމެން ޓީމު ފުދޭވަރަކަށް ރަނގަޅަށް ސެޓްކުރެވިފައި އޮތް ކަމަށް މާލޭގެ ކޮންމެ ޓީމަކާ ކުރިމަތިލާން ވެސް. އަޅުގަނޑުމެން މިހާރު އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ޕިޗް ކޮންޑިޝަން. ބެންގަލޫރު މެޗަށް ވަރަށް ގިނަ ބަޔަކު ތައުރީފްކުރޭ އަޅުގަނޑުމެންނަށް. އޭގައި އެކަމަކު އަޅުގަނޑުމެންނަށް އެ ގޭމް އެ ވަރަށް އެ ޑޮމިނޭޓްކުރެވުނީ ވަރަށް ކޮލިޓީ ޕިޗެއް އެތާ އޮތީ. ވިނަގަނޑާ އެއްޗެހި ވެސް ވަރަށް ބަރާބަރު. ހަމަ ވަރަށް އޮމާން. އަޅުގަނޑުމެން އެތާ ޕްރެކްޓިސް ކުރި ދުވަހު ވެސް ޕްލެޔަރުންނަށް ކޮންފިޑެންސް ލިބިއްޖެ މިތާ ކުޅެލޭވެނެ ކަމުގެ. އެހެންވެ އެ ހުރިހާ އުއްމީދަކާ އެކު އަރާ އެ ގޭމް ޖެއްސުނީ،" ސަމްޕަތު ބުންޏެވެ.
އޭނާ ބުނީ ގަލޮޅު ދަނޑުގެ ހާލަތާ މެދު ކަންބޮޑުވުމާ ކަމަށާއި އެ އުނދަގޫތަކާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި އެކަން ރަނގަޅުކޮށްދިނުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެފްއޭއެމްގައި ވެސް އެދިފައިވާ ކަމަށާއި އެކަމަކު އެންމެ އެކަށީގެންވާ ހައްލު ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
ގައުމީ ޓީމަށް 12 އަހަރު ކުޅެދީފައިވާ ސަމްޕަތު ބުނީ އަފްގާނިސްތާން ނެތުމާ އެކު ދެކުނު އޭޝިއާ ފުޓްބޯޅައިގައި އެންމެ ކުރީގައި އޮންނާނީ ރާއްޖެ އާއި އިންޑިއާ ކަމަށާއި އިންޑިއާ އިން ދަނޑުތަކުގެ ހާލަތު ބަދަލުކޮށް ޒަމާނީ ކުރަމުން އަންނައިރު ރާއްޖެ އަށް އެ ތަރައްގީ ނާންނަ ކަމަށެވެ.
"އަޅުގަނޑު ގަލޮޅު ދަނޑުގައި 23 އަހަރު ބޯޅަ ކުޅުނިން. އަޅުގަނޑު އެތަނުގައި ފައިޖެހޭ ކޮންމެ ފަހަރަކު އެބަ އިހުސާސްތަކެއްކުރެވޭ އެހާ ގިނަ ދުވަހު ކުޅެފައި ހުރީމާ. (އެކަމަކު) ސްޓްރަކްޗާ އަށް ބަދަލެއް ނަޔަސް ޕިޗެއް އެބަޖެހޭ ކަންނޭގެ ބަދަލެއް އަންނަން،" ސަމްޕަތު ބުންޏެވެ.
އެސްޓީއޯ މާލޭ ލީގުގައި ނިއު އިން ދެން ކުޅޭ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ވިކްޓަރީއާ އެވެ. ސަމްޕަތު ބުނީ ވިކްޓަރީ އަންނަނީ މި ސީޒަނުގައި މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަމުން ކަމަށާއި އެ ޓީމާ މެދު ހާއްސަކޮށް ބިދޭސީ ކުޅުންތެރިންނާ މެދު ސަމާލުވާނެ ކަމަށެވެ.
ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނީ ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ކުރިމަތިލުން އަދިވެސް އޭނާ ސިފަކުރަނީ ކުރީގައި އެ އޮންނަ ބޮޑު ވާދަވެރިކަމުގެ ތެރެއިން ކަމަށާއި ހަމައެކަނި މައްސަލައަކީ ދަނޑަށް މީހުން ނުވަނުން ކަމަށެވެ. ވިކްޓަރީ ވަނީ އެންމެ ފަހުން ކުޅުނު މެޗުން ކުރީގެ ވާދަވެރިޔާ ވެލެންސިއާ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ.
"އެންމެ ފަހު މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު. ހާއްސަކޮށް ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅެ ގޯލް ޖަހައި ފުރުސަތުތަކެއް ހޯދި. މި މެޗުގައި ވެސް ނުކުންނާނީ މޮޅުވާން. ނިއު ރޭޑިއަންޓުގައި އެބަތިބި ގައުމީ ޓީމުގެ 10 ވަރަކަށް ކުޅުންތެރިން. މި މެޗުގައި މޮޅުނުވިޔަސް ޝަކުވާއެއް ނޯވެދާނެ އެކަމަކު ރަނގަޅަށް ކުޅެން ޖެހޭނެ،" ކިސް ބުންޏެވެ.
ކިސް އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިތުބާރު ޑިފެންޑަރު އަހުމަދު ޝާފިއު (ޝާފީ) އާއި މިޑްފީލްޑަރު އަހުމަދު ވިސާމް (ޖެރާޑް) އަނިޔާގައި ތިބުމެވެ.
މެޗާ ކުރިމަތިލާއިރު ނިއު އޮތީ އެއް މެޗު މަދުން ކުޅެ 13 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ވިކްޓަރީ އޮތީ ނުވަ ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.