19 އެޕްރީލް 2018 - 12:16

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކުރުމުގެ ގޮތުން އެ އަތޮޅުގެ ވެރިރަށް، އޭދަފުށީގައި ހުންނަ އެ ބޭންކުގެ ބްރާންޗް އެންމެ ޒަމާނީ ބްރާންޗަކަަށް ބަދަލުކޮށް، ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.

ބީއެމްއެލް އިން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އޭދަފުށީގައި ގާއިމްކުރި ޒަމާނީ ބްރާންޗް ހުޅުއްވައިދެއްވީ މިއަދު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އެވެ. އެ ރަސްމިއްޔާތުގައި އެ ރަށު ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުރުން މުއައްސަސާތަކުގެ އިސް ވެރިން ބައިވެރިވި އެވެ.
"އޭދަފުށީގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި، ސެލްފް ސާވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އޭދަފުށްޓަކީ ވިޔަފާރި އާއި އިގްތިސާދި ގޮތުން ބަލާއިރު މި އަތޮޅުގެ މައި ރަށަށް ވުމާ އެކު މި އިންވެސްޓްމަންޓްތަކުގެ ފައިދާ މި ރަށާ ކައިރި މާޅޮސް، ދަރަވަންދޫ އަދި ދޮންފަނުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ،" އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެންޑްރޫ ވިދާޅުވި އެވެ.
އޭދަފުށީގައި ޒަމާނީ ބްރާންޗެއް ހުޅުވުމުން އެކަން ފާހަގަ ކުރުމުގެ ގޮތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރިލް މަހުގެ ބައްދަލުވުން ވެސް މިއަދު ވަނީ އެ ބްރާންޗުގައި ބާއްވައިފަ އެވެ.
ބީއެމްއެލް ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް އާންމުންގެ އިތުރުން ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ އެވެ.
ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިން ޚިދުމަތް ދޭ ކުންފުނިން، 20 އަތޮޅުގައި 34 ބްރާންޗާއި، 35 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 95 އޭޓީއެމް އޮޕަރޭޓް ކުރެ އެވެ. އަދި 5،000 ޕީއޯއެސް މާޗަންޓުންނާއި، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ދެއެވެ.