19 އެޕްރީލް 2018 - 10:38

ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތް މާލޭގައި މާދަމާ ފަށާއިރު މިއީ ދެ ގޮތަކުން ހާއްސަ މުބާރާތެކެވެ. ސަރަހައްދީ މުހިއްމު މުބާރާތެއްގައި ރާއްޖޭގައި ބޭއްވި ޓީޓީގެ ކުރިމަގަށް މުހިއްމު ބިންގަލެއް އެޅިގެންދާއިރު މި މުބާރާތުގެ ތެރެއިން ރާއްޖޭގައި މިވަގުތު ތިބި އެންމެ އުއްމީދީ ދެ ކުޅުންތެރިންގެ ކުޅުން ވެސް ފެނިގެންދާނެ އެވެ.

އެއް ކުޅުންތެރިޔަކީ މި މުބާރާތުން 2016 ވަނަ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން އައިޝަތު ރަފާ ނާޒިމެވެ. އުމުރުން 14 އަހަރުގެ ރަފާ އަކީ ގައުމީ މުބާރާތުގެ މިދިޔަ ދެ ފަހަރުގެ އަންހެން ސިންގަލްސް ޗެމްޕިއަނެވެ. އަނެއް ކުޅުންތެރިޔަކީ ސްރީ ލަންކާގެ މުބާރާތްތަކުގައި ދިވެހިން ފަހުރުވެރިކޮށްދީ އަދި ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގައި ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދާފައިވާ އުމުރުން 10 އަހަރުގެ ފާތިމަތު ދީމާ އަލީ އެވެ.

ރަފާ ވިދާލީ 13 އަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ މުއީނާ މުހައްމަދު ބަލިކޮށް 2016 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދުމުންނެވެ. އޭގެ ކުރީ އަހަރުގެ ފައިނަލުން މުއީނާ އަތުން ހަނިގޮތަކަށް ބަލިވި ރަފާ ހޯދީ ތާރީހީ ކާމިޔާބާ އެކު، އޭނާ ވެފައިވަނީ ރާއްޖޭގެ ގައުމީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި އެންމެ އުމުރުން ހަގު އެއް ކުޅުންތެރިޔާ އަށެވެ.
ރަފާ ފަދައިން ދީމާ އަކީ ވެސް އެހާމެ އުއްމީދީ ކުޅުންތެރިޔެކެވެ. ސްރީ ލަންކާގައި އާއިލާއާ އެކު ދިރިއުޅޭ ދީމާ ވަނީ ލަންކާގެ 10 އަހަރުން ދަށުގެ އެއް ވަނަ އަދި ވެސްޓަން ޕްރޮވިންސުގެ 10 އަހަރުން ދަށާއި 12 އަހަރުން ދަށުގެ އެއް ވަނަ ހޯދައިފަ އެވެ. އެއާ އެކު އޭނާ އަށް އެ ގައުމުގެ ރަށްވެހިކަންދޭން ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ލަންކާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މަސައްކަތްކުރި އެވެ. އެކަމަކު ދީމާގެ ބެލެނެވެރިން އެ ފުރުސަތު ދޫކޮށް ރާއްޖޭގެ ގައުމީ މުބާރާތުގައި ކުޅުވީ އުފަން ގައުމު ތަމްސީލްކުރުވުމުގެ މުހިއްމު ބޭނުމުގަ އެވެ. މާދަމާ ފަށާ ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތާ އެކު އެ ފުރުސަތު މިއޮތީ ފަހިވެފަ އެވެ.
އުމުރުން 8 އަހަރުގައި 2016 ވަނަ އަހަރު މެލޭޝިއާ މުބާރާތެއްގެ 11 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދައި އެންމެން ހައިރާންކޮށްލި ދީމާ ވަނީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދައިފަ އެވެ.
ރާއްޖޭގައި އަލަށް ވާދަކޮށް އޭނާ ވަނީ ގައުމީ މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައި 16 އަހަރުން ދަށުގެ ފައިނަލުގައި ކުޅެފަ އެވެ. އެ އިވެންޓުން އޭނާ ބަލިވީ މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލް ޗެމްޕިއަން ރަފާ އަތުންނެވެ.
އެކަމަކު އެ މުބާރާތަށް ފަހު އޮތް ރޭންކިން މުބާރާތުގައި ދީމާ ވަނީ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގައި 15 އަހަރުން ދަށާއި 18 އަހަރުން ދަށް އަދި ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދައިފަ އެވެ. އަދި ގައުމީ މުބާރާތުގައި ރަފާ އަތުން ބަލިވި ނަމަވެސް ދީމާ ވަނީ ރޭންކިންގައި ރަފާ އަތުން ކުރި ހޯދައިފަ އެވެ. މި ދެ ކުޅުންތެރިންގެ މެދުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ދީމާ ހަތަރު މެޗުން މޮޅުވިއިރު ރަފާ ތިން މެޗުން މޮޅުވި އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަދި ރާއްޖެ އަށް ބައިނަލްއަގްވާމީ މެޑަލް ހާސިލްކޮށްދީފައިވާ ސީވީޑް އަހުމަދު ލަތީފް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ރަފާ އާއި ދީމާގެ މެދުގައި ވަރަށް ވަރުގަދަ ވާދަވެރިކަމެއް އޮންނާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. އަދި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ އާއި ޖުމާލާ ނިމާލް ވެސް ތިބީ ވާދަވެރިކަން ބޮޑުކުރުމުގެ އަޒުމުގައި ކަމަށާއި އެކަން އެންމެ ފަހުގެ ރޭންކިން އިން އެކަން ދައްކުވައިދީފި ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޝާﷲ (ރާއްޖޭގެ) ޓޭބަލް ޓެނިހުގެ ކުރިމަގު ފެންނަނީ ވަރަށް ރަނގަޅަށް،" ލަތީފް ވިދާޅުވެފައިވެ އެވެ.