21 އެޕްރީލް 2018 - 06:41

ސްޓީވެން ސްޕީލްބާގް އެންމެ ކުޅަދާނައީ ސައިންސް ފިކްޝަން އަދި ފެންޓަސީ ފިލްމްތައް ހަދާށެވެ. އެކަމަކު އުމުރުން 71 އަހަރުގެ ޑައިރެކްޓަރު މިހާރު އަންނަނީ އޭނާގެ ކެރިއަރުގައި ޑައިރެކްޓް ކުރާ ފުރަތަމަ ސުޕަހީރޯ ފިލްމަށް ތައްޔާރުވަމުންނެވެ.

ސްޕީލްބާގް ހަދާ ސުޕަހީރޯ ފިލްމަކީ ޑީސީ ޔުނިވާސްގެ ކޮމިކް ކެރެކްޓާ "ބްލެކްހޯކް" އެވެ. މި ފިލްމް ބެލުންތެރިންނަށް ގެނެސް ދޭނީ މޮޅު އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޑައިރެކްޓަރުގެ ކުންފުނި އެމްބްލިން އެންޓަޓައިންމަންޓާއި ވާނާ ބްރަދާޒް ގުޅިގެންނެވެ.
މިހާރު ސިނަމާތަކުގައި އޮތް ސްޕީލްބާގްގެ އެންމެ ފަހުގެ ފިލްމް "ރެޑީ ޕްލެޔާ ވަން" އަކީ ވެސް ވާނާއާ ގުޅިގެން ހަދާފައިވާ ފިލްމެކެވެ.
އެ ކުންފުނީގެ ޗެއާމަން ޓޮބީ އެމެރިޗް ބުނީ ސައިންސް ފިކްޝަން އެޑްވެންޗާ ފިލްމް "ރެޑީ ޕްލެޔާ ވަން" އަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ބޮޑު ކާމިޔާބީއާ އެކު، ސްޕީލްބާގްގެ އަލަތު ސުޕަހީރޯ ފިލްމް ގެނެސް ދެވުމުގެ އުފާ ލިބޭކަމީ ބޮޑު ޝަރަފެއް ވެސް ކަމަށެވެ.
"އަހަރެމެން މިހާރު ވެސް މި ތިބީ އޭނަ ބްލެކްހޯކަށް ގެންނަ ޖާދޫ ބޮޑު ސްކްރީނުން ބަލާލަން ކެތްމަދުވެފައި،" އެމެރިޗް ބުންޏެވެ.
"ބްލެކްހޯކް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސްޕީލްބާގް 1993 ގައި ގެނެސް ދިން "ޖުރަސިކް ޕާކް" (1993) ގެ ސްކްރީންޕްލޭގައި އޭނާއާ އެކު ހިއްސާވި ޑޭވިޑް ކޮއެޕް އެވެ.
"ބްލެކްހޯކް" ރިލީޒް ކުރާ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ އިރު، އަލަތު ސުޕަހޯރީ ފިލްމް ތަޖުރިބާކޮށްލަން ކުޅަދާނަ ޑައިރެކްޓަރު ވެސް ހުރީ ކެތްމަދުވެފަ އެވެ.
"އެންމެ ހިތްހަމަޖެހޭ ކަމަކީ ވާނާގެ ވަރުގަދަ ޕްރޮފެޝަނަލް ޓީމާ އެކު އަނެއްކާ ވެސް މަސައްކަތެއްކޮށްލަން މަގުފަހިވުމުން،" ސްޕީލްބާގް ބުންޏެވެ.
އޭނާގެ ކުރިއަށް ހުރި ޑައިރެކްޝަންތަކުގެ ތެރޭގައި "އިންޑިއާނާ ޖޯންސް 5" އަދި 1961 ގެ ރޮމޭންޓިކް މިއުޒިކަލް ޓްރެޖެޑީ "ވެސްޓް ސައިޑް ސްޓޯރީ" ގެ ރިމެކިން ހިމެނެ އެވެ.