މޯލްޑިވިއަން ހޮލިޑޭސްގެ އިންފްލައިޓް މަޖައްލާގައި ވިޔަފާރިތަކަށް ހާއްސަ ސެކްޝަނެއް
މޯލްޑިވިއަން ހޮލިޑޭސްގެ އިންފްލައިޓް މަޖައްލާގައި ވިޔަފާރިތަކަށް ހާއްސަ ސެކްޝަނެއް

މޯލްޑިވިއަން ހޮލިޑޭސްގެ އިންފްލައިޓް މަޖައްލާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސެކްޝަނެއް ހިމަނައިފި އެވެ.

މިދިޔަ އަހަރު ނެރެން ފެށި މި މަޖައްލާ އަކީ ކޮންމެ އަހަރަކު ތިން ފަހަރު ނެރެން ހަމަޖެހިފައިވާ މަޖައްލާ އެކެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި އެ މަޖައްލާގައި ވިޔަފާރިތަކަށް ހާއްސަ ސެކްޝަނެއް ހިމަނަން ނިންމީ ރާއްޖޭގެ ބައެއް ވިޔަފާރިތަކާއި ގެސްޓްހައުސްތަކުން މަޖައްލާ މެދުވެރިކޮށް އިސްތިހާރު ކުރުމަށް ޝައުގުވެރިކަން ހުށަހަޅަމުން ދާތީ އެވެ.

އެ ކުންފުނިން ބުނީ ވިޔަފާރިތަކަށް ހާއްސަ މި ސެކްޝަން، މަޖައްލާގެ އެހެން ސެކްޝަންތަކާ ތަފާތު ވާނެ ކަމަށެވެ. އެގޮތުން، ލިސްޓިންގެ ގޮތުގައި ކުންފުނިތަކުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު ފަދަ މައުލޫމާތު ހިމެނޭނެ ކަމަށް މަޖައްލާގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ވިިޔަފާރިތަކަށް ހާއްސަ ސެކްޝަން އިންނާނީ އެހެން ސެކްޝަންތަކާ ވަކިން. އެއިގެ ސަަބަބުން އާ ކްލައިންޓުނަނާއި ވިޔަފާރިވެރިންނަށް ފަސޭހަ ކަމާ އެކު އޭގައި ޝާއިއު ކޮށްފައި ހުންނަ މައުލޫމާތު ބަލާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

މި މަޖައްލާގައި ޗުއްޓީ ހޭދަކޮށްލަން ދާނެ އެންމެ ރަނގަޅު ތަންތަނާއި އެންމެ ރަނގަޅު ސްޕާތަކާއި ރެސްޓޯރަންޓުތަކާ ބެހޭ މައުލޫމާތު ހިމަނާފައި ވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި މަޖައްލާގެ ކިޔުންތެރިންގެ އަދަދު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ބޮޑަ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ދުނިޔޭގެ އެކި ހިސާބުތަކުން ހަތަރު މިލިއަނަށް ވުރެ ގިނަ މީހުންނާ ހަމައަށް މަޖައްލާ ފޯރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޖައްލާގެ ކޮންމެ އިޝޫއެއްގެ 10،000 ކޮޕީ ޕްރިންޓު ކުރެ އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން މި މަޖައްލާ ކިޔާލަން ބެނުންވާ މީހުންނަށް ބައިނަލްއަގްވާމީ ޓްރެވަލް ވެބްސައިޓް issuu.com އިން ކިޔާލެވޭނެ އެެވެ.

މި މަޖައްލާގެ ވިޔަފާރި ސެކްޝަނުގައި ލިސްޓު ކުރަން ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަދި މަޖައްލާގެ ކޮންމެ އިޝޫއެއްގައި އެންމެ މަދުވެގެން 15 ވިޔަފާރީގެ މައުލޫމާތު ލިސްޓު ކުރާނެ ކަމަށް މޯލްޑިވިއަން ހޮލިޑޭސްއިން ބުނެ އެވެ.