19 އެޕްރީލް 2018 - 00:43

ފުލުހެއްގެ ފަރާތުން ދެރަކޮށް ކަމެއް ވެއްޖެ ނަމަ ފުލުހުންގެ މުއައްސަސާ އަށް އެ ކަމެއް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް، އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަވާޒް ވިދާޅުވީ "އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޑު އަހާނަން. އިސްލާހު ކުރާނަން. ރަނގަޅު ކުރާނަން" ކަމަށެވެ.
ފުލުހުންގެ ޚިދުމަތްތަކަށް އަލިއަޅުވާލައްވައި ނަވާޒް ވިދާޅުވީ ދިވެހި ފުލުހަކަށް ވުމުން އެންމެ މުހިންމު ވާނީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ސަލާމަތްތެރިކަން ކަމަށެވެ. ދިވެހި ދައުލަތައް ބުރުލެއް އަރާފާނެ ކަމެއް ހިނގާ ނަމަ ވާޖިބު އަދާކޮށް، ފުލުހުން އަމާންކަން ގާއިމް ކޮށްދޭނެ ކަމަށް ނަވާޒް ވިދާޅުވި އެވެ.
"ކޮންމެ ރައްޔިތެއްގެ ރައްކާތެރިކަމަށްޓަކައި އަދި ދިވެހި މުޖުތަމައުގެ ހަމަޖެހުމާއި ގައުމުގެ ސިޔާދަތު ދިފާއު ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ހެދިފައިވާ އުސޫލުތައް ނިޔާކުރާ ގޮތުގެ މަތިން އަޅުގަނޑުމެން އަބަދުވެސް ތެދުވެރިކަމާއި ކެތްތެރިކަމާ އެކު ހިދުމަތް ކުރަމުން ގެންދާނަން،" އެކްޓިން ކޮމިޝަނަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެކި ބޭނުންތަކުގައި ރާއްޖެ އަންނަ މީހުން އިތުރުވެ އުމުރާނީ މަސައްކަތްތައް ގިނަ ވާއިރު، ފުލުހުންގެ ދައުރު އިތުރަށް ހަރުދަނާ ކުރަން ޖެހޭ އެވެ. އަދި ރާއްޖޭގެ އާބާދީ އަށް އަންނަ ބަދަލުތަކާ އެކު ފުލުހުން ބަލަހައްޓަންޖެހޭ ޒިންމާތައް އިތުރުވާ ކަމަށް ވެސް ނަވާޒް ވިދާޅުވި އެވެ.
ފުލުހުންނާ މުޚާތަބު ކުރައްވައި ނަވާޒް ވިދާޅުވީ ފުލުހުންގެ ވެލްފެއާ ރަނގަޅު ކުރުމަށްޓަކައި ކުރިއަށް އޮތްތަނުގައި ވެސް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އެ ކަމަށް ބޮޑު އެއްބާރުލުމެއް ދެއްވާ ކަމަށާއި ފުލުހުންގެ މުސާރަ މި އަހަރު ބޮޑުވެގެން ދިއުމަކީ އޭގެ އެއް ހެކި ކަމަށް އޭނާ ވިދާޅުވި އެވެ.