18 އެޕްރީލް 2018 - 19:20

އަންކާރާ (އެޕްރީލް 18) - ތުރުކީގެ ރިޔާސީ އަދި އާއްމު އިންތިޚާބު ޖޫން 24 ގައި ބާއްވާނެކަން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު އިއުލާން ކުރައްވައިފި އެވެ.
ރިޔާސީ ގަނޑުވަރުގައި ގައުމާ މުޚާތަބް ކުރައްވާ ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ އެގްޒެކެޓިވް ޕްރެޒިޑެންސީއަކަށް ތުރުކީ ވަރަށް ބޮޑަށް ބޭނުވާ ކަމަށެވެ. ތުރުކީގައި އިންތިޚާބު މި ބާއްވަނީ ޝެޑިއުލަށް ވުރެ އެއް އަހަރު ކުރިންނެވެ. ތުރުކީގެ ރިޔާސީ އަދި އާއްމު އިންތިޚާބު ބޭއްވުމަށް ކުރިން ހަމަޖައްސާފައި ވަނީ ނޮވެމްބަރު 2019 ގަ އެވެ.
ތުރުކީން މަސައްކަތް ކުރަމުން ދަނީ ޕާލަމެންޓްރީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލު ކުރުމަށެވެ. މި ބަދަލު ގެނައުމަށް ތުރުކީގައި މިދިޔަ އަހަރުގެ އެޕްރީލް މަހު ވަނީ ޚިޔާލު ހޯދުމުގެ ވޯޓެއް ވެސް ނަގައިފަ އެވެ. ރިޔާސީ ނިޒާމަކަށް ވަނީ އެ ވޯޓުގެ ހަނި އަޣުލަބިއްޔަތަކުން ފާސްވެފަ އެވެ. ބޭނުމަކީ ރައީސް އުރުދުޣާންގެ ބާރުތައް ވަރުގަދަ ކުރުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ކުރިއަށް އޮތް އިންތިޚާބަށް ފަހު ތުރުކީގެ ވެރިކަމުގެ ނިޒާމަށް ބަދަލުތައް ގެންނާނެ އެވެ.
އުރުދުޣާން ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ވީހާ ވެސް އަވަހަށް ބަދަލުތައް ގެންނަން ބޭނުންވާ ކަމަށެވެ. އެއީ ތުރުކީ އަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރަން ކަމަށް ވިދާޅުވި އެވެ. އާ ބަދަލާ އެކު ނައިބް ރައީސް އާއި ވަޒީރުންނާއި ސަރުކާރުގެ ސީނިއާ އޮފިޝަލުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ރައީސް އަށް ލިބިގެން ދާނެ އެވެ. އަދި ޕާލަމެންޓް އުވާލުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ވެސް ރައީސް އަށް ލިބޭނެ އެވެ.