ހަޅުތާލު ކުރި 10،000 ނަރުހުން ވަޒީފާ އިން ވަކިކޮށްފި
ހަޅުތާލު ކުރި 10،000 ނަރުހުން ވަޒީފާ އިން ވަކިކޮށްފި

ހަރާރޭ (އެޕްރީލް 18) - ޒިމްބާބުވޭގައި މިދިޔަ ހޯމަ ދުވަހު ހަޅުތާލު ކުރި 10،000 ނަރުހުން ވަޒީފާ އިން ވަކިކޮށްފި އެވެ.

ނައިބް ރައީސް ކޮންސްޓެންޓިނޯ ޗިވެންގާ ވިދާޅުވީ ހަޅުތާލު ކުރި ނަރުހުންގެ މުސާރަ ބޮޑު ކުރަން 17 މިލިއަން ޑޮލަރު ހަމަޖައްސައިދިން ނަމަވެސް ވަޒީފާ އަށް ނުކުތުމަށް އެ މީހުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

"ބަލި މީހުންނާއި އެ މީހުންގެ ފުރާނަ ސަލާމަތް ކުރަން އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ ހަޅުތާލު ކުރި ނަރުހުން ވަޒީފާ އިން ވަކި ކުރުމަށް ނިންމާފައި،" ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ސަރުކާރު ވައްޓާލުމުގައި އިސްކޮށް ހުންނެވި ސިފައިންގެ ކުރީގެ ވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާ އިން ވަކިކޮށްފައިވާ ނަރުހުންގެ ބަދަލުގައި މި ވަގުތު ވަޒީފާއެއް ނެތް ނަރުހުންނާއި ރިޓަޔާކޮށްފައިވާ ނަރުހުން ވަޒީފާ އަށް ނެރޭނެ ކަމަށެވެ.

ޒިމްބާބުވޭގެ ނަރުހުންގެ އެސޯސިއޭޝަނުން ބުނީ ސަރުކާރުން ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް ހަޅުތާލު ކުރިއަށް ގެންދާނެ ކަމަށެވެ.

ޒިމްބާބުވޭގެ ރައީސް އެމާސަން ނަންގަގްވާ ވެސް ދާދި ފަހުން ވަނީ ޑޮކްޓަރުންގެ ހަޅުތާލަކާ ގުޅިގެން މުސާރަ ބޮޑުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.