21 ޖުލައި 2016 - 10:40

ފްލޮރެންސް، އިޓަލީ (ޖުލައި 21) - ތުރުކީގެ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގެ ފުޓްބޯޅަ ލީގުގެ ބެސިކްޓަސްގައި އިތުރަށް މަޑުނުކުރަން ޖަރުމަނުގެ ފޯވާޑް މާރިއޯ ގޯމޭޒް ނިންމައިފި އެވެ.
އިޓަލީގެ ފިއޮރެންޓީނާގެ ލޯނެއްގެ ދަށުން ބެސިކްޓަސް އަށް ކުޅުނު ގޯމޭޒް ވަނީ އެ ޓީމަށް 41 މެޗުން 28 ގޯލް ޖަހައިދީ އެ ޓީމަށް ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ.
އޭނާގެ ލޯނު މުއްދަތު ހަމަވި ނަމަވެސް ކޮންޓްރެކްޓް ދާއިމީކުރުމުގެ ފުރުސަތު ބެސިކްޓަސް އަށް އެބައޮތެވެ. ގޯމޭޒް ބުނީ ކްލަބުގައި އިތުރަށް މަޑުނުކުރަން ނިންމާފައިވާ ކަމަށާއި އޭގެ ފަހަތުގައި އޮތީ ކުޅިވަރާ ގުޅޭ ސަބަބެއް ނޫން ކަމަށެވެ.
"މިއީ ވަރަށް އުދަނގޫ ނިންމުމެއް. މި ބޮޑު ކްލަބަށް، މި އާދާޔާހިލާފު ސަޕޯޓަރުންގެ ކުރިމަތީގައި، މި ސްޓޭޑިއަމުގައި އިތުރަށް ދެން ނުކުޅޭނެ ވާހަކަ އިއުލާންކުރަން ޖެހުމަކީ ވަރަށް އަސަރުކުރި ކަމެއް. އޭގެ ފަހަތުގައި އޮތީ، މިދިޔަ ދުވަސްކޮޅު ހިނގައިދިޔަ ކަންކަން،" ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފޯވާޑް ބުންޏެވެ.
ބަޔާން މިއުނިކާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ގޯމޭޒަށް އިޓަލީގެ ފިއޮރެންޓީނާގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެކަމަކު ބެސިކްޓަސްއާ އެކު ކުޅުން ރަނގަޅުކޮށް މި ފަހަރުގެ ޔޫރޯގައި ވާދަކުރި ޖަރުމަން ޓީމުން ޖާގަ ހޯދައި މުބާރާތުގައި ދެ ލަނޑު ޖެހި އެވެ.
ސިފައިންގެ ތެރެއިން ބަޔަކު ނުކުމެ ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅިގެން އެ ގައުމުގައި ބޮޑު ހަމަނުޖެހުމެއް ވަނީ ހިނގައިފަ އެވެ. ބަޣާވާތް ކުރި މީހުންގެ ތެރޭން 104 ސިފައިން މަރުވެފައިވާ އިރު އާއްމުންގެ ތެރޭން ވެސް ވަނީ 161 މީހުން މަރުވެފަ އެވެ. ގާތްގަނޑަކަށް 1،440 މީހުން ވަނީ ޒަޚަމްވެފަ އެވެ.