20 އެޕްރީލް 2018 - 07:00

އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރްދަން ކަޕޫރް ބޮލީވުޑަަށް ތައާރަފުވީ 2016 ގައި ރިލީޒް ކުރި ފިލްމް "މިރްޒިޔާ" އިންނެވެ. ހާޝްގެ ދެވަނަ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނަން ދިގު މުއްދަތެއް ނެގިޔަސް، ދެން ކުރަން ޖެހޭ އިންތިޒާރު މާ ދިގެއް ނޫނެވެ.
އޭނާގެ ދެވަނަ ފިލްމް "ބަވޭޝް ޖޯޝީ" އަންނަ މަހުގެ 25 ގައި ސިނަމާތަކަށް އަންނާނެ އެވެ. ސުޕަހީރޯ ފިލްމެއްގެ ގޮތުގައި ޕްރޮމޯޓްކުރާ މި ފިލްމްގެ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
"ބަވޭޝް ޖޯޝީ" އަކީ 2013 ގައި ރަންވީރް ސިންގް އާއި ސޮނާކްޝީ ލީޑް ރޯލުން ފެނިގެން ދިޔަ "ލުޓޭރާ" ގެ ޑައިރެކްޓަރު ވިކްރަމަދިތިޔާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި ކިޔައި ދޭނީ ޒުވާނެއްގެ ބަދަލުހިފުންތަކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފިލްމުން ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެން ދާނެ އެވެ. ޕޯސްޓަރުތަކުން ވެސް އެކަން ދޭހަކޮށްދެ އެވެ.
"ބަވޭޝް ޖޯޝީ" އާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ ފިލްމާ ބެހޭ މާ ގިނަ ކަންކަމެއް ސާފެއް ނުވެ އެވެ. އެކަމަކު މީގެ ކާސްޓުން ނިޝިކަންތު ކަމަތު ފެނިގެން ދާނެ އެވެ. އޭނާއަކީ "މުމްބާއީ މޭރީ ޖާން" އާއި "ދްރިޝަމް" ފަދަ ކާމިޔާބު ފިލްމްތައް ގެނެސް ދިން ޑައިރެކްޓަރެވެ.
"ބަވޭޝް ޖޯޝީ" ރިލީޒްކުރަން މަހެއްހާ ދުވަހަށްވެފައިވާ އިރު، ހާޝް، 27، މިހާރު އަންނަނީ ބައްޕަ އަނިލްއާ އެކު ސްކްރީން ހިއްސާކުރާ ފިލްމަކަށް ވެސް ތައްޔާރުވަމުންނެވެ. އެއީ އޮލިމްޕިކްގައި ރަން މެޑެލް ހޯދާފައިވާ އިންޑިއާގެ މަޝްހޫރު ޕްރޮފެޝަނަލް ޝޫޓަރު އަބިނާވް ބިންދްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެވެ. އެ ފިލްމްގައި ހާޝް ކުޅޭނީ އަބިނާވްގެ ރޯލެވެ. އަނިލް ކުޅޭނީ އޭނާގެ ބައްޕަގެ ރޯލެވެ.
އަނިލް މިހާރު އަންނަަނީ ދޮށީ އަންހެން ސޯނަމް ކަޕޫރާ އެކު ވެސް ފިލްމެއް ކުޅެމުންނެވެ. އެއީ މި އަހަރުގެ އޮކްޓޯބަރު 18 ގައި ރިލީޒް ކުރާ "އެކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" އެވެ.