ދައުވާ އަށް ހަސަން އިންކާރު، އެކަމަކު ދައުވާ ކުރިއަށް ގެންދާނެ
ދައުވާ އަށް ހަސަން އިންކާރު، އެކަމަކު ދައުވާ ކުރިއަށް ގެންދާނެ

ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހޯދަން ފުލުހުން އިއުލާން ކުރުމުން ފުލުހަށް ހާޒިރުނުވި މައްސަލާގައި އޭނާގެ މައްޗަށް ކުރާ ދައުވާ އަށް އޭނާ އިންކާރުކުރެއްވި ނަމަވެސް، އެ މައްސަލައިގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ހަސަންގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރާއިރު، މިއަދު ކުރިއަށް ގެންދިޔައީ އޭނާ ފުލުހަށް ހާޒިރުނުވި މައްސަލާގައި ކުރާ ދައުވާގެ އަޑުއެހުމެވެ. އެ މައްސަލާގައި ހަސަންގެ މައްޗަށް ކުރަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މިއަދު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވުމުން ހަސަން ދައުވާ އަށް އިންކާރު ކުރުމުން އޭނާ ވަކީލުން ވަނީ އޭނާ ދައުވާއަށް އިންކާރުކުރާ ސަބަބު ހާމަކޮށްފަ އެވެ. ހަސަންގެ ވަކީލުންގެ ޓީމުގައި ހިމެނެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ފުލުހަށް ހާޒިރުވާން ހަސަނަށް އަންގާފައި ނެތް ކަމަށާއި ހަމައެކަނި އާންމުކޮށްފައި އޮތީ އޭނާ ހޯދަމުންދާ ކަމަށް ބުނެ އާންމުކުރި ނޫސް ބަޔާނެއް ކަމަށެވެ.

ހަސަން ހައްޔަރު ކުރުމުގެ އަމުރެއް އޭރު ފުލުހުންނަށް ލިބިފައި އޮތަސް އެ އަމުރުގެ ދަށުން ހަސަން ހައްޔަރު ކުރުމާއި ނުކުރުމަކީ ފުލުހުންނަށް އޮތް ބާރެއް ކަަމަށް ވާއިރު، އެ އަމުރު ވެސް ފަހުން ސުޕްރީމް ކޯޓުން ބާތިލްކުރި ކަން ވަކީލް ނޫރު ފާހަގަ ކުރެއްވި އެވެ. ވަކީލް ނޫރު ވިދާޅުވި ގޮތުގައި ހަސަން ފަހުން ހައްޔަރު ކުރުމަށް ފަހު، އޭރު އޭނާ ހޯދަން އިއުލާން ކުރި މައްސަލަ ފުލުހުން ބަލާފައެއް ނުވެ އެވެ. އެހެންވެ، އޭރު ހަސަން ހޯދަން އިއުލާންކުރީ ކޮންމެހެން އޭނާ ހާޒިރުވާން ޖެހޭ މައްސަލައާ ގުޅިގެން ނޫން ކަން އެނގޭ ކަމަށް ވަކީލް ވިދާޅުވި އެވެ.

ހަސަން ދައުވާ އަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އޭނާ ދެކޮޅަށް ހުށަހަޅާ ހެކިތައް ހާމަކޮށްފަ އެވެ. އެގޮތުން، އޭނާއާ ދެކޮޅަށް ފަސް ފުލުހަކާއި ސިއްރު ދެ ހެކިވެރިއަކާއި ބައެއް ލިޔުންތައް ހުށަހަޅާ ކަން ދައުލަތުން ހާމަކުރި އެވެ. ފަސް ފުލުހުންނަކީ އޭނާ ހޯދުމުގައި ހަރަކާތްތެރިވި ފުލުހުންނެވެ. ސިއްރު ދެ ހެކިވެރިންނަކީ ފުލުހުން ހަސަން ހޯދަމުންދާ ކަން އޭނާ އަށް އެނގޭނެ ކަމަށް ބުނާ ދެ ހެކިވެެރިއެކެވެ.

ދައުލަތުން ހެކިތައް ހާމަ ކުރުމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. މިހާރު އަމަލުކުރާ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް، އެ ދައުވާއެއް ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ މަދަނީ މިންގަނޑުން ބަލައި، ގޮތެއް ނިންމަން ޖެހެ އެވެ.

ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމުން ގާޒީ އާދަމް ވަނީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތަށް ފުރުސަތު ދެއްވައިފަ އެވެ. ދައުލަތުން ބޭނުންވީ ހުށަހެޅުންތައް ހުށަހަޅަން ހަތް ދުވަހުގެ މުއްދަތެކެވެ. ހަސަންގެ ވަކީލުން އެދުނީ އެކަމަށް 15 ދުވަސް ދިނުމަށެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ބުނީ ހަސަން ބަންދުގައި ހުންނައިރު، އޭނާއާ ބައްދަލު ކުރުމުގެ އިންތިޒާމްތައް ހުންނަ ގޮތުން ދިގު މުއްދަތެއް ނަގާތީ އެވެ.

ގާޒީ އާދަމް ވަނީ ހަސަންގެ ވަކީލުން އެދުނު ގޮތަށް 15 ދުވަހުގެ މުއްދަތެއް ދެ ފަރާތަށް ވެސް ދެއްވައިފަ އެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ކޯޓަށް ހުށަހެޅުމަށާއި އޭގެފަހުން ދެ ފަރާތުން ހުށަހެޅުންތައް އަނެއް ފަރާތަށް ބަދަލު ކުރުމަށް ފަހު، އަންނަ މަހުގެ ފަހުކޮޅު އަޑުއެހުމެއް ބާއްވާނެ ކަން ގާޒީ އިއުލާން ކުރެއްވި އެވެ.

އަޑުއެހުމުގައި ފުރަތަމަ ދައުވާ އިއްވުމުން ހަސަން ވިދާޅުވީ ބައެއް ލިޔުންތައް ނުލިބޭތީ ދައުވާއާ މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. ބައެއް ލިޔުންތައް މަދު ކަމަށް ބުނެ ހަސަންގެ ވަކީލުން އެކަން ފާހަގަ ކުރުމުން ދައުލަތުން ބުނީ އެ މައްސަލައާ ގުޅިގެން މިވަގުތު ހާމަކުރަން ބޭނުންވާ ހުރިހާ ލިޔުމެއް ދޫކޮށްފައިވާ ކަމަށާއި ދެން ހުރީ ސިއްރު ލިޔުންތައް ކަމަށެވެ.

އެކަމަށް ދެކޮޅު ހަދައި، ހަސަންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ނޫރު ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ދައުވާއާ އެކު ދައުލަތުން ހުށަހަޅާ ހުރިހާ ލިޔުންތަކެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި ލިޔުމެއް ސިއްރު ކުރެވޭނީ އެކަމަށް ކޯޓު އަމުރެއް ހޯދައިގެން ކަމަށެވެ. ލިޔުމެއް ސިއްރު ކުރަން އެފަދަ އަމުރެއް އޮތްކަން ދައުލަތަށް ބުނެދެވިފައިނުވާ ކަމަށާއި އެހެންވެ އެ ލިޔުންތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ނޫރު ވިދާޅުވި އެވެ. އަދި ފަހުން ޝަރީއަތުގެ މަރުހަލާގައި އެކަން ސިއްރު ކުރާ ނަމަ ކުރަންޖެހޭނީ އިބްތިދާއީ މަރުހަލާގައި އެކަމަށް އެދިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ އެ ލިޔުންތައްް ސިއްރު ކުރަން ކުރިން ވެސް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

އެކަމާ މެދު ދެ ފަރާތުން ބަހުސް ކުރަން ފެށުމުން ގާޒީ އާދަމް ނިންމެވީ އެ ލިޔުންތައް ވަގުތީ ގޮތުން މިވަގުތު ސިއްރު ކުރުމަށެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާއިރު، އެ ލިޔުންތައް ސިއްރު ކުރަން ދައުލަތުން ނޭދިއްޖެ ނަމަ ނުވަތަ އެ ލިޔުންތައް ސިއްރު ނުކުރަން ކޯޓުން ނިންމައިފި ނަމަ އެ ލިޔުންތައް ވެސް އެ ހިސާބުން ހާމަވާނެ ކަމަށް ގާޒީ އާދަމް ނިންމެވި އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަސަންގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ރިޝްވަތުގެ ހިފުމުގެ ދައުވާ އާއި އިތުރު ދައުވާތަކެއް ވެސް ހަސަންގެ މައްޗަށް ކުރެ އެވެ. އެ ދައުވާތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.